ހިމަބިހީގެ ކޭސްތައް ގިނަވެ 120 އިން މައްޗަށް އަރައިފި
މަރްޔަމް މުޙައްމަދު 8 ޖުލައި 2026 (ބުދަ)   08:44
ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށް ކުރިން ނިންމާފައިވާ ހިމަބިހި ނުވަތަ މީސްލްސްގެ 121 ކޭސް މި އަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭ (ހެލްތް ޕްރޮޓެކްޝަން އެޖެންސީ) އިން ހާމަކޮށްފިއެވެ.

ކުރިން ރާއްޖޭން ނައްތާލާފައިވާ ހިމަބިހީގެ ކޭސްތައް މިއަހަރުގެ މެއި މަހުގެ މެދު ތެރޭގައި އަލުން ފެންނަން ފެށުމަށްފަހު، މި ބަލި އަންނަނީ ރާއްޖޭގައި ހަލުވިމިނެއްގައި ފެތުރެމުން އަންނައިރު، މި ސަރަހައްދުގައި އެ ބަލި އެންމެ ގަދަޔައަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާޢްޖެ މިހާރު ހިމެނިފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިމަބިހީގެ އެންމެ ފަހުގެ އަދާހަމަ ރިޕޯޓު އިއްޔެ މީޑިއާގައި ހާމަކޮށްފައި ވާއިރު، އެ ރިޕޯޓުން ދައްކާގޮތުގައި ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 55 ކޭސް ވަނީ މާލެ ސަރަހައްދުން ފެނިފައިވެއެވެ. އެހެންކަމުން އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު 121 އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިހާތަނަށް 5،495 ފަރާތަކަށް ހިމަބިހީގެ ވެކްސިން ދީފައިވާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނެފައިވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ވެކިންދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކުރުމަށް އިރުޝާދު ދެއްވާ ކަމަށެވެ.

އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކަށް، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމެރީ ހެލްތްކެއާ ސެންޓަރުން ކޮންޓެކްޓަރުންނަށް ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށާ، މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކާއި ރައްތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ވެކްސިން ދިނުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި ހިމަބިހި ވެކްސިންގެ ޚިދުމަތް ލިބޭ މަރުކަޒުތައް:

  • ޔޫޕީއެޗްސީސީ: ހެނދުނު 8:30އިން މެންދުރު 12 ޖަހަންދެން
  • ހުޅުމާލޭ ހޮސްޕިޓަލް: ހެނދުނު ނުވަޔަކުން 11 ޖަހަންދެން، އަދި މެންދުރު އެކަކުން ފެށިގެން ތިނެއް ޖަހަންދެން
  • ސެނަހިޔާ ހޮސްޕިޓަލް: ހެނދުނު 10އިން ފެށިގެން ހަވީރު ހަތަރެއް ޖަހަންދެން
  • ވިލިމާލޭ ހޮސްޕިޓަލް: މެންދުރު 1:30އިން 3:30އަށް

ހިމަބިހި ޖެހިފައިވާ ފަރާތްތަކާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކަށް ވެކްސިންގެ ޚިދުމަތް ލިބޭ މަރުކަޒުތައް:

  • ޔޫޕީއެޗްސީސީ: މެންދުރު 14:00 އިން 15:30 އަށް
  • ހުޅުމާލެ ހޮސްޕިޓަލް: ހަވީރު 15:00 އިން 16:00

ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން 20,000 ޑޯޒްގެ މީސްލްސް ވެކްސިން އަދި 3 ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް މިފަހުން ހަދިޔާކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް