ފައިސަލް ނަސީމް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި.--
ރައްޔިތުންނާ ދޭތެރޭ ވިސްނައިގެން މި ސަރުކާރުން ކުރާ އެއްވެސް ކަމެއް ނުފެނޭ
"ވަޒީފާތަކުގައި ތިބޭ މުވައްޒަފުންނަށް ޕާޓީއަށް ވަންނަން މަޖުބޫރު ކުރުވުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް، މުވައްޒަފުންނަށް ގާނޫނުން ލިބިދޭ ހައްގުތަކުގައި ދެމިތިބުމަށް ގޮވާލަން"
ހަސަން އިބްރާހީމް 17 ނޮވެމްބަރ 2026 (އަންގާރަ)   14:38
ރައްޔިތުންނާ ދޭތެރޭ ވިސްނައިގެން މި ސަރުކާރުން ކުރާ އެއްވެސް ކަމެއް ނުފެންނަ ކަމަށާ، ވަޒީފާގެ ބިރުދައްކައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގެ ސަބަބުން މުވައްޒަފުން ނަފުސާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލް ނަސީމްގެ ކެމްޕެއިން ޓީމް "ފައިސަލްއާޒިމް2028" ގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ ސަރުކާރުގެ ވަޒީފާތަކުގައި ތިބޭ މީހުން ވަކި ޕާޓީއަކަށް ވަނުމަށް މަޖުބޫރު ކުރުވާތީ، އެކަން މިހާރު ނަފުސާނީ މައްސަލައަކަށްވާ ހިސާބަށް ވެސް ގޮސްފައިވާ ކަމަށެވެ.

އަދި ސަރުކާރުގެ ވަޒީފާތަކުގައި ތިބޭ ގިނަ އަދަދެއްގެ މުވައްޒަފުންގެ ފަރާތުން މިފަދަ ކަންބޮޑުވުންތައް ލިބެމުން އަންނަކަން ފާހަގަކުރައްވާ ފައިސަލް މިހެން ވިދާޅުވެފައި މިވަނީ، ސަރުކާރު ވަޒީފާތަކުގައި ތިބޭ މުވައްޒަފުން ވެރިކަންކުރާ ޕީއެންސީ (ޕީޕަލްސް ނޭޝަނަލް ކޮންގްރެސް) އަށް ސޮއިކުރަން މަޖުބޫރު ކުރުވާ ކަމުގެ ތުހުމަތުތަކެއް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިއަދަކީ މިސަރުކާރަށް ތިން އަހަރު ފުރޭ ދުވަސްކަމަށްވާއިރު، މިއަދާ ދިމާކޮށް ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފައިސަލް ވިދާޅުވީ، "ވަޒީފާތަކުގައި ތިބޭ މުވައްޒަފުންނަށް ޕާޓީއަށް ވަންނަން މަޖުބޫރު ކުރުވުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް" ކަމަށެވެ.

އަދި އެއްވެސް މީހެއްގެ ބިރުދެއްކުމަކަށް ފަސްނުޖެހި، މުވައްޒަފުންނަށް ގާނޫނުން ލިބިދޭ ހައްގުތަކުގައި ސާބިތުވެ ދެމިތިބުމަށް ވެސް ފައިސަލް ވަނީ މުއައްޒަފުންނަށް ގޮވާލައްވާފައެވެ.

ހަމައެއާއެކު، މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިސަލް ވިދާޅުވީ، ރައްޔިތުންގެ ލާބައާއި މަންފާއަށް ވިސްނައިގެން މި ސަރުކާރުން އެއްވެސް ކަމެއް ކުރަމުންދާ މަންޒަރު ނުފެންނަ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މިފަދަ ތުހުމަތުތަކެއް ކުރި ނަމަވެސް، ސަރުކާރުން އަބަދުވެސް ބުނަމުންދަނީ އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ބިރު ނުދައްކާނެ ކަމަށާއި، ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ގާނޫނީ އިމުގެ ތެރެއިން އަމިއްލަ ރުހުމުގައި ކަމަށެވެ.

ކޮމެންޓް