
މިއަދު ބޭއްވި އިންތިހާބުގައި އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ފަރާތުން ވާދަކުރެއްވީ ޕީއެންސީއަށް ނިސްބަތްވާ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު އަދި އެމްޑީޕީއަށް ނިސްބަތްވާ ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު އެވެ. އަލީ އަހުމަދަށް 314 ވޯޓު ލިބުނުއިރު ޒާފިރުއަށް ލިބުނީ 229 ވޯޓެވެ.
މީގެއިތުރުން ޑަބްލިއުޑީސީ ރައީސުންގެ ފަރާތުން އެލްޖީއޭ ބޯޑަށް ވާދަކުރެއްވީ އެމްޑީޕީއަށް ނިސްބަތްވާ ލ. ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔިޔަމް ނީނާ އަދި ޕީއެންސީއަށް ނިސްބަތްވާ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާ އެވެ. ޒީނާ އަށް 79 ވޯޓު ލިބުނުއިރު ނީނާއަށް ލިބުނީ 53 ވޯޓެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް ޖުމްލަ 19 ވޯޓު ފޮށި މާލެއާއި އަތޮޅު ތެރޭގައި ބެހެއްޓިއިރު، ވޯޓްލުންކުރިއަށް ދިޔައީ މިއަދު ހެނދުނު 10:00 ފެށިގެން ހަވީރު 4:00 އަށެވެ.
މި ވޯޓު ކުރިއަށްދިޔައިރު އުތުރުގެ ތިން އަތޮޅުގެ ހުރިހާ ރޫޓެއްގެ އާރްޓީއެލް ފެރީ ދަތުރުތައް މިއަދު ހެނދުނު ކުއްލި ގޮތަކަށް ކެންސަލްކުރިއެވެ.
އެލްޖީއޭގެ އިންތިހާބުގައި ސިޓީ ކައުންސިލުގެ ތެރެއިން ވާދަކުރެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެވެ. އޭނާއާ ދެކޮޅަށް އެއްވެސް ބޭފުޅަކު ކުރިމަތިނުލެއްވުމުން އިންތިހާބަކާ ނުލައި މަގާމަށް ވަނީ އިންތިހާބުވެފައެވެ.
އެލްޖީއޭގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ޖެންޑާ އީކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކަށް، އާއިޝަތު އާރިފާ އަދި ގަވާނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރަކަށް މުހައްމަދު އާރިފް އައްޔަންކުރަން މިދިޔަ އޮގަސްޓް މަހު ވަނީ ފާސްކޮށްފައެވެ.
މީގެއިތުރުން އެލްޖީއޭގެ ބޯޑުގައި ދެން ހިމެނެނީ އެ ބޯޑުގެ ރައީސް، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު، ސީއީއޯ މުހައްމަދު ނިމާލު، ބޯޑު މެންބަރު މުހައްމަދު އާޒާދު އަދި ބޯޑު މެންބަރު މުހައްމަދު އާރިފް އަދި ބޯޑު މެންބަރު އައިޝަތު އަރީފާ އެވެ.




