
މި ވެކްސިންތައް ހަދިޔާކުރުމުގެ ގޮތުން، ހެލްތް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، އެހީގެ މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު ޤީލާ އަލީ އެވެ.
މި އެއްބަސްވުމުގައި ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އެޑްވާޑް އަޑާއީ އެވެ.
މިނިސްޓަރު ގީލާ އަލީ މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ޔުނިސެފުން ވެދެއްވި މި ދީލަތި އެހީއަކީ ރާއްޖޭގައި މިހާރު ފެތުރެމުންދާ މީސަލްސް ނުވަތަ ހިމަބިއްސާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަދި މިހާތަނަށް ހިންގި ވެކްސިން ޕްރޮގްރާމްގެ ދަށުން 5,400 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާކަން ފާހަގަކުރަށްވައި ގީލާ ވިދާޅުވީ، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ލެބޯޓްރީ ޓެސްޓްތައް އިތުރުކުރުމާއި، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
އަދި އެ ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް މިނިސްޓަރު ގީލާ އިލްތިމާސް ކުރައްވާފައި ވާއިރު، ރާއްޖެއިން ހިމަބިހީގެ ކޭސްއެއް މެއި މަހު ފެނުނު ފަހުން މިހާތަނަށް 121 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.




