އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު - ފޮޓޯ: އެމްޑީޕީ
ސިޔާސީ ބޭނުމަށް ވަޒީފާއިން ވަކި ކުރަމުންދަނީ އެއްވެސް ސުމާރެއްނެތި: ޝާހިދު
މަރްޔަމް މުޙައްމަދު 21 ޖުލައި 2026 (އަންގާރަ)   10:03
އެމްޑީޕީ ގެ އާންމު މެންބަރުންނާއި އިސްލާހަށް ލޯބިކުރާ ދިވެހި ރައްޔިތުން މުޅި ރާއްޖޭގެ އެކި ހިސާބުތަކުން ވަޒީފާއިން ވަކި ކުރަމުންދަނީ އެއްވެސް ސުމާރެއްނެތި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ކުރިއަށް އޮތް ތިން މަސް ތެރޭގައި 33 ޕަސެންޓަށް މަދުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް މިދިޔަ އޭޕްރީލް މަހު އެންގި އެންގުމަށް އަމަލުކުރަން ޕީސީބީން އަލުން ކުންފުނިތަކަށް މިދިޔަ ހަފްތާގެ ތެރޭގައި އެންގުމާ ގުޅިގެން ސަރުކާރުން އަމަލު ކުރަމުންދާ ގޮތަށް އިޝާރާތް ކުރައްވައެވެ.

ޝާހިދު، ސޯޝަލްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން މި ޖަރީމާ ހިންގަމުންދަނީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ނިވަލުގައި އޮވެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ކުންފުނިތަކުން އެމްޑީޕީގެ މެންބަރުން ވަކިކުރަނީ ސަރުކާރުން ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބަހައި، ސަރުކާރު ދެމެހެއްޓެމުގެ ހީލަތްތެރި ވިސްނުމުގައި ކަމަށެވެ. މިއީ އިގްތިސާދު ހީނަރުވެ ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެތައް ރައްޔިތުންނެއް ބިކަކޮށް އާއިލާތައް އިނދަޖައްސާލުމަށް ހިންގާ އަނިޔާވެރި ޖަރީމާއެއް ކަމުގައިވެސް ވިދާޅުވި އެވެ.

"މިކަން ވަގުތުން ހުއްޓާލައި ސަރުކާރުގެ ސިޔާސީ ވަޒީފާ ބެހުމުގެ އިސްރާފާއި ކޮރަޕްޝަނަށް ބައިއަޅާ ފައިސާ ސަލާމަތްކޮށް ރައްޔިތުން ވަޒީފާގެ ކަށަވަރުކަން ނެތުމުގެ ބިރުން ސަލާމަތްކޮށް ދިނުމަށް ސަރުކާރަށް ގޮވާލަމެވެ،" ޝާހިދު ވިދާޅުވިއެވެ.

ބޭއިންސާފާއި ކުރިމަތިލާންޖެހޭ ކޮންމެ ރައްޔިތެއްގެ ހިމާޔަތުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި މިފަދަ ބޭއިންސާފުތަކަށް ބަދަލު ހޯދައިދޭނެ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް