
އެޗްޕީއޭ އިން މިއަދު އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ހަފުތާ އެކަނި ވެސް ހިމަބިހީގެ 22 ކޭސް ފެނިފައި ވެއެވެ. އެހެންކަމުން މިހާރު ހިމަބިހީގެ ކޭސްތަކުގެ އަދަދު މިވަނީ 166ކަށް އަރައިފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އަދި މިހާތަނަށް 9،918 މީހަކަށް ވެކްސިން ދީފައިވީ ނަމަވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހިމަބިއްސަށް ޕޮޒިޓިވް ވުމުން ފަރުވާ ދެމުންދަނިކޮށް ދިވެހި ޒުވާނަކު ވަނީ މަރުވެސް ވެފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކުރުމަށް އިރުޝާދު ދެއްވާ ކަމަށެވެ.
އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކަށް، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމެރީ ހެލްތްކެއާ ސެންޓަރުން ކޮންޓެކްޓަރުންނަށް ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށާ، މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކާއި ރައްތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ވެކްސިން ދިނުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގައި ހިމަބިހި ވެކްސިންގެ ޚިދުމަތް ލިބޭ މަރުކަޒުތައް:
ހިމަބިހި ޖެހިފައިވާ ފަރާތްތަކާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކަށް ވެކްސިންގެ ޚިދުމަތް ލިބޭ މަރުކަޒުތައް:
ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން 20,000 ޑޯޒްގެ މީސްލްސް ވެކްސިން އަދި 3 ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް މިފަހުން ހަދިޔާކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.




