އެކި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް ލަފާ އަރުވަން، ދައުލަތުގެ އިއްޒަތުގެ ޝަރަފު ލިބިފައިވާ ބޭފުޅުން ހިމެނޭ މަޖިލީހެއް މިއަދު އެކުލަވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ މަޖިލީހަކީ ގައުމުގެ ކަންކަން ހަރުދަނާކޮށް ހިންގުމަށާއި ސަރުކާރުގެ ކަންކަން ރަނގަޅު ގޮތުގައި ގެންދިޔުމަށްޓަކައި މަޝްވަރާ ހޯދުމަށް އެކުލަވައިލި މަޖިލީހެއް ކަމަށެވެ. އަދި، އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މުއިއްޒު ކަމަށް އެ އޮފީހުން ބުންޏެވެ.
މިއަދު އުފެއްދި މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ 12 ބޭފުޅުންނެވެ. އެ ހުރިހާ ބޭފުޅުންނަކީ ވެސް ދައުލަތުގެ ޝަރަފު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. އެއީ:
- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ކަމާލުއްދީން، މއ.އާނުވެލި
- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް، މ.ސިލްވަރކްލައުޑް
- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން، މއ.އުރަހަ
- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު، މ.ލޮނުވެލި
- ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް، ހ.ރާޅާހާ
- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ލަޠީފު، މއ.ކިނބި
- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، ހ.މީރުބަހުރުގޭއާގެ
- ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާޢީލް ޢަލީ، މ.މަޚްމާވިލާ
- ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ނަސީމް، ހ.ހިކިފިނިފެންމާގެ
- ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ބަދުރުއްނަޞީރު، މއ.ވިލުވެލި
- ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އާދަމް ޢަބްދުއްރަޙްމާނު، އަލިމަސްގެ، ހއ.އުތީމު
- ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަޙްމަދު ޝާކިރު، މއ.ކަށިމާ
ގައުމީ ލަފާ އަރުވާ މަޖިލީހެއް އެކުލަވައިލަން ނިންމާފައިވާކަން މުއިއްޒު އިއުލާނުކުރެއްވީ މި އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން، ގައުމަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދީފައި ތިބި ބޭފުޅުން ހިމެނޭ މަޖިލީހަކާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ގައުމީ މަޖިލީހެއް އެކުލަވައިލައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.