ހަޔާތުގެ ކޮންމެވެސް ހިސާބަކުން މާޔޫސްކަމާއި ފިކުރުބޮޑުވުމާ ކުރިމަތިލާން ޖެހެއެވެ.
ޑޯންޓް ބީ ސޭޑް!
މުހައްމަދު ހަލީމް 23 އޮކްޓޯބަރ 2026 (ހުކުރު)   09:41
ދުނިޔަވީ ހަޔާތަކީ ތަފާތު އިމްތިހާނުތަކާއި، ހިތާމަތަކާއި، އަދި ގޮންޖެހުންތަކުން ފުރިގެންވާ ދަތުރެއްކަން ތިބާއަށް އަބަދުވެސް އިހުސާސް ކުރެވޭނެއެވެ. ތިބާގެ ހަޔާތުގެ ކޮންމެވެސް ހިސާބަކުން މާޔޫސްކަމާއި ފިކުރުބޮޑުވުމާ ކުރިމަތިލާންޖެހޭނެއެވެ. އެ ވަގުތު ތިބާގެ ނަފްސަށް ބޭނުންވަނީ ހަމަހިމޭންކަމާއި، އުންމީދާއި، އަދި ކުރިއަށްދާނެ ސާފު މަގެކެވެ.

މިފަދަ ކޮންމެ ދަނޑިވަޅެއްގައި ތިބާގެ ހަނދާނަށް ގެންނަންވީ ކީރިތި ޤުރުއާނުގެ ތައުބާ ސޫރަތުގެ 40 ވަނަ އާޔަތުގައި ﷲ ސުބްހާނަހޫ ވަތައާލާ ބަޔާންކުރައްވާ އެ އިލާހު ވަހީކުރައްވާފައިވާ މި އަސަރުގަދަ އާޔަތެވެ.

'لَا تَحْزَنْ إِنَّ اللَّهَ مَعَنَا'. މި އާޔަތުގެ މަފުހޫމަކީ،  ތިބާ ހިތާމަނުކުރާށެވެ! ހަމަކަށަވަރުން ﷲ ވަނީ ތިމަންމެންނާ އެކުގައެވެ.

މިއީ ކީރިތި ރަސޫލާ ﷺ ހިޖުރައިގެ ދަތުރުފުޅުގައި ގާރު ފަރުބަދައިގެ ތެރޭގައި އިންނެވި ނާޒުކު ވަގުތު، އެކަލޭގެފާނުގެ މިތުރު އަބޫބަކުރުގެފާނަށް ދެއްވި ހިތްހަމަޖެހުމުގެ ބަސްފުޅެވެ. މި ބަސްފުޅަކީ މިއަދު ތިބާގެ ނަފްސާނީ އަދި ރޫހާނީ ބަލިމަޑުކަމަށްވެސް ލިބޭނެ ވަރަށް އަގުހުރި ޝިފާއެކެވެ. މިއީ ހިތާމައިން ސަލާމަތްވެ، ﷲ ގެ ރަހުމަތްފުޅާ އެކު އުފާވެރި ފާގަތި ދިރިއުޅުމެއް ބިނާކުރުމަށްޓަކައި ތިބާއަށް ހުރި އަމަލީ އިރުޝާދުތަކެކެވެ.

ލިވިން އިން ދަ ޕްރެޒެންޓް
ތިބާގެ ހަޔާތް އުޖާލާކުރުމަށްޓަކައި ހިފާން އޮތް އެންމެ މުހިންމު ހަތިޔާރަކީ 'މިއަދުގެ' ބޭނުން ހެޔޮގޮތުގައި ހިފުމެވެ. ތިބާ ހިތާމައިގެ ތެރެއަށް ވެއްޓެނީ ދެ ކަމެއްގެ ސަބަބުންނެވެ. އެއީ މާޒީއާ މެދު ކުރެވޭ ހިތާމައާއި، މުސްތަގުބަލާ މެދު ކުރެވޭ ބިރުވެރި ފިކުރެވެ. މާޒީއަކީ ފާއިތުވެގޮސްފައިވާ އެއްޗެކެވެ. އެހެންކަމުން، އެއަށް ބަދަލެއް ނުގެނެވޭނެކަން ތިބާ ގަބޫލުކުރަންޖެހެއެވެ. މާޒީގެ ހިތާމަތައް ތަކުރާރުކޮށް ހިތަށް ބާރުކުރުމަކީ ތިބާގެ ހަކަތަ ބޭކާރުކޮށްލުމެވެ. އަދި މުސްތަގުބަލަކީ ފަރުދާގެ ފުރަގަހުގައިވާ އެއްޗެކެވެ. އެއީ އަދި ދުނިޔެއަށް އުފަންވެސް ނުވާ ވަގުތެކެވެ. ނުވާނެ ކަންކަމާ މެދު ވިސްނައި، މިއަދުގެ ހިތްހަމަޖެހުން ނަގާލުމަކީ ބުއްދިވެރިކަމެއް ނޫނެވެ. އެހެންކަމުން، ތިބާގެ ހަޔާތަކީ ހަމައެކަނި 'މިއަދު' ކަމަށް ދެކިގެން، މި ވަގުތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ތިބާ އަޒުމް ކަނޑައަޅާށެވެ.

