ބިމުގައި ލައްވާފައިވާ ވަސީލަތްތަކަކީ އަހަރެމެންނަށް ދެއްވާފައިވާ ވަގުތީ އަމާނާތެކެވެ.
ބިމުގައި ލައްވާފައިވާ ވަސީލަތްތަކުގެ އަމާނާތްތެރިކަން
މުހައްމަދު ހަލީމް 16 އޮކްޓޯބަރ 2026 (ހުކުރު)   06:52
ދުނިޔެއަށް މިއަދު ކުރިމަތިލަމުންދާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމީ ބަދަލުތަކެވެ. ބިމުގައި ލައްވާފައިވާ ގުދުރަތީ ވަސީލަތްތައް ހުސްވެދިޔުމުގެ ބިރުވެރެވެ. އިންސާނާގެ އަމަލުތަކުގެ ސަބަބުން ކާއިނާތުގައި ލައްވާފައިވާ ދިރުންތަކުގެ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތައް އައިސްފައެވެ. ފެނާއި ކާބޯތަކެތީގެ ދަތިކަން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ނަމަވެސް، އިސްލާމްދީން ވަނީ މީގެ 1400 އަހަރު ކުރިން، މި މައްސަލަތަކަށް ފުރިހަމަ ދާއިމީ ހައްލުތަކެއް ދައްކާފައެވެ. އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ފުރިހަމަ ނިޒާމެކެވެ. ބިމުގައިވާ ވަސީލަތްތަކަކީ އިންސާނާއާ ހަވާލުކުރެވިފައިވާ އަމާނާތެކެވެ. އެ އަމާނާތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ދީނީ ވާޖިބެކެވެ.

ކާއިނާތުގެ މީޒާނާއި އިންސާނާގެ ޒިންމާ
ބިމާއި ބިމުގައިވާހާ ތަކެއްޗެއް ހައްދަވާފައިވަނީ ވަރަށް ފުރިހަމަ މިންވަރަކަށެވެ. ވަކި ހަމަހަމަކަމެއްގެ މަތީގައެވެ. ނުވަތަ އިކޮލޮޖިކަލް ބެލެންސެއް މަތީގައެވެ.  ކީރިތި ޤުރުއާނުގެ ގަމަރު ސޫރަތުގެ 49 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ. 'إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ.' މި އާޔަތުގެ މަފުހޫމަކީ، ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އެއްޗެއްމެ ހެއްދެވީ ވަކި މިންވަރަކަށެވެ.

އެހެންކަމުން، ގުދުރަތުގެ މި ތިލަފަތުގެ ހަމަހަމަކަން ހިފެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވަނީ ބިމުގެ ހަލީފާވެރި އިންސާނާއަށެވެ. ނަމަވެސް، އިންސާނާގެ ދަހިވެތިކަމާއި، ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުން ބިމުގައި ލައްވާފައިވާ ދިރުމުގެ ނިޒާމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ބަދަލުތަކެއް އައިސްފައެވެ. ސައިންސްވެރިން ހާމަކުރާ ގޮތުގައި މިއަދު ފެންނަ މޫސުމީ ބަދަލުތަކުގެ %95 އަކީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން މެދުވެރިވާ ކަންކަމެވެ. ރޫމްސޫރަތުގެ 41 ވަނަ އާޔަތުގައި ﷲ ސުބުހާނަހޫ ވަތައާލާ މިކަން ބަޔާންކުރައްވާފައިވަނީ މިފދައިން ނެވެ. 'ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ.' މި އާޔަތުގެ މަފުހޫމަކީ، މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތައްތަކާއި، ނުބައި އަމަލުތަކުގެ ސަބަބުން އެއްގަމާއި ކަނޑުގައި ފަސާދަ ފާޅުވެއްޖެއެވެ. އެއީ އެމީހުން ކުރި ބައެއް އަމަލުތަކުގެ ނަތީޖާ އެބައިމީހުންނަށް ދެއްކެވުމަށެވެ. އެއީ، އެބައިމީހުން ތައުބާވެ ﷲ ތައާލާގެ ހަޒުރަތަށް ރުޖޫއަވުމަށްޓަކައެވެ.

