ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް.-- ފޮޓޯ: ރައީސް އޮފީސް
ކުޅުދުއްފުށީ މޭޔަރަށް އެޗްޑީސީން ދިން ދައުވަތު އަނބުރާ ގެންގޮސްފި
ހަސަން އިބްރާހީމް 1 އޭޕްރީލް 2026 (ބުދަ)   23:04
ކުޅުދުއްފުށި ސިޓީގައި ސަރުކާރުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ 2000 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް އެ ސިޓީގެ މޭޔަރ މުހައްމަދު އާތިފް އަށް ދައުވަތު ދިނުމަށްފަހު، ކުއްލި ގޮތަކަށް އެ ދައުވަތު އަނބުރާ ގެންދިޔަ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މޭޔަރ އާތިފް ފޭސްބުކްގައި މިރޭ އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން މިއަދު މެންދުރުގެ ވަގުތެއްގައި އޭނާ އަށް ދައުވަތު ދިން ކަމަށެވެ.

އަދި އެ ދައުވަތު ވަގުތުން ގަބޫލުކޮށް  ރަސްމިއްޔާތުގައި ބައިވެރިވާނެކަމަށް އަންގާފައިވާނެ ކަމަށްވެސް އާތިފް ވިދާޅުވެފައި ވެއެވެ.

އެހެން ނަމަވެސް، މިއަދު ހަވީރުގެ ވަގުތެއްގައި އެޗްޑީސީގެ ފަރާތުން އަލުން ގުޅައި، އެ ދައުވަތު އަނބުރާ ގެންދިޔަކަމަށް އެންގިކަން އާތިފް ހާމަކުރައްވާފައި ވެއެވެ.  

"އެހެންކަމުން އަޅުގަނޑު އެ ޖަލްސާގައި ބައިވެރި ނުވުމުން ރައްޔިތުންގެ ހިތުގައި ސުވާލު އުފެދުނަ ނުދިނުމަށް މިކަން އެންމެހާ ލޮބުވެތި ރައްޔިތުންނާއި ހިއްސާކުރަން." މޭޔަރ ކަމުގެ ދެވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަމުން ވަޑައިގަންނަވާ އާތިފް ލިޔުއްވާފައި ވެއެވެ.

މީގެ އިތުރުން، ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މި ބޮޑު މަޝްރޫއު ކުރިއަށް ދާގޮތުން މޭޔަރ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"2000 ޔުނިޓުގެ ބިންގާ މިރޭ އަޅާއިރު އަދި މިހާތަނަށް ހައުސިން ޔުނިޓްތަކުގެ އިނިޝިއަލް ކޮންސެޕްޓްވެސް ތައްޔާރުކޮށް ކައުންސިލާ ހިއްސާކޮށްފައި ނުވާކަން ހިތާމައާއެކު ފާހަގަކުރަން." އާތިފް ވިދާޅުވެފައި ވެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ކުޅުދުއްފުށި ސިޓީއަށް ވެފައިވާ ވައުދުތައް ނުފުއްދަވާ ކަމާއި ކުރީ ސަރުކާރުން ފަށާފައިހުރި މަޝްރޫއުތައް ހުއްޓިފައިވާކަން މޭޔަރ އަންނަނީ ތަކުރާރުކޮށް ފާހަގަ ކުރައްވަމުންނެވެ.

2025 ވަނަ އަހަރުގެ އޮގަސްޓް މަހު ރައީސް މުއިއްޒު، ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުގައި ބޭއްވެވި ޖަލްސާގައިވެސް މޭޔަރު އާތިފް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ދައުލަތުގެ މީޑިއާއިންނާއި ރައީސް އޮފީހުން ލައިވްކުރި އެ ޖަލްސާގެ ވީޑިއޯ އިން އާތިފްގެ ވާހަކަ ފަހުން ވަނީ އުނިކޮށްފަ އެވެ. 

ފާއިތުވި މާޗްމަހުގެ 27 ވަނަ ދުވަހުގެރޭ ކުޅުދުއްފުށީގައި ބޭއްވި "ކުޅުދުއްފުށި ސިޓީ ތިލަފަތަށް" ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އާތިފް އަކީ ނަމޫނާ މޭޔަރެއް ކަމަށާއި, އެކަން މުޅި ރާއްޖެއަށް ދައްކައިދީފައިވާ ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ސަރުކާރުން އެންމެ ޖެހިލުންވާ އެއް ބޭފުޅަކީވެސް މޭޔަރ އާތިފް ކަމަށް ރައީސް ސޯލިހް އެރޭގެ ޖަލްސާގައި ވިދާޅުވި އެވެ. 

ކޮމެންޓް