ކީރިތި ޤުރުއާނުގެ އައުރާފް ސޫރަތުގެ 144 ވަނަ އާޔަތުގައި ﷲ ސުބްހާނަހޫ ވަތައާލާ އަންގަވާފައިވަނީ މިފަދައިންނެވެ. 'فَخُذْ مَا آتَيْتُكَ وَكُن مِّنَ الشَّاكِرِينَ'. މި އާޔަތުގެ މަފުހޫމަކީ، ފަހެ، ތިމަން އިލާހު ތިބާއަށް ދެއްވި އެއްޗެއްގައި ހިފަހައްޓާށެވެ! އަދި ޝުކުރުވެރިންގެ ތެރެއިން ތިބާ ވާށެވެ!"

ބިލީފް އިން ޕްރީ-އޯޑެއިންމަންޓް
އިސްލާމްދީނުގެ އަސާސްތަކުގެ ތެރެއިން ތަގުދީރަށް ނުވަތަ ގަލޯގަދަރަށް އީމާންވުމަކީ ހިތުގެ ހަމަޖެހުމުގެ މައިގަނޑު ތަޅުދަނޑިއެވެ. ތިބާއަށް ދިމާވާ ކޮންމެ މުސީބާތަކާއި، ދެރައަކާއި، ނުވަތަ ލިބޭ ކޮންމެ ކުރިއެރުމަކީވެސް ﷲ ސުބްހާނަހޫ ވަތައާލާ ކުރިން ލިޔުއްވައި، ކަނޑައަޅުއްވައި، މިންވަރު ކުރައްވާފައިވާ ކަންކަމެވެ. މި އަގީދާ ތިބާގެ ހިތުގައި ބިންވަޅު ނެގިފައިވާ މިންވަރަކުން ލިބޭ ދެރައަކުން މާޔޫސް ވެގެންނުދާނެއެވެ. އަދި  މޮޅިވެރިކަމެއް އިހުސާސް ނުވާނެއެވެ. އަދި ކަމެއް ފާއިތުވުމުން 'އެހެން ނުވިނަމަ، މިހެން ވީސް' ކަމަށް ބުނެ ޝައިތޯނާގެ ބާތިލު ވަސްވާސްތަކަށް ހިތުން ޖާގައެއް ނުދޭށެވެ.

ކީރިތި ޤުރުއާނުގެ ހަދީދު ސޫރަތުގެ 22 ވަނަ އާޔަތުގައި ﷲ ސުބްހާނަހޫ ވަތައާލާ އަންގަވާފައިވަނީ މިފަދައިންނެވެ.

'مَا أَصَابَ مِن مُّصِيبَةٍ فِي الْأَرْضِ وَلَا فِي أَنفُسِكُمْ إِلَّا فِي كِتَابٍ مِّن قَبْلِ أَن نَّبْرَأَهَا'. މި އާޔަތުގެ މަފުހޫމަކީ، ތިމަން އިލާހު އެ ތަކެތި އުފެއްދެވުމުގެ ކުރިން، ފޮތެއްގައި ލިޔުއްވާފައިވާ ކަމަކުން މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްވިޔަސް އެއްވެސް މުސީބާތެއް ނުޖެހެއެވެ.

މީގެ އިތުރުން ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާފައި ވެއެވެ. 'مَنْ يُرِدِ اللَّهُ بِهِ خَيْرًا يُصِبْ مِنْهُ'

މި ހަދީސްގެ މަފުހޫމަކީ، ﷲ އެމީހަކަށް ހެޔޮކަމަކަށް އިރާދަކުރައްވާ މީހާ، އެ އިލާހު މުސީބާތްތަކުން އިމްތިހާނު ކުރައްވައެވެ.