އިސްރާފު ކުރުމުގެ ނުބައިކަން
އިސްލާމްދީނުގައި ވަނީ އިސްރާފުކުރުމާއި ތަބްޒީރު ނުވަތަ (ބޭކާރު ގޮތުގައި ހޭދަކުރުން ކަނޑައެޅިގެން މަނާކުރައްވާފައެވެ. ކާބޯތަކެއްޗާއި އެހެނިހެން ނިއުމަތްތައް ބޭނުންކުރުމުގައި މެދުމިންގަނޑެއް ހިފެހެއްޓުމަށް މާތް ﷲ ސުބުހާނަހޫ ވަތައާލާ ވަނީ އަމުރުކުރައްވާފައެވެ. އައުރާފް ސޫރަތުގެ 31 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ. 'وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ.' މި އާޔަތުގެ މަފުހޫމަކީ، އަދި ތިޔަބައިމީހުން ކާށެވެ! އަދި ބޯށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެއިލާހު ލޯބިވެވޮޑިގެނެއް ނުވެއެވެ.

މީގެއިތުރުން، ބޭކާރު ގޮތުގައި ހަލާކުކޮށް، ގޮނޑަށް އުކާލާ މީހުން ސިފަކުރައްވާފައިވަނީ ޝައިތޯނާގެ އަހުންގެ ގޮތުގައެވެ. އިސްރާ ސޫރަތުގެ 27 ވަނަ އާޔަތުގައި މާތް ﷲ ސުބުހާނަހޫ ވަތައާލާ ވަހީކުރައްވާފައިވެއެވެ. 'إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا.' މި އާޔަތުގެ މަފުހޫމަކީ، ހަމަކަށަވަރުން، ބޭކާރުގޮތުގައި ހޭދަކުރާ މީހުންނީ، ޝައިތޯނުންގެ އަހުން ކަމުގައިވިއެވެ. އަދި ޝައިތޯނާއީ، އޭނާގެ ވެރިއިލާހަށްއަށް ކާފިރުވެ، ނިއުމަތްތަކަށް އިންކާރުކުރާ މީހަކު ކަމުގައިވިއެވެ.

ސައިންސާއި އިގުތިސޯދީ ދިރާސާތަކުން ދައްކާގޮތުގައި، ދުނިޔޭގައި އުފައްދާ ކާބޯތަކެތީގެ ތިންބައިކުޅަ އެއްބައި ނުވަތަ ގާތްގަނޑަކަށް 1.3 ބިލިއަން ޓަނުގެ ކާބޯތަކެތި ކޮންމެ އަހަރަކު އިސްރާފުތަކެތީގެ ގޮތުގައި އުކާލެވެއެވެ. މިގޮތަށް އުކާލެވޭ ކާތަކެތި ކުނިވުމުން މީތޭން ގޭސް އުފެދެއެވެ. މި ގޭހަކީ ދުނިޔެ ހޫނުވުމަށް މެދުވެރިވާ، ވައިގެ ތެރޭގައި ހޫނު ހިފަހައްޓާ ގޭސްތަކުގެ ތެރެއިން ބޮޑު ހިއްސާއެއް އެކުލެވޭ ގޭހެކެވެ.

