
އެއަށްފަހު މިފަހަކަށް އައިސް ކުއްލިޔަކަށް ފެނިގެން މިދިޔައީ ކްރޮސަންޓް ތެރެއަށް މެގްނަމް ކޮށްޕުމުގެ ޓްރެންޑެކެވެ. އެ ޓްރެންޑް ސޯޝަލްމީޑިއާގައި އެނބުރޭތާ މާ ދުވަސްތަކެއް ނުވެ އަނެއްކާ ކުއްލިއަކަށް މިހާރު ފޭސްބުކްގައި ދައުރުވާން މި ފެށީ، ފުލުހުންގެ ޔުނީފޯމްގައި ތިބޭ ބަޔަކު މީހުން ހައްޔަރުކޮށްގެން ގެންދާ މަންޒަރާއި އެހެން މީހުން ހައްޔަރުކުރުމަށް ފުލުހަކަށް ވެގެން ދުވާ މީހުންގެ ފޮޓޯތަކެކެވެ.
މުޅި ފޭސްބުކް ފްލަޑްވަމުންދާ ވަރަށް މި ފޮޓޯތައް މިހާރު ދައުރުވަމުން އަންނައިރު ބައެއް މީހުންނަށް ކުއްލިހައިރާންކަމެއް ލިބިގެންދަނީ އެމީހުންގެ ރައްޓެހިން ނުވަތަ އާއިލާ މީހަކު ހައްޔަރުކޮށްގެން ގެންދާ މަންޒަރު ފެނުމުންނެވެ. ނަމަވެސް ރެއަކާ މިލަނީ އިރުކޮޅެއް ފަހުންނެވެ. މިއީ އަސްލެއް ނޫނެވެ. އޭއައި ޖެނެރޭޓެޑް ފޮޓޯތަކެކެވެ.
މި ފޮޓޯ ޖެނެރޭޓްވާ ގޮތަށް ބަލައިލާއިރު، މިކަން ވަރަށް ފަސޭހަކަމަކަށް ވާތީއާ އަދި މަޖާކަމަކަށް ވާތީ ގިނަބަޔަކު މިފަދަ ފޮޓޯތައް ޝެއާކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން "މެޖިކް ސްވެޕް ޕަޒްލް" ނުވަތަ އެ ނޫންވެސް ނަންނަމުގައި މިގޮތަށް ފޮޓޯތައް ޖެނެރޭޓްކުރާ އެޕްލިކޭޝަންތައް ފޭސްބުކްގެ ތެރެއިން ދައުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
އެއްގޮތަށްވުރެ ގިނަގޮތްގޮތަށް މި ފޮޓޯތައް ޖެނެރޭޓް ކުރެވޭއިރުގައި ގިނަބަޔަކު މީގެއިން އެންމެ ފަސޭހަގޮތް ބޭނުންކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެއީ މެދުގައިވާ ގޭމް އައިކަންއަށް ފިއްތާލުމުން ފޮޓޯ ޖެނެރޭޓެވުމުން އެ ފޮޓޯ ވަގުތުން ޝެއާކޮށްލެވޭ ފަދަ ގޮތަކަށް އިންނަ އެޕްލިކޭޝަންތަކެވެ.
އަދި މިނޫން އެހެންގޮތްގޮތަށް މަސައްކަތްކުރާ އެޕްލިކޭޝަންތަކަށް ބަލައިލާއިރު، މީހުން އެމީހުންގެ ނުވަތަ ރައްޓެހިންގެ ފޮޓޯ ބޭނުންކޮށްގެން، ޖަލުގައި ނުވަތަ ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ހުންނަ ފަދަ ގޮތަކަށް އެ އެޕްތައް ނުވަތަ އެޑިޓިންގ ޓޫލްސް ބޭނުންކޮށްގެން ފޮޓޯ ހެދުމަށް ފަހު އެ ފޮޓޯތައް ޝެއާކޮށްލެވެއެވެ.
އަދި މިފަދަ ފޮޓޯތަކުގައި، އެމީހަކަށް ތުހުމަތު ކުރެވޭ މައްސަލައިގެ ލިޔުންތައް ވެސް ހިމަނާފައި ހުންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފޮޓޯއާއެކު، އެމީހަކު "ހައްޔަރުކުރި" ސަބަބެއްގެ ގޮތުގައި ވަރަށް މަޖާ އަދި ސަމާސާ ކޮންމެވެސް ސަބަބެއް ފެންނަން ހުރެއެވެ. މިސާލަކަށް: "ރައްޓެހިންނަށް މެސެޖު ނުކުރާތީ" ނުވަތަ "ވަރަށް ގިނައިން ނިދާތީ", "ފޯނާ ކުޅޭވަރުން" ހައްޔަރުކޮށްފައި މިފަދަ މަޖާ އިބާރާތްތައް ފެނެއެވެ.
އަދި އެއަށްފަހު މިފަދަ ފޮޓޯތަކުގައި ބައެއްމީހުން އެމީހުންގެ ރައްޓެހިން ޓެގްކޮށް، ދެން އޮތް "ކުށްވެރިޔަކީ" އެއީކަމަށް ވެސް ބުނެ ޗެލެންޖެއްގޮތަށް ކުރިއަށް ގެންދާ ތަން ވެސް ފޭސްބުކްގެ ތެރެއިން މަދުން ނަމަވެސް ފެންނަމުން ދެއެވެ.