ކޮންޓެމްޕްލޭޓް އެންޑް ބީ ތޭންކްފުލް
ތިބާއަށް ކުރިމަތިވާ ކުދިކުދި އުނިކަންކަމާއި، މާލީ ދަތިތަކަށް މާޔޫސްވަމެވެ. އެފަދަ ވަގުތުތަކުގައި ﷲ ދެއްވާފައިވާ ބޮޑެތި ނިއުމަތްތައް ތިބާ ހަނދާންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން، ލޮލުގެ ފެނުން، ކަންފަތުގެ އިވުން، ސަލާމަތް ސިއްހަތު، ބޯނެ ސާފު ފެންފޮދާއި އަދި، އަނބިދަރިންނާއި އާއިލާއަކީ ރަނާއި ރިއްސަށްވުރެ އަގުބޮޑު ނިއުމަތްތަކެކެވެ. އަހަރެން ތިބާއާ ސުވާލުކޮށްލަމެވެ؛ ދުނިޔޭގެ ހުރިހާ ރަނަކަށް ތިބާގެ ލޮލުގެ ފެނުން ވިއްކާލާނަން ހެއްޔެވެ؟ ނުވަތަ ބޮޑެތި ގަނޑުވަރުތަކަށް ތިބާގެ ވާހަކަދެއްކުމުގެ ކުޅެދުންތެރިކަން ބަދަލުކޮށްލާނަން ހެއްޔެވެ؟ ދުނިޔޭގެ މާއްދީ ތަކެއްޗަށްވުރެ، ތިމާއަށް ލިބިފައިވާ ސިއްހީ އަދި ރޫހާނީ ނިއުމަތްތަކަށް ފުންކޮށް ވިސްނައި ޝުކުރުވެރިވުމަކީ ހިތާމަ ފިލުވައިދޭ ކަމެކެވެ.

ކީރިތި ޤުރުއާނުގެ އިބްރާހީމް ސޫރަތުގެ 34 ވަނަ އާޔަތުގައި ﷲ ސުބްހާނަހޫ ވަތައާލާ އަންގަވާފައިވަނީ މިފަދައިންނެވެ. 'وَإِن تَعُدُّوا نِعْمَةَ اللَّهِ لَا تُحْصُوهَا' މި އާޔަތުގެ މަފުހޫމަކީ، އަދި ތިޔަބައިމީހުން ﷲ ގެ ނިއުމަތްތައް ގުނާ އަދަދުކުރަން އުޅުނަސް، ތިޔަބައިމީހުންނަކަށް އެ ނިއުމަތްތައް ގުނާ އަދަދެއް ނުކުރެވޭނެއެވެ.

ރިމެމްބްރެންސް އޮފް ﷲ
ތިބާގެ ހިތަށް ހަމަޖެހުން ލިބެނީ ﷲ ހަނދުމަ ކުރުމުންނެވެ. ނަމާދަކީ ހިތްހަމަޖެހުމާއި، ހަމަޖެހުން ގެނެސްދޭ އަޅުކަމެކެވެ. އެކަމަށް އިޝާރާތްކުރައްވައި ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާފައި ވެއެވެ. 'يَا بِلَالُ، أَقِمِ الصَّلَاةَ، أَرِحْنَا بِهَ'. މި ހަދީސްގެ މަފުހޫމަކީ، އޭ ބިލާލުގެފާނެވެ! ނަމާދުގެ ގަމަތްދެއްވާށެވެ!  އެ ނަމާދުގެ ސަބަބުން ތިމަންމެންނަށް އަރާމާއި ހިތްހަމަޖެހުން ލިއްބައިދެއެވެ! އަދިވެސް ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާފައި ވެއެވެ. 'وَجُعِلَتْ قُرَّةُ عَيْنِي فِي الصَّلَاةِ' މި ހަދީސްގެ މަފުހޫމަކީ، ތިމަން ކަލޭގެފާނުގެ ލޮލުގެ ފިނިކަން ވަނީ ނަމާދުގައެވެ. މީގެ އިތުރުން ގިނަގިނައިން އިސްތިގުފާރު ކުރުމަކީ ދިރިއުޅުމުގެ ބަންދުވެފައިވާ ދޮރުތައް ހުޅުވައިދޭ ކަމެކެވެ. ކަންބޮޑުވުންތައް ފިލުވައިދޭ ކަންޒެކެވެ.