ފެނުގެ ނިއުމަތާއި އިގުތިސޯދުކުރުން
ފެނަކީ ދިރިއުޅުމުގެ އަސާސެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ސުބުހާނަހޫ ވަތައާލާ ވަނީ ފެނުގެ މުހިންމުކަން ބަޔާންކޮށްދެއްވާފައެވެ. ނަމަވެސް ރައްކާތެރި ސާފު ބޯފެން ނުލިބުމުގެ ދަތިކަން ދުނިޔޭގެ ބިލިއަނަކަށްވުރެ ގިނަ މީހުން ދަނީ ތަޙައްމަލުކުރަމުނެވެ. ކީރިތި ރަސޫލާ ﷺ ވަނީ ފެން ބޭނުންކުރުމުގައި އިގުތިސޯދުކުރުމަށް އަމުރުކުރައްވައި، ހަދީސްކުރައވާފައިވެއެވެ. 'أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَرَّ بِسَعْدٍ وَهُوَ يَتَوَضَّأُ فَقَالَ: مَا هَذَا السَّرَفُ يَا سَعْدُ؟ قَالَ: أَفِي الْوُضُوءِ سَرَفٌ؟ قَالَ: نَعَمْ، وَإِنْކُنْتَ عَلَى نَهْرٍ جَارٍ.' މި ހަދީސްގެ މަފުހޫމަކީ، ސައުދު ބިން އަބީ ވައްގާސް رضي الله عنه ވުލޫކުރައްވަނިކޮށް ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ އަރިހުން ހިންގަވާފައި ވަޑައިގަންނަވަމުން ހަދީސްކުރެއްވިއެވެ: 'އޭ ސައުދެވެ! ތިޔައީ ކޮންފަދަ އިސްރާފެއް ހެއްޔެވެ؟' ސައުދުގެފާނު ދެންނެވިއެވެ: 'ވުލޫކުރުމުގައިވެސް އިސްރާފުވުން އޮވޭތޯއެވެ؟' ހަދީސްކުރެއްވިއެވެ: 'އާދޭހެވެ! ތިބާ ދެމިދެމި އޮތް ފެންގަނޑެއްގެ ނުވަތަ ކޯރެއްގެ ކައިރީގައި ހުރިކަމުގައި ވިޔަސްމެއެވެ.'

މި ހަދީސްފުޅުން އެނގެނީ ވަސީލަތްތައް ކިތަންމެ ގިނައިން ހުއްޓަސް، ބޭނުންކުރަންވާނީ ހަމައެކަނި ބޭނުންވާ މިންވަރަށް ކަމެވެ. ސައިންޓިފިކް ނަޒަރަކުން ބަލާއިރު، ބިމުގައިވާ ފެނުގެ ތެރެއިން އިންސާނުންނަށް ބޭނުންކުރެވެނީ އެންމެ %1 ފެނެވެ. އެހެންކަމުން، ފެން އިސްރާފުކުރުން ހުއްޓާނުލައިފިނަމަ، ކުރިއަށް އޮތް ޖީލުތަކަށް ބޯފެން ހޯދުމަކީ ކުރެވެނެވަރުގެ ކަމެއް ނޫނެވެ.

ފެހިކަން ދެމެހެއްޓުން
ބިމުގެ ފެހިކަމާއި ގަސްގަހާގެއްސަކީ ކާއިނާތުގެ ނިޒާމު ހަމަހިފަހައްޓައިދޭ އެންމެ މުހިންމު އެއް ވަސީލަތެވެ. އެހެންކަމުން ތަރައްގީގެ ނަމުގައި ހިތުހުރި ގޮތަކަށް ގަސްކެނޑުމަކީ ކޮށްގެންވާނޭ ކަމެއް ނޫނެވެ. އަދި ދުނިޔޭގައިވާ ބިޔަ ޖަންގަލިތަކުގައިވާ ގަސްތައް ކަނޑާ ޖަންގަލިތައް ސާފުކުރުމަކީ ދުނިޔެ ނުރައްކަލަށް ހުށަހެޅިގެންދާ ކަމެކެވެ. މިގޮތުން، އިސްލާމްދީން ބާރުއަޅަނީ ބިމުގައި ގަސް އިންދައި ފެހިކަން އިތުރުކުރުމަށެވެ. ކީރިތި ރަސޫލާ ﷺ ހަދީސްކުރައްވާފައިވެއެވެ. 'مَا مِنْ مُسْلِمٍ يَغْرِسُ غَرْسًا، أَوْ يَزْرَعُ زَرْعًا، فَيَأْكُلُ مِنْهُ طَيْرٌ أَوْ إِنْسَانٌ أَوْ بَهِيمَةٌ، إِلَّا كَانَ لَهُ بِهِ صَدَقَةٌ.' މި ހަދީސްގެ މަފުހޫމަކީ، މުސްލިމަކު ގަހެއް އިންދައި، ނުވަތަ ދަނޑެއް ހައްދައި، އެއިން ދޫންޏެއް ނުވަތަ އިންސާނެއް ނުވަތަ ޖަނަވާރެއް އެއިން ކޭކަމުގައިވިޔަސް އެމީހަކަށް އެކަމުން ސަދަގާތެއް ކުރުމުގެ ސަވާބު ލިބޭނެއެވެ.

