ރައީސް ސޯލިހު، ނޫސްވެރިންގެ ބައްދަލުވުމަކަށްފަހު ނޫސްވެރިންނާއެކު ސެލްފީއެއް ނަންގަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިކަމަށް ހުރަސްއެޅޭނެ ގާނޫނެއް ފާސްކޮށްގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ: ރައީސް ސޯލިހު
ހިޝާމް ހާރޫން 19 އޯގަސްޓް 2026 (ބުދަ)   22:40
ޑޮލަރުގެ އަގު ބޮޑުވާނަމަވެސް އަދި އަގު ދަށްވަނަމަވެސް އެކަން ހާމަކުރަންޖެހޭ ކަމަށާއި ނޫސްވެރިކަމަށް ހުރަސްއެޅޭނެ ގާނޫނެއް ފާސްކޮށްގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ޑޮލަރު ގަނެވިއްކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ވުރެ ބޮޑު އަގުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ޚަބަރު ޝާއިއުކުރާ ފަރާތްތައް ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމާ ގުޅިގެންނެވެ.

އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ އާންމު މަޞްލަޙަތާ ގުޅުންހުރި ކޮންމެ ކަމަކަށް ވެސް ނޫސްވެރިން ފާރަވެރިވާން ޖެހޭނެ ކަމަށާއި ތެދު މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ނޫސްވެރިން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ރައްޔިތުންގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންތައްތައް ވަގުތުން ގެނެސްދިނުމަކީ ވެސް ނޫސްވެރިންގެ ޒިންމާއެއް ކަމަށާއި އެއީ ޤާނޫނުއަސާސީން ނޫސްވެރިންނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށްވެސް ސޯލިހު ވިދާޅުވިއެވެ.


ޑޮލަރުގެ އަގު ބޮޑުވާނަމަ އެކަން ހާމަކުރަން ޖެހެއެވެ. ޑޮލަރުގެ އަގު ދަށްވާނަމަ އެކަން ވެސް ހާމަކުރަން ޖެހެއެވެ. ނޫސްވެރިކަމަށް ހުރަސްއެޅޭނެ ޤާނޫނެއް ފާސްކޮށްގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. - ރައީސް އިބްރާހީމް މުހައްމަދު ސޯލިހު


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރުގެ ރަސްމީ ރޭޓަކަށް ކަނޑައަޅާފައި އޮންނަނީ 15.42ރ. އެވެ، ނަމަވެސް ރާއްޖޭގައި މި ފަހުން ޑޮލަރުގެ ތާށިކަން ބޮޑުވެ، ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު 22ރ. އަށް ވުރެ މައްޗަށް އަރާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙު މިއަދު ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ޚަބަރު ޖެހުމުން ޖޫރިމަނާ ކުރެވޭނެއެވެ. އެގޮތުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ރޭޓު އާންމުކުރީ ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ނަމަ، 100،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ވަނީ ހިމަނާފައެވެ.

އޭގެ އިތުރުން، ބޭރު ފައިސާ ގަނެ ވިއްކުމަށް މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކުރުމާއި އިޝްތިހާރުކުރުމަކީ ވެސް ކުށެއް ކަމަށް ގާނޫނުގައި ހިމަނަން އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ. މި ކުށުގެ އަދަބަކީ 25،000ރ. އާއި 500،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ރިޕޯޓުކުރުން މަނާކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ދެކޮޅަށް ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ބަޔާން ނެރެފައެވެ.

ކޮމެންޓް