އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ ލާމަރުކަޒީ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: އެމްޑީޕީ
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ނިންމުންތަކަށް އެލްޖީއޭއިން ހުރަސްއެޅުން އެމްޑީޕީން ކުށްވެރިކޮށްފި
ޖުނާން އަޙުމަދު 14 ޖުލައި 2026 (އަންގާރަ)   23:11
ހދ.ކުޅުދުއްފުށި ސިޓީ ކައުންސިލުން ނިންމާފައިވާ ގާނޫނީ ނިންމުންތަކަށް ސަރުކާރުގެ ނުފޫޒުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ހުރަސް އަޅަމުންދާ ދިއުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) އާއި، ލާމަރުކަޒީ ޤާނޫނުން ސިޓީ ކައުންސިލްތަކަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި އިޚްތިޞާޞްގެ ތެރެއަށް މަރުކަޒީ ސަރުކާރުން ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން 2 ޖުލައި 2026 ގައި ބޭއްވި ރަސްމީ ޖަލްސާއިން ނިންމާފައިވާ ނިންމުމަކީ މުޅި ހދ.އަތޮޅުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ނިންމާފައިވާ ގާނޫނީ ނިންމުމެއް ކަމަށް އެމްޑީޕީން ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް، ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިސްވެ ހުންނަވައި، އެލް.ޖީ.އޭ މެދުވެރިކޮށް އެ ނިންމުން ބަދަލުކުރުމަށް އަންގައި ފޮނުވާފައިވާ ސިޓީއަކީ ލާމަރުކަޒީ ނިޒާމުގެ ބިންގާ ހަލާކުކޮށްލުމަށް ހިންގާ ސިޔާސީ ޖަރީމާއެއްގެ ގޮތުގައި އެ ޕާޓީން ވަނީ ސިފަކޮށްފައެވެ.

އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

ސިޓީ ކައުންސިލްގެ ޤާނޫނީ ބާރުތަކަށް ހުރަސްއެޅުން: ލާމަރުކަޒީ ޤާނޫނުގެ 38 އަދި 39 ވަނަ މާއްދާގެ ދަށުން ކައުންސިލަކީ މުސްތަޤިއްލު ޤާނޫނީ ޝަޚްޞެއް ކަމަށްވީ ހިނދު، ސަރުކާރުން ބޭނުންވާ ގޮތަށް ނިންމުންތައް ބަދަލުކުރަން އެންގުމަކީ ޤާނޫނުގެ ބާރު ކަނޑުވާލުމެވެ.

ރައްޔިތުންގެ ތަމްސީލުވުމަށް ހުރަސްއެޅުން: ރައްޔިތުންގެ ވޯޓުން އިންތިޚާބުކޮށްފައިވާ މަންދޫބުންގެ ނިންމުންތައް ގަދަކަމުން ބާތިލުކުރުވަން އުޅުމަކީ ރައްޔިތުންގެ ޝުޢޫރުތަކަށް ސަރުކާރުން ބެލުމެއް ނެތްކަމުގެ ހެކިތަކެކެވެ.

އިދާރީ ހިންގުމަށް ނުފޫޒު ފޯރުވުން: ދައުލަތުގެ ބާރުތައް އަލުން މަރުކަޒުކުރުމަށް ރައީސް މުޢިއްޒުގެ ސީދާ އެންގުމުގެ ދަށުން ނާތަހުޒީބު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ.

ޤާނޫނު އަސާސީއާ ޚިލާފުވުން: ޤާނޫނު އަސާސީގެ 19 ވަނަ މާއްދާގެ ދަށުން މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން އޮތްއިރު، ކައުންސިލްގެ ނިންމުން ބާތިލުކުރުމަށް އެންގުމަކީ ޚުދުމުޚުތާރު އަމަލެކެވެ.

އެމްޑީޕީން ވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ނިންމުމަށް އިހުތިރާމްކޮށް، އެލްޖީއޭ އިން ފޮނުވާފައިވާ ޣައިރުޤާނޫނީ އެންގުން ވަގުތުން އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ. އަދި ސިޓީތަކުގެ ތަރައްގީއަށް ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ.

ބަޔާން ނިންމާލަމުން އެމްޑީޕީން ބުނެފައިވަނީ، ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއްގައި އެ ޕާޓީ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އެމްޑީޕީ ސަރުކާރެއްގައި، މިހާރުގެ ސަރުކާރުން ޤާނޫނުތަކަށް ގެނެސްފައިވާ ބަދަލުތައް އުވާލައި، ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އަލުން އިޔާދަކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އެމްޑީޕީގެ ފަރާތުން ވަނީ ދީފައެވެ. 

ކޮމެންޓް