ސައިންޓިފިކް ގޮތުން ބަލާއިރު، ގަސްތަކަކީ ޖައްވުގައި ހުންނަ ވިހަ ގޭސްތައް ދަމައިގަންނަ އެއްޗެކެވެ. އަދި ގަހަކީ ދުނިޔެ ހޫނުވުން ކުޑަކޮށްދޭ އެންމެ ބޮޑު ވަސީލަތެވެ. ގަސްކެނޑުން އިތުރުވުމަކީ ފިނިހޫނުމިން މަތިވާ ކަމެކެވެ. ވާރޭ ވެހޭ މިންވަރަށް ބަދަލު އަންނަ ކަމކެވެ. އަދި މޫސުމީ ބަދަލުތައް އައުން އަވަސްވާ ސަބަބެކެވެ. އެހެންކަމުން ބޭނުމެއް ނެތް ގޮތުގައި ގަސްކެނޑުން ހުއްޓާލަންޖެހެއެވެ. އަދި ގަސް އިންދުން އިތުރުކުރަންޖެހެއެވެ.

ސިއްހީ ދުޅަހެޔޮކަމާއި ކެއުންބުއިމުގެ މެދުމިންގަނޑު
ކެއުންބުއިމުގައި އިސްރާފުކުރުމާއި ދުރުވެ ރައްކާތެރިވުމަކީ މައެކަނި ތިމާވެއްޓަށް އޮތް ރައްކާތެރިކަމެއް ނޫނެވެ. އެއީ ސިއްހީ ގޮތުންވެސް އިންސާނާއަށް އެންމެ ފައިދާހުރި ދުޅަހެޔޮ ގޮތެވެ. ކީރިތި ރަސޫލާ ﷺ ހަދީސްކުރައްވާފައިވެއެވެ. 'مَا مَلَأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنٍ، بِحَسْبِ ابْنِ آدَمَ أُكُلَاتٌ يُقِمْن صُلْبَهُ، فَإِنْ كَانَ لَا مَحَالَةَ فَثُلُثٌ لِطَعَامِهِ وَثُلُثٌ لِشَرَابِهِ وَثُلُثٌ لِنَفَسِهِ.' މި ހަދީސްގެ މަފުހޫމަކީ، ބަނޑަށްވުރެ ނުބައި ކަންވާރެއް އިންސާނާ ނުފުރައެވެ. އިންސާނާއަށް އޭނާގެ ބުރަކަށި ސީދާކޮށް ބެހެއްޓޭނެ މަދު އެތިކޮޅެއް ކެއުމުން ފުދެއެވެ. ދެން އެއަށްވުރެ އިތުރަށް އިތުރަށް ކާން ބޭނުންވާ މީހާ ގޮހޮރުގެ ތިންބައިކުޅަ އެއްބައަށް ކާށެވެ. އަދި ގޮހޮރުގެ ތިންބައިކުޅަ އެއްބައި ބުޔުމަށް ހާއްސަކުރާށެވެ. އަދި ގޮހޮރުގެ ތިންބައިކުޅަ އެއްބައި އޭނާގެ ނޭވާލުމަށް ބަހައްޓާށެވެ.

