އެޗްޕީއޭ (ހެލްތް ޕްރޮޓެކްޝަން އެޖެންސީ) - ފޮޓޯ: އެޗްޕީއޭ
ރޯގާއާއި ބޭރަށްހިންގުން ފެތުރޭތީ ސަމާލުވުމަށް އެދެން - އެޗްޕީއޭ
ހަސަން އިބްރާހީމް 13 ސެޕްޓެމްބަރ 2026 (އާދީއްތަ)   12:21
ރާއްޖޭގައި މޫސުމީ ރޯގާއާއި ބޭރަށްހިންގުން މި ދުވަސްވަރު ފެތުރެމުންދާތީ އެކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް، އެޗްޕީއޭ (ހެލްތް ޕްރޮޓެކްޝަން އެޖެންސީ) އިން އިލްތިމާސްކޮށްފިއެވެ.

ފާއިތުވި ހަފުތާ ތެރޭގައި ވެސް އެޗްޕީއޭއިން މިފަދަ އިންޒާރެއް ނެރެ ސަމާލުވުމަށް އެދިލައްވާފައި ވާއިރު، އެ އިންޒާރުގައި ވަނީ، މި ދުވަސްވަރު ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވަމުން އަންނަ ކަމަށާ، އެހެންކަމުން ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތްދޮވުން އިތުރުކުރުން ވަރަށް މުހިންމުކަމަށެވެ.

ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާއެކުގައި، އާދަޔާ ހިލާފަށް ކަރުހިއްކުމާއި ބޮލަށް އެނބުރުން އެރުމާއި، ގިނަގިނައިން ހޮޑުލުން އަދި މާ ބޮޑަށް ވަރުދެރަވެ، ދިޔާތަކެތި ބޭނުންކުރެވޭ ވަރު މަދުވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އެޗްޕީއޭއިން އިރުޝާދދެއެވެ.

އަރިދަފުސް ރޯގާއާއި ބޭރަށްހިންގުން ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމަށާ، އެގޮތުން މި ދުވަސްވަރު ފެތުރެމުންދާ މޫސުމީ ރޯގާތަކާއި ބޭރަށްހިންގުމުން، ރައްކާތެރިކުރުމަށް ޓަކައި ސަމާލުކަންދޭންވީ ކަންތައްތަކެއް ބަޔާންކޮށް މިއަދު އެޗްޕީއޭ އިން ބުނެފައި ވަނީ، ސައިބޯނިލައިގެން ގަވާއިދުން އަތްދޮވުމަށް އާދަކުރުން މުހިންމު ކަމަށާ، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ޓަކާ ދުވާލުގެ އެކި ވަގުތުތަކުގައި ގިނައިން ދިޔާތަކެތި ބޭނުންކުރުން މަށާއި، ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ، މާސްކު ވެސް އެޅުއްވުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ.

އަދި ހަށިގަނޑަށް އުނދަގޫވާނަމަ ނުވަތަ ބަލިވެ އުޅޭނަމަ، ބޭރަށް ނުނިކުމެ ގޭގައި މަޑުކޮށް އަރާމުކުރުމަށް ވެސް އިރުޝާދު ދެމުން ޗްޕީއޭއިން ވަނީ ބޭރަށް ހިންގާނަމަ ކުރެވިދާނެ ބައެއް ކަންކަން ވެސް ފާހަގަކޮށްފައެވެ.

އެގޮތުން ގިނަގިނައިން ލޮނުޕެކެޓް، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމަށާއި، ފާހާނާ ކުރުމަށްފަހު ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން އަދި ފާހާނާ ބޭނުންކުރުމަށް ފަހު ރަނގަޅަށް ސެނިޓައިޒް ކުރުމުގެ އިތުރުން، އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ދަރިވަރުން ސުކޫލަށް ނުފޮނުވުމާއި މަސައްކަތްތައް ނުނިކުމެ، ގޭގައި އަރާމުކުރުމަސް ވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

ކޮމެންޓް