ކީރިތި ޤުރުއާނުގެ ރައުދު ސޫރަތުގެ 28 ވަނަ އާޔަތުގައި ﷲ ސުބްހާނަހޫ ވަތައާލާ އަންގަވާ ވަހީކުރައްވާފައި ވެއެވެ. 'أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ' މި ހަދީސްގެ މަފުހޫމަކީ، ދަންނާށެވެ! ﷲ ހަނދުމަކުރުމުން މެނުވީ ހިތްތައް ހަމަޖެހުމެއް ނުވެއެވެ.

ޑުއިން ގުޑް ޓު އަދާސް
މީހަކަށް އެހީތެރިވުމުން ނުވަތަ ސަދަގާތެއް ކުރުމަކީ އެންމެ އެކަމުގެ ސަބަބުން އެންމެ ފުރަތަމަ ތިބާގެ ނަފުސަށް އުފާވެރިކަމުގެ އިހުސާސް ގެނެސްދޭ ކަމެކެވެ. ހިތާމައާއި މާޔޫސްކަމުގެ ވަގުތުގައި އެހެން މީހުންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭން ތިބާ މަސައްކަތް ކުރުމަކީ ތިބާގެ އަމިއްލަ ނަފުސަށް ދެވޭ އެންމެ މޮޅު ފަރުވާއެވެ. ކީރިތި ޤުރުއާނުގެ އައްލައިލް ސޫރަތުގެ 18 އިން 21 އަށްވާ އާޔަތްތަކުގައި ﷲ ސުބްހާނަހޫ ވަތައާލާ އަންގަވާފައިވަނީ މިފަދައިންނެވެ. 'الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ (18 وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ (19) إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ (20) وَلَسَوْفَ يَرْضَىٰ (21). މި އާޔަތްތަކުގެ މަފުހޫމަކީ، އެއީ ތާހިރުވުމުގެ ގޮތުން އޭނާގެ މުދާ ހޭދަކުރާ މީހާއެވެ. އަދި ބަދަލުދެވޭ ފަދަ އެއްވެސް ނިއުމަތެއް އެހެން އެއްވެސް މީހެއްގެ ފަރާތުންވެސް އޭނާއަކަށް ލިބިފައެއް ނުވެއެވެ. އޭނާ އެކަންކުރީ އޭނާގެ ވެރި އިލާހުގެ ވަޖުހުފުޅު އެކަނި އަދައިގެން ނެވެ. އަދި ނިކަންހުރެ އޭނާ އެކަމާ ހިތްހަމަޖެހޭނެ އެވެ.

މީގެ އިތުރުން ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާފައި ވެއެވެ.

'لَا تَحْقِرَنَّ مِنَ الْمَعْرُوفِ شَيْئًا، وَلَوْ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ'. މި ހަދީސްގެ މަފުހޫމަކީ، ހެޔޮކަމުގެ ތެރެއިން އެއްވެސް އެއްޗަކީ ކުޑަ އެއްޗެއް ކަމުގައި ތިބާ ނުދެކޭށެވެ. އެއީ ތިބާގެ އަހާއާ ބައްދަލުވާއިރު ހިނިތުންވެފައިވާ މޫނަކާއެކު ބައްދަލުކުރުން ކަމުގައި ވިޔަސްމެއެވެ.

ރިޕެލް ބޯޑަމް ވިތު ވޯކް
ޝައިހު އާއިލު ބިން އަބްދުﷲ އަލްގަރްނީ އެކަލޭގެފާނުގެ މަޝްހޫރު ފޮތް 'ލާ ތަހުޒަން' މިފޮތުގައި ވިދާޅުވެފައި ވެއެވެ. 'އިންސާނާ އެއްވެސް މަސައްކަތެއްނެތި ހުސްކޮށް ހުންނަ ހުރުމަކީ ސިކުނޑިއަށް ބޭކާރު ޚިޔާލުތަކާއި، މާޒީގެ ހިތާމަތަކާއި، އަދި މުސްތަޤްބަލުގެ ބިރުވެރިކަން ވެރިކުރުވާ ކަމެއް ކަމަށެވެ. އެހެންކަމުން، ނަފްސާނީ ބަލިމަޑުކަމުންނާއި ހިތްދަތިކަމުން ސަލާމަތްވުމަށްޓަކައި، ކޮންމެވެސް ފައިދާހުރި މަސައްކަތެއްގައި ނުވަތަ އިލްމު އުނގެނުމެއްގައި މަޝްއޫލުވާށެވެ'. ތިބާގެ ސިކުނޑި ހުސްކޮށް ހުރުމަކީ މާޒީގެ ހިތާމަތަކާއި ވޭންތައް ހިތަށް ސަވާރުވާކަމެކެވެ. އެހެންކަމުން، ކޮންމެވެސް ފައިދާހުރި މަސައްކަތެއްގައި ނުވަތަ ފޮތް ކިޔުމެއްގައި ތިބާގެ ވަގުތު ހޭދަކުރުމަށް އިސްކަންދޭށެވެ.