މިއަދުގެ މެޑިކަލް ސައިންސުން ސާބިތުވާ ގޮތުގައި، ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ކެއުމަކީ ހަކުރު ބައްޔާއި، ހިތުގެ ބަލިތަކާއި، އަދި ފަލަވުން ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވާ މައިގަނޑު ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އެހެންކަމުން، އިސްލާމީ މި ރިވެތި އުސޫލަކީ އިންސާނާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް މުހިންމު އުސޫލެކެވެ.

ދިވެހިރާއްޖޭގެ ތިމާވެށީގެ ހާލަތާއި އިސްލާމީ އުސޫލުތަކުގެ މުހިންމުކަން
ދިވެހިރާއްޖެއަކީ ނާޒުކު ތިމާވެއްޓެއްގެ މައްޗަށް އުފެދިފައިވާ ޖަޒީރާ ރަށްތަކެކެވެ. އެހެންކަމުން، މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރާ އެއް ގައުމަކީ އަހަރުމެންގެ މި ދިވެހިރާއްޖެއެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ރަށްގިރުމާއި، ބޯފެން ތަގައްޔަރުވުމުގެ މައްސަލަތައް ރާއްޖޭގެ ރަށްތަކަށް ދަނީ ކުރިމަތިވަމުންނެވެ. މިފަދަ ހާލަތެއްގައި ކުނީގެ ގޮތުގައި އުކާލާ ކާބޯތަކެއްޗާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުމަކީ ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުންވެސް ހެދޭ ބޮޑު ގޯހެކެވެ. ރާއްޖޭގެ ރަށްތަކުގައިވާ ފެން ފަށަލަ ދަނީ ހެސްކިޔާފައި ހަލާކުވަމުންނެވެ. އެހެންކަމުން، ފެން އިސްރާފުކުރުން ހުއްޓާލައި، ވާރޭފެން ރައްކާތެރިކޮށް ބޭނުންކުރުމަކީ އަމާނާތްތެރިކަމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ރަށްރަށުގެ ފަރުތަކާއި ގުދުރަތީ ރީތިކަން ހިމާޔަތްކުރުމަކީ، ﷲ ސުބުހާނަހޫ ވަތައާލާ އަހަރެމެންނާ ހަވާލުކުރައްވާފައިވާ އަމާނާތް ހެޔޮގުގައި އަދާކުރުމުގެ ތެރެއިންވާ ކަމެކެވެ.

ނިންމުން
ތިމާވެށީގެ މައްސަލަތަކާއި މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު ބާރަކީ އަމިއްލަ ނަފްސު އިސްލާހުކުރުމެވެ. ބިމުގައި ލައްވާފައިވާ ވަސީލަތްތަކަކީ އަހަރެމެންނަށް ދެއްވާފައިވާ ވަގުތީ އަމާނާތެކެވެ. މާދަމާ، ގިޔާމަތް ދުވަހުން އެ ނިއުމަތްތަކާމެދު އަހަރުމެންނާމެދު ސުވާލުވެވޭނެއެވެ. އެހެންކަމުން އިސްރާފުކުރުން ހުއްޓާލަންޖެހެއެވެ. އިގުތިސޯދުކުރުމުގެ އާދަ އަށަގަންނަވަން ޖެހެއެވެ. ދީނީ އަދި ސައިންޓިފިކް އިރުޝާދުތަކަށް ބޯލަބާ ކިޔަމަންވާން ޖެހެއެވެ. މިކަމަކީ މޫސުމީ ބަދަލުތަކުގެ ނުރައްކަލުން އެންމެން އަތާއި އަތް ގުޅާލައިގެން އަދާކުރަންޖެހިފައިވާ އަމާނާތެކެވެ.

ކޮމެންޓް