ބަންޑާރަނައިބް އަޙްމަދު އުޝާމް ނޫސްވެރިންގެ ބައްދަލުވުމެއްގައި.-- ފޮޓޯ: ރައީސް އޮފީސް
ކްރިޕްޓޯ ކަރަންސީ މައްސަލަ ހައްލުކުރަން ގާނޫނު އިސްލާހުކުރާނަން: އުޝާމް
ހިޝާމް ހާރޫން 14 ސެޕްޓެމްބަރ 2026 (ހޯމަ)   15:57
ކްރިޕްޓޯ ފަދަ ޑިޖިޓަލް ކަރަންސީ ބޭނުންކޮށްގެން ރާއްޖޭގެ އިގުތިސާދަށް ނުވަދެ ރާއްޖޭން ބޭރަށް ފައިސާ ދާގޮތަށް ހުރި ފުރުސަތުތައް ހައްލުކުރުމަށް ކަމާބެހޭ ގާނޫނުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އޭޖީ އުޝާމް މިމޭރުމުން ވާހަކަ ދެއްކެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޭރު ފައިސާގެ މައްސަލައިގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނޫސްވެރިޔާ ސުވާލުކުރެއްވީ، ޑޮލަރުގެ ކަޅު ބާޒާރު ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، ޑޮލަރުން ވިޔަފާރިއަށް މާރު ނުކުރެވޭތީ، ޑޮލަރު ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ކްރިޕްޓޯ ކަރަންސީން މުއާމަލާތްކުރަމުންދާ ކަމަށާއި، ބައެއް ވިޔަފާރިތަކަށް ޓޫރިސްޓުން ޔޫއެސްޑީޓީ އިން ޕޭކުރަމުންދާ ކަމަށެވެ.

އެހެންކަމުން އެ ފައިސާއަކީ ރާއްޖޭގެ އިގުތިސާދަށް ނުވަދެ ސީދާ ރާއްޖެއިން ބޭރަށްދާ ފައިސާ ކަމަށްވާތީ އެކަން ހުއްޓުވުމަށް ގެންގުޅޭ ޕްލޭނަކީ ކޮބައިތޯ، ނޫސްވެރިޔާ ސުވާލުކުރިއެވެ.

"ތި ވިދާޅުވި އިޝޫ އެބައާދޭ، އަޅުގަނޑުމެން ގާނޫނީ ލީގަލް ފްރޭމްވޯކް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރާއިރު އެމްއެމްއޭއާ މަޝްވަރާކޮށްގެން ގާނޫނަށް އެ އިސްލާހުތައް ގެނެވޭނެ،" ސުވާލަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވިއެވެ.

އޭޖީ އުޝާމް ވިދާޅުވީ އެކަންކަން ހައްލުކުރުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ކުރަމުންގެންދާ ކަމަށެވެ.

އެ މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާ މަޝްވަރާކުރައްވާފައިވާ ކަމަށާއި، އެ ކަންކަން ހައްލުކުރުމަށް ވަރަށް އަވަހަށް އިސްލާހު ގެނެވޭނެ ކަމަށެވެ. އަދި ގާނޫނަށް ގެންނަންޖެހޭ އިސްލާހެއް އޮތްނަމަ އޭޖީއާ ހިއްސާ ކުރައްވާނެ ކަމަށް ގަވަރުނަރު ވިދާޅުވި ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.

އެހެންވީމާ ކުރިއަށް އޮތް ދައުރުތެރޭ އެފަދަ އިސްލާހުތައް މަޖިލީހަށް ހުށަހެޅޭނެ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން އުޝާމް ވިދާޅުވީ ގާނޫނަށް ގެނައި ބަދަލުތަކާއެކު މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ އުސޫލުތަކުގެ ސަބަބުން ހެޔޮ ބަދަލުތަކެއް ފެނިގެން ދާނެ ކަމަށެވެ.

"ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން 40 އިންސައްތަ މާރުކުރަންޖެހޭގޮތަށް މިގެނެވުނު އިސްލާޙާއެކު އަޅުގަނޑު ގަބޫލުކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އޭގެ ޕޮޒިޓިވް ޗޭންޖްތަކެއް ފެނިގެންދާނެކަމަށް. ގާނޫނުގައި އޮތްގޮތުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައި މިއޮތީ. އެހެންކަމުން އަންނަ މަހުގެ އެކަކުން ފެށިގެން މާރުކުރަންޖެހޭނެ،" އޭޖީ އުޝާމް ވިދާޅުވިއެވެ.

އޭޖީ އުޝާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި، ހުއްދަ ނެތި ނުވަތަ އެމްއެމްއޭގައި ރަޖިސްޓްރީ ނުކޮށް ޑޮލަރު މާރުކުރުމުގެ ވިޔަފާރި ކުރުމަކީ ގާނޫނާ ޚިލާފު ކަމެކެވެ. އެހެންކަމުން، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރު ވެސް އޭޖީ ވަނީ ދެއްވާފައެވެ. އަދި އެ އުސޫލުތައް ހަރުދަނާ ކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް އެމްއެމްއޭއާ ގުޅިގެން ގެންނަމުންދާނެ ކަމަށްވެސް އޭޖީ ވިދާޅުވި އެވެ.

ކޮމެންޓް