ކީރިތި ޤުރުއާނުގެ އައްތައުބާ ސޫރަތުގެ 87 ވަނަ އާޔަތުގައި ﷲ ސުބްހާނަހޫ ވަތައާލާ ވަހީ ކުރައްވަފައިވަނީ މިފަދައިންނެވެ. 'رَضُوا بِأَن يَكُونُوا مَعَ الْخَوَالِفِ وَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْهَمُونَ'. މި އާޔަތުގެ މަފުހޫމަކީ، ގޭގައި ތިބޭ އަންހެނުންނާއެކު ތިބުމަށް އެމީހުން ރުހުނެވެ. އަދި އެމީހުންގެ ހިތްތަކުގައި އެގޮތަށް ސިއްކަޖެހުނެވެ. ފަހެ، އެމީހުންނަކަށް ނުވިސްނެއެވެ.

ހައު ޓު ޑީލް ވިތު ބިޓަރ ކްރިޓިސިޒަމް
ދުނިޔޭގައި އުޅޭއިރު މީހުންގެ ފާޑުކިއުންތަކާއި، ހަސަދަވެރިކަމާ ކުރިމަތިލާންޖެހޭނެކަން ތިބާ ދަންނާށެވެ. ވިސްނާށެވެ، މަރުވެފައިވާ ކުއްތާއަކަށް ނުވަތަ ބުޅަލަކަށް އެކަކުވެސް ކުޅެއް ނުޖަހާނެއެވެ. މާނައަކީ ތިބާއަށް ފާޑުކިޔަނީ ތިބާގެ ކިބައިގައި ކޮންމެވެސް ކާމިޔާބީއެއް ނުވަތަ ކުރިއެރުމެއް ހުރުމުންނެވެ. އެހެންކަމުން އެފަދަ ބަސްތަކަށް ފުރަގަސްދޭށެވެ. ކެތްތެރިކަމާއެކު ކުރިއަށް ދިއުމަށް ތިބާ އަޒުމުކުރާށެވެ. އާލްއިމްރާން ސޫރަތުގެ 119 ވަނަ އާޔަތުގައި ވަހީކުރައްވާފައިވަނީ މިފަދައިންނެވެ. 'قُلْ مُوتُوا بِغَيْظِكُمْ'. މި އާޔަތުގެ މަފުހޫމަކީ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ރުޅިވެރިކަމުގައި ތިޔަބައިމީހުން ހަލާކުވެގެންދާށެވެ!

އޯވަކަމިން ތޯޓްސް އޮފް ޑިސްޕެއާ އެންޑް ސުއިސައިޑް
ހަޔާތުގެ ބައެއް ދަނޑިވަޅުތަކުގައި މާޔޫސްކަމުގެ ވިލާގަނޑު މުޅި ސިކުނޑި ވަށާލާ ބައްދާލައެވެ. ދިރިއުޅުން މަތިން ފޫހިކޮށްލައެވެ. އަމިއްލައަށް މަރުވުމުގެ ހިޔާލުތައް ސިކުނޑިއަށް ވަދެއެވެ. ތިބާ ވިސްނާށެވެ. ބޭނުންވަނީ، އެއީ ތިބާގެ ނަފްސުގެ އަސްލު ބޭނުމެއް ނޫނެވެ. އެއީ ހިތްދަތިކަމާއި ވޭނަށް ކެތްނުކުރެވިގެން ސިކުނޑިއަށް އަންނަ ވަގުތީ، ބަލިކަށި ވަގުތުކޮޅެކެވެ. އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ ދިރިއުޅުމުގެ އުންމީދު ދުވަހަކުވެސް ދޫކޮށް ނުލުމަށެވެ. ﷲ ގެ ރަހުމަތްފުޅުން މާޔޫސްވުމަކީ މުއުމިނެއްގެ ސިފައެއް ނޫނެވެ. އެފަދަ ހިޔާލެއް އަންނަ ހިނދު، އެއީ ޝައިތޯނާގެ ވަސްވާހެއްކަން ދަނެގަންނާށެވެ. އަދި ﷲ ގެ ހަޒުރަތުން ރައްކާތެރިކަމަށް އެދޭށެވެ. އަދި އެކަނިވެ ނުގަނެ، އިތުބާރު ހިފޭ މީހަކާ ނުވަތަ ނަފްސާނީ މާހިރެއްގެ އެހީތެރިކަން އަވަހަށް ހޯދާށެވެ. ތިބާގެ ދިރިއުޅުމަކީ ﷲ ދެއްވާފައިވާ ވަރަށް އަގުބޮޑު އަމާނާތެކެވެ.

