
އެކެމަށް އިލްތިމާސްކުރައްވާ ދިވެހިބަހުގެ އެކަޑަމީން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ރާއްޖޭގެ ރަސްމީ ބަހަކީ ދިވެހިބަސް ކަމަށްވުމުން ދައުލަތުގެ ރަސްމީ އެންމެހާ މުއާމަލާތަތައް ކުރަންވާނީ ދިވެހިބަހުންކަން ގާނޫނުގައި ބަޔާންކޮށްފައިވާނެ ކަމަށާ، އެހެންކަމުން ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އޮފީސްތަކާއި އިދާރާތަކާއި ތަންތަނަށް ނަން ކިޔުމުގަޔާއި ނަން ބޯޑު ތައްޔާރުކުރުމުގައި ވެސް ދިވެހިބަހަށް އިސްކަންދޭންވާނެ ކަމަށެވެ.
އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުންނަށް ފެންނަގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަން ބޯޑެއްގައި ވެސް އެތަނަކަށް ކިޔާ ނަން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތުމުން އެއާ އެއްގޮތަށް އަމަލުކުރުމަކީ ވެސް ލާޒިމް ކަމެއް ކަމަށާ، ގާނޫނެއްގައި ވަކިގޮތަކަށް އަމަލުކުރަންވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައި ވާނަމަ އެ ގާނޫނަށް އަމަލުކުރަން ޖެހޭނެކަމަށް ވެސް އެކަޑަމީއިން ބުނެފައެވެ.
އެއާ ހިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާކަން ފާހަގަކުރެވިފައިވާތީ ގާނޫނޫއަސާސީގެ ރޫހާ އެއްގޮތަށް ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް ދިވެހިބަހުގެ އެކަޑަމީން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.




