މިނިސްޓަރ މުއްޠަލިބް މިފަދައިން ވިދާޅުވީ މިރޭ އޮތް "އަހާ" ފޯރަމް ގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ މީހާގެ ސުވާލުގައި ރަސްމާލެ ހިއްކުމަށް ހަރަދުވާ ފައިސާއާ ގުޅޭގޮތުން އެކި ފަރާތްތަކުން އެކި އަދަދުތައް ހާމަކުރަމުންދާ ކަމަށާ، ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުގެ ހަގީގީ ތަފްސީލެއް ދިނުމަށް އެދުނެވެ.
އެ ސުވާލާ ގުޅިގެން މުއްޠަލިބް ވިދާޅުވީ ރަސްމާލެ ހިއްކަން ފެށިއިރު އެ މަޝްރޫއުއަށް 500 އާއި 700 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ކުރީން ދެންނެވުނު ކަމަށާއި އޭރު އެހެން ދެންނެވީ އޭގެ ކުރީން ހިންގާފައިވާ މަޝްރޫޢުތަކަށް ޚަރަދުވެފައިވާ އަދަދުތަކަށް ބަލާފައި ކަމަށް ވިދާޅުވިއެވެ.
"މި އަޅުގަނޑު ހަނދާންވޭ ރަސްމާލެ ހިއްކަން ފެށި ކައިރީގައި އަޅުގަނޑަށް ވެސް އޭރު ދެންނެވިފައިވާނެ އެސްޓިމޭޓެޑް ކޯސްޓަކީ ގާތްގަނޑަކަށް 500 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެކޭ. އޭރު އަޅުގަނޑުގެ އެ ހިސާބުތައް ބިނާކޮށްފައި އޮތީ އަޅުގަނޑުމެން [ވެރިކަމަށް] އައިއިރުގައި އޭރު ސަރުކާރުން ހިންގަމުންދިޔަ ޕްރޮޖެކްޓްތަކާއި، އަދި އޭރުގައި މާކެޓްގެ ރޭޓުގައި ހުރި އަދަދާއި، އަދި އޭގެ ޝޯ ޕްރޮޓެކްޝަނަށް ބަލާފައި،" މުއްޠަލިބު ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރުން މިހާރު ކުރި މަސައްކަތުން ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ޑްރެޖަރު ޗާޓަރު ކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން މުޅި ރަސްމާލޭގެ 1,090 ހެކްޓަރު ހިއްކުމަށް ދާނީ 330 މިލިޔަން ޑޮލަރު ކަމަށް މިހާރު އަންދާޒާކުރެވޭ ކަމަށް ވިދާޅުވި އެވެ. އަދި، 500 ހެކްޓަރަށް ހަރަދުވާނީ ގާތްގަނޑަކަށް 160 މިލިޔަން ޑޮލަރު ވަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ ހަގީގަތުގައި އަޅުގަނޑުމެން ކުރިން އެ ފުރަތަމަ ފެށިއިރުގައި އަންދާޒާކުރި ހިސާބަކީ ގުޅީފަޅާއި ގިރާވަރުފަޅު ހިއްކަމުންދިޔަ މަޝްރޫއުތަކަށް ހިނގާފައި ހުރި ޚަރަދަށް ބަލާފައި އަންދާޒާކުރި ހިސާބެއް. އެހެންނަމަވެސް މިހާރު ސަރުކާރުން މި ދެންނެވި ގޮތަށް ވީހާވެސް ހަރަދު ކުޑަކޮށް ކުރުމަށްޓަކައި، މިސާލަކަށް ޑްރެޖަރު ޗާޓަރުކޮށްގެން ހިއްކުން ފަދަ މަސައްކަތްތަކާ އެކު އަޅުގަނޑުމެންނަށް މިހާރު އަންދާޒާކުރެވެނީ މުޅި ރަސްމާލެ ހިއްކުމަށް ދާނީ 330 މިލިއަން ޑޮލަރު ކަމަށް." މުއްތަލިބުު ވިދާޅުވިއެވެ.
މި މަޝްރޫއަށް ހިނގާނެ ކަމަށް މިހާރު ލަފާކުރާ 330 މިލިއަން ޑޮލަރުގެ ބޮޑު ބައެއް ދިވެހި ރުފިޔާއިން ހަރަދުކުރެވިފައިވާ ކަމަށް ވެސް މުއްތަލިބި ފާހަގަކުރެއްވި އެވެ. އެއީ ޑޮލަރުގެ ދަތިކަމަށް އިތުރު އަސަރެއް ނުކުރާނެ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއް ފަރާތްތަކުން 700 މިލިޔަން ނުވަތަ 1000 މިލިޔަން ޑޮލަރު، ރަސްމާލެ ހިއްކުމަށް ދާނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ސިޔާސީ ބޭނުމަށް ދައްކާ ބިރުވެރި ވާހަކަތަކެއް ކަމަށް ވެސް މުއްޠަލިބް ވިދާޅުވިއެވެ.