މިފަދަ ފޮޓޯތައް މާއަވަހަށް ވައިރަލްވެގެން އައިސްފައިވާ ސަބަބުތަކަށް ބަލައިލާއިރު، މިކަން އަވަހަށް ވައިރަލްމިވަނީ ބަލައިލަން މަޖާ، އަދި އަސްލާ ގާތްކުރާފަދަ ގޮތަކަށް ހުންނަ ފޮޓޯތަކަކަށް ވެފައި، އަދި މިއީ ރައްޓެހިންގެ މެދުގައި ސަމާސާކޮށްލަން ލިބޭ ފުރުސަތަކަށްވާތީ ކަމަށް ގިނަބަޔަކު ފާހަގަކުރެއެވެ.
މިހަރަކާތް ފޭސްބުކްގައި މާބޮޑަށް ވައިރަލްވެގެން އަންނާތީ މިކަމަކީ ކިހިނެތް ވާކަމެއްތޯ އޮޅުން ފިލުވާލުމަށް ޓެކްނޮލޮޖީ އަދި ހާއްސަކޮށް އިންޓަނެޓުގެ ދާއިރާގައި ފުންނާބު އުސް، ކަމާބެހޭ މާހިރަކާ ވާހަކަދައްކާލީމެވެ. އެގޮތުން އޭނާ ބުނެދިން ގޮތުގައި މިއީ މުޅިއަކުން އަދި މާބޮޑު މައްސަލައަކަށް ނުވި ނަމަވެސް، ސަމާސާއަކަށް ކުރެވެމުން އަންނަ މި ކަންތައް ފަހުން ވިހައަކަށް ވެސް ބަދަލުވުން މާ ދުރު ނޫންކަމަށް ވިސްނާ ސަމާލުވާންޖެހެއެވެ.
އެގޮތުން މިކަމަށް މީހުން ހޭނުމުން ދެން މިކަމުން ނާޖާއިޒް ފައިދާ ނަގައިގެން ސްކޭމަކަށް ބަދަލުކޮށްލުމުގެ ހަރަކާތެއް ހިނގާ ދިޔުމަކީ މާ ދުރުގައިވާ ކަމެއްނޫންކަމަށް ބުނެ މިކަން ދަންނަ މީހުން ބުނަނީ، އޭއައި ބޭނުންކޮށްގެން ހަގީގީ ސިފަޖެހޭ އަދި އާދަޔާހިލާފު މިފަދަ މަންޒަރުތައް އުފައްދައިގެން، ސޯޝަލް މީޑިއާގައި ސްކްރޯލްކުރާ މީހުން އެކަމަށް ހޭނި ކްލިކްކުރަމުން ދަނިކޮށް އެ ކްލިކް އައިކޮންތަކާއި ސްކޭމް ލިންކްތަކެއް ކަނެކްޓްކޮށް ކްލިކްބެއިޓަކަށް މުޅިން ބަދަލުކޮށްލަފާނެ ކަމީ ސަމާލުވާންޖެހޭ ކަމެއް ކަމަށެވެ.
އެގޮތުން ފޮޓޯގެ މެދުގައި "Click to play" ނުވަތަ ގޭމް ކުޅޭ އައިކަން ފެންނަން އިންނަ ނަމަވެސް ފަހުން އެއީ އަސްލު ގޭމަކަށް ވެސް ނުވެ, އެއަށް ކްލިކްކުރުމުން އެހެން ވެބްސައިޓަކަށް، ނުވަތަ އެޕްލިކޭޝަނެއް ޑައުންލޯޑްކުރާ ޕޭޖަކަށް، ނުވަތަ އިޝްތިހާރުތައް ގިނަ ލިންކަކަށް ގެންގޮސް އެމީހާގެ ޒާތީ މައުލޫމާތުތަކަކުން ވައްކަންކޮށް ފައިސާ ފޭރިގަތުމަކީ ވެސް މާ ދުރުގައިވާނެ ކަމެއް ނޫންކަމަށް ވިސްނާ އެކަމަށް ސަމާލުވުމަށް ކަމާބެހޭ މާހިރުން އިރުޝާދު ދެއެވެ.
އެގޮތުން އެއީ ބްރައުޒާގެ ސެކިއުރިޓީއަށް ނުރައްކާވާ ފަދަ ލިންކްތަކަށް މީހުން ގެންދިއުމަށް ޖަހާ މަޅިއަކަށް ވެސް ވުން އެކަށީގެންވާތީ، އެފަދަ އިޝްތިހާރުތަކަށް ކްލިކް ނުކުރުމަށާ، ފޭސްބުކްގައި "Report Ad" ނުވަތަ "Hide Ad" އެކްޓިވޭޓް ކުރުން ރަނގަޅުވާނެ ކަމަށް ވެސް މާހިރުން ބުނެއެވެ.
އެހެންކަމުން ސްކޭމަރުން ތިމާގެ ޒިންދަގީ އުފުރައި ނުލަނީސް އަމިއްލަ ސިކުނޑިން މިފަދަ އާދަތައް އުފުރާލުން ބުއްދިވެރި އެވެ.