ޔޫސުފް ސޫރަތުގެ 87 ވަނަ އާޔަތުގައި ﷲ ސުބްހާނަހޫ ވަތައާލާ އަންގަވާފައިވަނީ މިފަދައިންނެވެ.

'وَلَا تَيْأَسُوا مِن رَّوْحِ اللَّهِ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّهِ إِلَّا الْقَوْمُ الْكَافِرُونَ'. މި އާޔަތުގެ މަފުހޫމަކީ، އަދި ތިޔަބައިމީހުން ﷲ ގެ ރަޙްމަތްފުޅުން މާޔޫސް ނުވާށެވެ! ހަމަކަށަވަރުން ކާފިރުވީ މީހުން މެނުވީ، ﷲ ގެ ރަހުމަތްފުޅާމެދު މާޔޫސް ނުވާނެއެވެ.

ނިންމުން
އަހަރެން ތިބާއަށް ޔަގީންކަމާއެކު ބުނަން ބޭނުންވަނީ، ހިތާމައަކީ ދާއިމަށް ދެމިގެންދާނެ އެއްޗެއް ނޫންކަމެވެ. ހަޔާތުގެ ކޮންމެ އަނދިރި ރެއަކަށްފަހު، އަލިގަދަ ފަތިހެއް އަންނާނެކަން ކަށަވަރެވެ. ދިރިއުޅުމުގެ ކޮންމެ ދަތިކަމަކާއެކު ފަސޭހަކަމެއް ﷲ މިންވަރު ކުރައްވާފައިވާކަން ވިސްނާށެވެ؛ ހިތުގެ އަޑިން އެކަން ގަބޫލުކުރާށެވެ. މާޒީގެ ކަރުނައިން ތިބާގެ މިއަދު ނަގާނުލާށެވެ. އަދި މުސްތަގުބަލުގެ ނޭނގޭ ބިރުވެރިކަމުން ތިބާގެ ނަފްސު ގައިދުނުކުރާށެވެ. ތިބާއަށް ދެއްވާފައިވާ ކުދި އަދި ބޮޑެތި ނިއުމަތްތަކުން އުފާވެރިކަން ހޯދާށެވެ. ﷲ އަށް ފުރިހަމައަށް ވަކީލުކޮށްގެން ކުރިއަށް ހިނގައިގަންނާށެވެ. ތިބާގެ ހިތުގެ ތެޅުމާއި، ނޭވާލުމުގެ ކޮންމެ ސިކުންތަކީ ހަޔާތް އަލުން ބިނާކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މާޔޫސްކަމުގެ ސުންޕާ ވިލާގަނޑު ބޯމަތިވިޔަ ނުދޭށެވެ. އޭގެބަދަލުގައި އުންމީދުގެ އާ ދަންމަރުން ތިބާގެ ހަޔާތް އަލިކޮށްލާށެވެ. ދަންނާށެވެ! ތިބާގެ ހިތުގައި އީމާންކަމުގެ ނޫރު ވާހާ ހިނދަކު، ދުވަހަކުވެސް މާޔޫސްވެ ހިތާމަކުރާކަށް ނުޖެހޭނެ އެވެ!

ނޯޓު: މި ލިޔުމުގެ ސުރުހީއާއި އަރިމަތީ ސުރުހީ އިނގިރޭސިބަހުން ކިޔާގޮތަށް ދިވެހިންބަހުން ލިޔެފައި އެވަނީ ޒުވާނުން ވިސްނައިގަތުމަށް ފަސޭހައަކަށެވެ. 

ކޮމެންޓް