
މިކަމަށް އިލްތިމާސްކުރައްވާ ރައީސް ސޯލިހު ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަނގަޅު ވިޔަފާރި މުއާމަލާތެއްގައި މުދާ ވިއްކާ ފަރާތާއި ގަންނަ ފަރާތަށް ނުވަތަ ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތަށް ވެސް ފައިދާވާން ޖެހޭނެ ކަމަށެވެ.
ނަމަވެސް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ހިލޭ، އީގަލް ހިލްސް ކުންފުންޏަށް ދާއިމަށް ދިނުމުގައި މިކަން ފެންނަން ނެތް ކަމަށް ވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ބޮޑު ހަރަދުކޮށްގެން 500 ހެކްޓަރުގެ ބިން ހިއްކަނީ ދިވެހި ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން ކަމަށްވާއިރު، އެ ބިން އީގަލް ހިލްސްއަށް ދެނީ ހިލޭ ކަމަށާ، ދައުލަތަށް ލިބޭ އެއްވެސް މާލީ ފައިދާއެއް ނެތް ކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އެ ކުންފުނިން އަޅާނެކަމަށް ބުނާ 5,000 ހައުސިން ޔުނިޓް ވެސް ޖެހެނީ ދިވެހި ސަރުކާރުން ގަންނަން ކަމަށެވެ.
އެހެންކަމުން، މި މަޝްރޫއު މިހާރު ރޭވިފައިވާ ގޮތުން މުސްތަގުބަލުގައި މުޅި ގައުމަށް އެތަކެއް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ފެންނަ ކަމަށް ވިދާޅުވެ، އެ ސަބަބުތަކަށްޓަކައި، އެ މަޝްރޫއު މިހާރު އޮތްގޮތަށް ކުރިއަށް ނުގެންގޮސް ވަގުތުން ހުއްޓާލުމަށް އެމަނިކުފާނުގެ އިލްތިމާސް ކުރެއްވިއެވެ.




