
ކައުނުގައި ފެތުރިގަތުމަށް އޮތް އިލާހީ އަމުރުފުޅު
މާތްﷲ ކީރިތި ޤުރުއާނުގައި އިންސާނުންނަށް ގޮވާލައްވާފައިވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކާއި، ބިތްބިތަށް ދަތުރުކޮށް، އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކަށް ނަޒަރު ހިންގުމަށެވެ. ސޫރަތުލް އަންއާމްގެ 11 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ. 'قُلْ سِيرُوا فِي الْأَرْضِ ثُمَّ انظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ.' މި އާޔަތުގެ މަފުހޫމަކީ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! އެއަށްފަހު، (حق) ދޮގުކުރި މީހުންގެ ނިމުންވަނީ ކޮންފަދައަކުންތޯ ބަލާށެވެ! މިއީ ހަމައެކަނި ޖިސްމާނީ ގޮތުން ދަތުރުކުރުމުގެ ވާހަކައެއް ނޫނެވެ. އެއީ ލޮލުން ބަލައި، ދެކި، ކަންކަމާ މެދު ފުންކޮށް ވިސްނައި، ކައުނުގައިވާ ކަންކަމުން ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަން ދެނެގަތުމަށް ކުރެވޭ އަމުރެކެވެ.
މީގެ އިތުރުން ވެސް، ސޫރަތު ޔޫސުފްގެ 109 ވަނަ އާޔަތުގައި ވެސް މާތްﷲ ވަނީ ބިމުގައި ދަތުރުކޮށް، ކުރީގެ މީހުންގެ ބާރާއި ކުޅަދާނަކަމަށްވީ ގޮތް ބަލައި އިބުރަތް ލިބިނުގަންނަ މީހުންނާ ސުވާލު ކުރައްވާ އިންޒާރު ދެއްވާފައި ވަނީ މިފަދައިންނެވެ. އިންޒާރު ކުރައްވާފައެވެ. 'أَفَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ وَلَدَارُ الْآخِرَةِ خَيْرٌ لِّلَّذِينَ اتَّقَوْا أَفَلَا تَعْقِلُونَ.' މި އާޔަތުގެ މަފުހޫމަކީ، ފަހެ، އެބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް، އެބައިމީހުންގެ ކުރީގެ މީހުންގެ ނިމުންވީ ކޮންފަދައަކުންތޯ ނުބަލަނީ ހެއްޔެވެ؟ އަދި ތަޤްވާވެރިވި މީހުންނަށް އާޚިރަތް ފަސްގަނޑު މާ ހެޔޮކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުންނަށް ނުވިސްނެނީ ހެއްޔެވެ؟"
ސޫރަތުލް ޢަންކަބޫތުގެ 20 ވަނަ އާޔަތުގައި، މާތްﷲ އިންސާނާގެ ފެށުމާއި އުފެއްދެވުން ދެނެގަތުމަށްޓަކައި ބިމުގައި ދަތުރުކުރުމަށް އަމުރުކުރައްވާފައިވެއެވެ. 'قُلْ سِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ بَدَأَ الْخَلْقَ ثُمَّ اللَّهُ يُنشِئُ النَّشْأَةَ الْآخِرَةَ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ.' މިއާޔަތުގެ މަފުހޫމަކި، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ފަހެ، އެކަލާނގެ ފުރަތަމައަށް އުފެއްދެވުން ފެއްޓެވީ ކޮންފަދައަކުންތޯ ބަލާށެވެ! އެއަށްފަހު، މާތްﷲ އާޚިރަތުގެ އުފެއްދެވުން އުފައްދަވާނެއެވެ. ހަމަކަށަވަރުން، މާތްﷲ އީ، ކޮންމެ އެއްޗެއްގެ މައްޗަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
ދަތުރުފަތުރުގެ ތެރެއިން ލިބޭ މިފަދަ ރޫހާނީ ފިލާވަޅުތަކާއި، ދަތުރުވެރިޔާގެ ހިތް ތިރިކަމަށް ބާރުދެއްވައި ކީރިތި ރަސޫލާ ﷺ ވެސް ވަނީ އިރުޝާދު ދެއްވާފައެވެ. ދަތުރުމަތީގައި ދުއާ އިޖާބަވުމުގެ ފުރުސަތު ބޮޑުކަން ބަޔާންކުރައްވައި ހަދީސްކުރައްވާފައިވެއެވެ. 'ثَلَاثُ دَعَوَاتٍ مُسْتَجَابَاتٌ لَا شَكَّ فِيهِنَّ: دَعْوَةُ الْمَظْلُومِ، وَدَعْوَةُ الْمُسَافِرِ، وَدَعْوَةُ الْوَالِدِ عَلَى وَلَدِهِ.' މި ހަދީސްގެ މަފުހޫމަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި އިޖާބަކުރެއްވޭ ތިން ދުޢާއެއްވެއެވެ. އެއީ އަނިޔާލިބިފައިވާ މީހާގެ ދުޢާއާއި، ދަތުރުވެރިޔާ (މުސާފިރު) ގެ ދުއާއާއި، ބައްޕައެއް އޭނާގެ ދަރިފުޅުގެ މައްޗަށް ކުރާ ދުޢާއެވެ.
