އެޗްޕީއޭ (ހެލްތް ޕްރޮޓެކްޝަން އެޖެންސީ) - ފޮޓޯ: އެޗްޕީއޭ
ޑެންގީއާ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭ އިން ގޮވާލައިފި
ޖުނާން އަޙުމަދު 20 ޖެނުއަރީ 2026 (އަންގާރަ)   09:21
މި ދުވަސްވަރު ޑެންގީ އާއި ނޭވާލާ ނިޒާމުގެ ބަލިތައް އަދި ހޮޑުލުމާއި ބޭރަށް ހިނގުން ފަދަ ބަލިތައް އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭ (ހެލްތް ޕްރޮޓެކްޝަން އެޖެންސީ) އިން ގޮވާލައިފިއެވެ.

އެޗްޕީއޭ އިން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ އާއި ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށާ، މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިނގުން އިތުރުވަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާފައިވާ ކަމަށެވެ.

އެހެން ކަމުން ރައްކާތެރިވުމަށާއި ބަލިތައް ފެތުރުނަ ނުދިނުމަށް ފިޔަވަޅުތައް އެޅުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން އަންނަނިވި ކަންތައްތަކަށް ސަމާލުވުމަށް އެޗްޕީއޭ އިން ބުނެއެވެ:

  • އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެފަދަ އަލާމާތެއް ހުރިނަމަ މީހުން އުޅޭ ތަންތަނަށް ނިކުމެ އުޅޭއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާކުރުން
  • ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން
  • ބަލި މީހުން ކުޑަކުދީންގެ ގާތަށް ނުދިއުން
  • ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް ކާބޯތަކެތި ތައްޔާރުކުރުމާއި ކާނާ ހެދުމާއި ކާން ދިނުމުގެ ކުރީން އަދި ފާހާނާ ކުރުމަށް ފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
  • ކާބޯތަކެތީގައި މަތިޖަހާފައި ބެހެއްޓުމާއި ކެއުމަށް ފަހު ގިނައިރު ބަހައްޓާނަމަ ފްރީޒްގައި ބެހެއްޓުން
  • ބޭރަށް ހިންގާ ހޮޑުލެވޭނަމަ އޯއާރުއެސް ނުވަތަ ދިޔާ ބޭސް ބޭނުން ކުރުން
  • ބޮޑުވަރުވުމުގެ ކުރީން ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން
  • ގަދަޔަށް ބަނޑުގައި ރިއްސާނަމަ ނޫނީ އާދަޔާ ހިލާފަށް ވަރުދެރަވާނަމަ ނުވަތަ ކުޑަކަމުދިއުން މަދުނަމަ ނޫނީ ތުއްތުކުދީންނަށް ކިރުބޮވޭރު މަދުނަމަ އަދި ހަށިގަނޑުގެ އެއްވެސްތާކުން ލޭ އަންނަ ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން

މީގެއިތުރުން ޑެންގީ އަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ކަމުން މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމާއި މަދިރި ނުހަފާނެހެން މަދިރި ލޯޝަން ލުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ.

ކޮމެންޓް