
އެލްޖީއޭ އިން މި ފިޔަވަޅު އެޅުމަށް ނިންމާފައިވާކަން ހާމަކޮށްފައި މިވަނީ، ފ. ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ، 5،000 ރުފިޔާގެ ފީއެއް ނެގުމަށް ބިލެތްދޫ ކައުންސިލުން އިއްޔެ ނިންމާފައިވާ ދަނޑިވަޅެއްގައެވެ. ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވަނީ، އެއް ރަށުން އަނެއް ރަށަށް ބަދަލުވުމުގެ އިހުތިޔާރު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވާ ކަމަށެވެ.
ބިލެއްތްދޫ ފިޔަވާ އެހެންވެސް ބައެއް ރަށްރަށުގެ ކައުންސިލްތަކުން އެރަށްރަށުގެ ރަށްވެހިކަން ދޫކޮށްލާނަމަ ބޮޑެތި އަދަދުތަކުން ފީނަގަމުން އަންނައިރު، އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލު މިއަދު މީޑިއާގައި ވިދާޅުވެފައި ވަނީ، ބައެއް ކައުންސިލްތަކުން އެޑްމިނިސްޓޭޓިވް ފީއެއްގެ ގޮތުގައި 5،000 ރުފިޔާ ވެސް ނެގުމަށް ނިންމާފައިވާ ކަމަށާ، އެއީ އާންމު ރައްޔިތު މީހާގެ އަތުން ދާނެ ވަރަށް ބޮޑު ހަރަދަކަށް ވެގެން އަންނަކަމަށެވެ.
އެހެންކަމުން، އެ ނަގާ ފީތަކަކީ އާންމުންނަށް ތަކުލީފަކަށް ވެގެން ނުވާނެކަން ފާހަގަކުރައްވާ، ނިމާލު ވިދާޅުވީ، ކައުންސިލްތަކުން ބޮޑެތި އަދަދުތަކުން ފީނަގާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ވަރަށް އަވަހަށް އެކަމާބެހޭ އުސޫލެއް އެލްޖީއޭއިން ނެރެން ނިންމާފައިވާކަމަށެވެ.
"ދެމަފިރިންނާ ދަރިޔަކު ބަދަލުވާން ވިޔަސް އޭރުން ދައްކަން އެބަޖެހޭ 15،000 ރުފިޔާ. ބޮޑު ހަރަދެއްނު އެއީ ވެސް. އަޅުގަނޑުމެން ވަރަށް އަވަހަށް އެކަމާ ބެހޭ އުސޫލެއް ނެރޭނަން." - މުހައްމަދު ނިމާލް
ރަށްވެހިކަން ބަދަލުވާނަމަ ބޭނުން އަދަދަކުން ފީ ނެގުމުގެ އިހްތިޔާރު ކައުންސިލްތަކަށް މިހާރު އޮތް ނަމަވެސް ނިމާލް ވިދާޅުވީ، އެކަން ކުރަންވާނީ ރައްޔިތުނަށް އެ ބުރަ އުފުލޭނޭ މިންވަރުން ކަމަށް ހުރިހާ ކައުންސިލްތަކުންނާއި އިދާރާތަކުން ވެސް ގަބޫލުކުރަންޖެހޭ ކަމަށެވެ.
ރަށްވެހިކަން ދޫކޮށްލާނަމަ، ބިލެތްދޫ ކައުންސިލުން 5،000 ރުފިޔާގެ ފީއެއް ނެގުމަށް އިއްޔެ ނިންމާފައި ވާއިރު، ބިލެތްދޫގެ އިތުރުން ވެސް ރަށްވެހިކަން ބަދަލުކުރާނަަމަ، ފީއެއް ނަގަން ނިންމާފައިވާ ރަށްރަށުގެ ތެރޭގައި، ޅ. ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލާނަމަ، 2،000 ރުފިޔާގެ އިދާރީ ފީއެއް ނެގުމަށް މިދިޔަ މަހު އެރަށު ކައުންސިލުން ނިންމާފައި ވާއިރު، ތ. ކިނބިދޫ ކައުންސިލުން ވެސް އެ ރަށުގެ ރަށްވެހިކަން ބަދަލުކުރާނަމަ 1،200 ރުފިޔާގެ ފީއެއް ނެގުމަށް ވެސް ނިންމާފައި ވާކަން ފާހަގަކޮށްލެވެއެވެ.
އަދި މީގެ އިތުރުން ވެސް ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވެސް އެރަށްރަށުގެ ރަށްވެހިކަން ދޫކޮށްލާނަމަ 5000 ރުފިޔާގެ ފީ ނަގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.