މި އެންމެހައި އާޔަތްތަކާއި ހަދީސުން އެނގި ހާމަވަނީ، ބިމުގައި ދަތުރުފަތުރު ކުރުމަކީ ހަމައެކަނި މުނިފޫހިފިލުވުމެއް ނޫން ކަމެވެ. އެއީ އިންސާނާގެ ބުއްދިއާއި ފިކުރު ތަނަވަސްކޮށް، އިލާހީ ގާނޫނުތަކާއި ކައުނީ ހަގީގަތްތަކާ މެދު ވިސްނައި، އަހަރުމެން ހެއްދެވި ﷲ ސުބުހާނަހޫ ވަތައާލާއަށް އޮންނަ ބިރުވެތިކަމާއި އީމާންތެރިކަން އިތުރުކުރުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު އަޅުކަމެއްގެ ބައެއް ކަމެވެ.
ދަތުރުފަތުރުގެ ތެރެއިން އިބުރަތް ހާސިލުކުރުން
ކުރީގެ އުންމަތްތަކުގެ ބިނާތަކާއި، ބާކީ ހުރި އެހެން ކަންކަމުން ފެންނަން ހުރީ ބާރާއި ނުފޫޒުގެ ދާއިމީކަމެއް ނޫނެވެ. މާތްﷲ ގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވި ބޮޑެތި ބާރުގަދަ ސިވިލައިޒޭޝަންތައް ބިމާ ހަމަވެގެންދިޔަ ގޮތެވެ. ބިމުގައި ފެތުރިގަނެގެން ދަތުރުކުރާ މީހާއަށް މިފަދަ ތަންތަން ފެނުމުން، ދުނިޔޭގެ ކެހިވެރިކަމުން ހޭލެވި، އާހިރަތް މަތިން ހަނދާންވެއެވެ. ހައްޖު ސޫރަތުގެ 46 ވަނަ އާޔަތުގައި ބަޔާންވެގެންވަނީ މި ހަގީގަތެވެ. 'أَفَلَمْ يَسِيرُوا فِي الْأَرْضِ فَتَކُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَا ۖ فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَٰكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ.' މއާޔަތުގެ މަފުހޫމަކީ، ފަހެ، އެބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް ނޫޅެނީ ހެއްޔެވެ؟ އެއީ އެބައިމީހުންނަށް އެއިން ވިސްނޭނޭ ހިތްތަކެއް، ނުވަތަ އެއިން އަޑުއިވޭނޭ ކަންފަތްތަކެއް ލިބުމަށެވެ. ފަހެ، ހަމަކަށަވަރުން، ލޯތަކެއް ކަނޑެއް ނުވެއެވެ. އެހެނެއްކަމަކު ކަނޑުވަނީ، މޭތަކުގައިވާ ހިތްތަކެވެ. މި އާޔަތުން އެނގެނީ ބިމުގައި ދަތުރުކުރުމަކީ އިންސާނާގެ ބުއްދި ހުޅުވައިދީ، ހިތުގެ ކަންކަން ރަނގަޅުކޮށްދޭ ކަމެއް ކަމެވެ.
