އޭއައި އިން އުފައްދާފައިވާ ޖެސިކާ އޮލިވޭރާ އާއި އެޑިމާރ މާޓިންސް.--
އެތައް ގުރުބާނީއެއް ވީފަހުން އެނގުނީ ވާހަކަ ދެއްކުނީ އޭއައި މީހަކާކަން
މަރްޔަމް މުޙައްމަދު 19 އޮކްޓޯބަރ 2026 (ހޯމަ)   09:42
ދަނޑުވެރިކަންކުރާ ސަރަހައްދަކަށް ނިސްބަތްވާ ރަން އިސްތަށިގަނޑެއްގެ ވެރި ޖެސިކާ އޮލިވޭރާ އެ ފިރިހެންމީހާގެ ހިތް ދަމައިގަތްލެއް ބޮޑުކަމުން، އެއީ އޮޅުވާލުމެއްކަމުގެ އެއްވެސް އިހްސާސެއް އޭނާއަކަށް ނުކުރެވުނެވެ.

ބްރެޒީލްގެ އުމުރުން 49 އަހަރުގެ އިމާރާތްކުރުމުގެ މަސައްކަތްތެރިއެއް ކަމަށްވާ އެޑިމާރ މާޓިންސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ އަންހެނަކު ދެކެ އިންތިހާއަށް ލޯބިވެ، އޭނާއާއެކު ދިރިއުޅުމަށްޓަކައި މިލްކިއްޔާތުގައި ހުރި ހުރިހާ އެއްޗެއް ވިއްކާލިއެވެ.

ބްރެޒީލްގެ ޓީވީ މިރާންޓޭ އަށް އެޑިމާރ ކިޔައިދިން ގޮތުގައި، 2020 ވަނަ އަހަރުން ފެށިގެން އޭނާ ސޯޝަލް މީޑިއާގައި ރަން އިސްތަށިގަނޑުލީ ޖެސިކާ އޮލިވޭރާގެ ޕްރޮފައިލް ފޮލޯކުރަމުން ދިޔައީ އެއީ އަސްލު މީހެއް ކަމަށް ގަބޫލުކޮށްގެންނެވެ. އޭނާ ދިރިއުޅެމުން ދިޔަ އިމްޕެރަޓްރިޒް އާއި ބެލޯ ހޮރިޒޮންޓޭއާ ދެމެދު ހުރި 2000 އަށް ވުރެ ގިނަ ކިލޯމީޓަރުގެ ދުރުމިނަށް ދަތުރުކުރުމަށް ހަރަދު ހަމަޖެއްސުމަށްޓަކައި އޭނާގެ ހުރިހާ މުދަލެއް ވިއްކާލިއެވެ.

ޖެސިކާގެ ޕްރޮފައިލްގައި 300 ހާހަށް ވުރެ ގިނަ ފޮލޯވަރުން ތިއްބެވެ. އޭނާއަކީ ކައިވެނި ރޫޅިފައިވާ، ދަނޑުވެރިކަންކުރާ ސަރަހައްދެއްގައި އެކުގައި ދިރިއުޅޭނެ ފިރިހެނަކު ހޯދަމުންދާ މީހެއްގެ ގޮތުގައި އަމިއްލައަށް ސިފަކޮށްފައިވާއިރު، އެ ފިރިހެންމީހާއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ވައުދުވެފައި ވެއެވެ. އަދި އެ ޕްރޮފައިލުން އޮންލައިން ފިހާރައެއްވެސް އިޝްތިހާރު ކުރަމުން ދިޔައެވެ.

އެޑިމާރ އަތުން ދުވަހަކުވެސް ފައިސާއަކަށް އެދިފައި ނުވާތީ، މިއީ މަކަރެއްކަމުގެ ޝައްކެއް އޭނާއަކަށް ނުކުރެވެއެވެ. އަދި ކީއްހެއްޔެވެ، އެ ޕްރޮފައިލުން ވަނީ އޭނާގެ ދަތުރުގެ ހަރަދު ދިނުމަށްވެސް ހުށަހަޅާފައެވެ.

ހަގީގަތް ފަޅާއެރީ ބެލޯ ހޮރިޒޮންޓޭއިން އޭނާގެ ލޯބިވެރިޔާ ނުފެނިގެން، އެ ސަރަހައްދުގެ ރޭޑިއޯ ސްޓޭޝަނަކަށް ދިއުމުންނެވެ. އެތަނުން އޭނާއަށް އެނގުނީ އެއީ ފޭކެއް ކަމާއި، އެ ވީޑިއޯތަކަކީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ އެއްޗެހި ކަމެވެ.

އެ ސަރަހައްދުގެ ރައްޔިތުން އެޑިމާރ އަށް އެހީތެރިވެދިން އިރު، ބެލޯ ހޮރިޒޮންޓޭގެ ސިޓީ ހޯލުން ވަނީ އޭނާއަށް ކާބޯތަކެއްޗާއި، ހުންނާނެ ތަނެއްގެ އިތުރުން އޭނާ އުފަންވި އޮގަސްޓިނޯޕޮލިސްއަށް ދާނެ ޓިކެޓު ހަމަޖައްސައިދީފައެވެ. އޭނާ މިހާރު ދިރިއުޅެމުންދަނީ އިމްޕެރަޓްރިޒްގައި ތިބި ތިމާގެ މީހުންނާ އެކުގައެވެ.

އެހެންނަމަވެސް އޭނާ ބުނަނީ މިކަމާ ދެރަނުވާ ކަމަށާއި، އަލުން ލޯބި ހޯދުމުގެ މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.

މި ޚަބަރު މި ދުވަސްވަރު ވައިރަލްވެ، ބައިނަލްއަގްވާމީ މީޑިއާ ތަކުގައި ވަނީ ޝާއިއުކޮށްފައެވެ.

ކޮމެންޓް