
އެ މިނިސްޓްރީން ގިނަ މަގާމުތަކަކަށް މުއައްޒަފުން ހޯދުމަށް އިއުލާނުކޮށްފައިވާއިރު، މިހާރު ވެސް އެ މިނިސްޓްރީގައި ސިޔާސީ މުވައްޒަފުން ގިނަ އަދަދަކަށް އެބަތިބިކަމަށް ބުނެ އެކި ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން އެ މިނިސްޓްރީގައި 50 ސިޔާސީ މުވައްޒަފުން ތިބިކަމަށް ނިމުނު އަހަރު ވެސް ހާމަކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ.
މި މިނިސްޓްރީގެ މައިގަނޑު މަސްއޫލިއްޔަތަކީ ދިވެހި ގައުމިއްޔަތު އަލާކޮށް، ތަރިކައާއި ބަހާއި ސަގާފަތް ހިމާޔަތްކޮށް ކުރިއެރުވުން ކަމަށްވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ތަރުޖަމާނު އަދި އެންސްޕާ (ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ) ގެ ކުރީގެ ސީއީއޯ ހީނާ ވަލީދު ވަޒީރުކަމުގައި ހުންނެވި، އެ ވުޒާރާއަށް ގިނަ މުއައްޒަފުންތަކެއް ނެގުމަށް ނިންމާފައި ވަނީ، އެ ވުޒާރާގެ މަސައްކަތްތައް ފުޅާކުރުމަށާއި، ހިންގުން ހަރުދަނާކުރުމަށް ޓަކައި ގިނަ ކަމަށް ބުނެއެވެ.
އެގޮތުން އެ ވުޒާރާގެ ވަޒީފާގެ ފުރުސަތުގެ ގޮތުގައި، ޖުމްލަ 8 އިއުލާނެއް މި މަހުގެ 14 އަށް މުއްދަތު ހަމަވާގޮތަށް މިއަދު ކޮށްފައި ވާއިރު، އެ އިއުލާނުތަކުގެ ތެރޭގައި ސިވިލް ސާވިސްގެ ދާއިމީ ފަސް މަގާމެއް ހިމެނެއެވެ.
އެ މަގާމުތަކަކީ:
މިއަހަރު ކުރިއަށް މި އޮތް މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް ހިންގާ ތަން އަމިއްލަ ތަކެތީގައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވެސް އެ މިނިސްޓްރީން އިއުލާނުކޮށްފައި ވާއިރު، އެ މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ މީޑިއާ މަސައްކަތްތައް ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރާނެ ޕީއާރު ފާމެއް ހޯދުމަށް ވެސް ބީލަމަށް ހުޅުވާލާފައި މިހާރުވެސް އެބައޮތެވެ.
އަދި މީގެ އިތުރުން ޕްރިންސިޕަލް ބިޔުރޯ އޮފިސަރެއް ހޯދުމަށް ވެސް ދާދި ފަހުން އެ މިނިސްޓްރީން އިއުލާނުކޮށްފައި ވާއިރު، ރައީސް މުއިއްޒު ދާދިފަހުން ވަނީ މި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުގެ މުއައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުއައްޒަފުން މަދުކުރުން ފަދަ، ގިނަ ކަންތައްތަކެއް އެމަނިކުފާނު، ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ.
އެކަންކަމަށް އެއްވެސް އަމަލީ ސިފައެއް އަދި ޖެހިފައި ނުވާއިރު، މި ސަރުކާރު ފެށުނީންސުރެ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ފާޑުކިޔުމަކީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގަ އާއި އަދި އެހެނިހެން ގޮތްގޮތުން ވެސް އެތައް ބަޔަކަށް ވަޒީފާތައް ބަހަމުން އަންނަކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކެވެ.
އެހެންކަމުން، ކޮންމެ އަހަރަކުހެން މުސާރައަށް ކުރަން ޖެހޭ ހޭދަ ބޮޑުވެފައި ވާއިރު، މިއަހަރުގެ މިހާތަނަށް ރިކަރަންޓް ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ވެސް އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށް ކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެގޮތުން ސަރުކާރުގެ އޮފީސްތައް ހިންގުމަށާއި، ވެލްފެއާ ޕްރޮގްރާމްތަކަށާއި، ސަބްސިޑީގެ އިތުރުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް 12،275.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން މުވައްޒަފުންގެ މުސާރައާއި އުޖޫރަ އަދި ޕެންޝަނަށް 7،987.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ގެއްލުމާއި ރައިޓް-އޮފްގެ ގޮތުގައި 70.5 މިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. އެހެންކަމުން މިއީ އޭގެ ކުރީ އަހަރުގެ 11.9 މިލިއަން ރުފިޔާއާ އަޅައި ބަލާއިރު ބޮޑުވުމެކެވެ.
ރިކަރަންޓް ހަރަދުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، ކެޕިޓަލް ހަރަދު ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ އެންމެ 3،046.8 މިލިއަން ރުފިޔާއެވެ. މިއީ މިއަހަރަށް ފާސްކޮށްފައިވާ 9،284.4 މިލިއަން ރުފިޔާގެ ކެޕިޓަލް ބަޖެޓުގެ ވަރަށް ކުޑަ މިންވަރެއްކަން ފާހަގަކޮށްލެވެއެވެ.