ރިޒުގު ހޯދުމާއި ބިމުގެ ތަނަވަސްކަން
ބިމުގައި ފެތުރިގަތުމުގެ އަނެއް ބޭނުމަކީ ހަލާލު ގޮތުގައި ރިޒުގު ހޯދުމެވެ. މާތްﷲ ވަނީ ބިމަކީ އިންސާނުންނަށް ދިރިއުޅެން ފަސޭހަ، މަގުތައް ފަހި ތަނެއްގެ ގޮތުގައި ލައްވާފައެވެ. މުލްކު ސޫރަތުގެ 15 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ. 'هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزْقِهِ ۖ وَإِلَيْهِ النُّشُورُ.' މި އާޔަތުގެ މަފުމޫކީ، އެކަލާނގެއީ، ތިޔަބައިމީހުންނަށް ބިންމަތި ކިޔަމަންކޮށްދެއްވި ރަސްކަލާނގެއެވެ. ފަހެ، އެ ބިމުގެ އެކި ކޮޅުކޮޅަށް ހިނގައިބިނގައިއުޅޭށެވެ! އަދި އެކަލާނގެ ދެއްވި ރިޒުގުން ކާށެވެ! އަދި އަލުން ދިރުއްވައި އެއްކުރެއްވުންވަނީ، އެކަލާނގެ ހަޟްރަތަށެވެ. އެހެންކަމުން، ކަންބޮޑުވުމާއި ފޫހިކަމެއްގެ ތެރޭގައި އެއްތަނެއްގައި ތިބުމުގެ ބަދަލުގައި، ބިމުގެ ތަނަވަސްކަމުގެ ތެރެއަށް ނުކުމެ މަސައްކަތް ކުރުމަކީ ދީން ބާރުއަޅާ އަދި ސަވާބު ލިބޭ އަޅުކަމެކެވެ.
ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގައި މުސްލިމުންގެ ދައުރު
ދުނިޔެ މިއަދު ދެކެމުންދާ ހަލުވި ކުރިއެރުންތަކާއި، ސައިންސާއި ޓެކްނޮލޮޖީގެ އައު ހޯދުންތަކަކީ ވެސް ބިމުގައި ފެތުރިގަތުމުގެ އިލާހީ އަމުރުގެ ތެރެއަށް ވަންނަ ކަންކަމެވެ. އެހެނީ ސައިންޓިފިކް ހޯދުންތަކަކީ މާތްﷲ ގެ ކައުނީ ނިޒާމު ދެނެގަތުމަށް ކުރެވޭ ދަތުރެކެވެ. އަންބިޔާ ސޫރަތުގެ 30 ވަނަ އާޔަތުގައި، ކައުނު އުފެދުމާއި ދިރޭތަކެތީގެ އަސާސާ ބެހޭގޮތުން ބަޔާންކުރައްވާފައިވެއެވެ. 'أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا ۖ وَجَعَلْنَا مِنَ الْمَاء كُلَّ شَيْءٍ حَيٍّ أَفَلَا يُؤْمِنُونَ.،މި އާޔަތުގެ މަފުހޫމަކީ، އުޑުތަކާއި ބިން އެކުވެ، އެއްގަނޑަކަށްވެފައިވަނިކޮށް، ތިމަނއިލާހު އެ ދެބައި ވަކިކުރެއްވިކަން ކާފިރުވި މީހުންނަށް ނޭނގެނީ ހެއްޔެވެ؟ އަދި ދިރޭ ކޮންމެ އެއްޗެއް ފެނުން ތިމަނއިލާހު އުފެއްދެވީމެވެ. ފަހެ، އެބައިމީހުން އީމާން ނުވަނީ ހެއްޔެވެ؟
މީގެ އިތުރުން، ރަހްމާނު ސޫރަތުގެ 33 ވަނަ އާޔަތުގައި، އިންސާނުންނަށް ޓެކްނޮލޮޖީއާއި ބާރުވެރިކަން ލިބިގެން މެނުވީ ފަޒާގެ ތެރެއަށް ފޭދިގެން ނުދެވޭނެކަން ބަޔާންކުރައްވަމުން ފަޒާގެ ހޯދުންތަކަށް މަގުދައްކަވާފައިވެއެވެ. 'يَا مَعْشَرَ الْجِنِّ وَإِނْسِ إِنِ اسْتَطَعْتُمْ أَن تَنفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانفُذُوا لَا تَنفُذُونَ إِلَّا بِسُلْطَانٍ.' މި އާޔަތުގެ މަފުހޫމަކީ، އޭ ޖިންނީންނާއި އިންސާނުންގެ جماعة އެވެ! އުޑުތަކާއި ބިމުގެ ކޮޅުކޮޅުން ބޭރަށް ދިޔުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނަމަ، ފަހެ، ބޭރަށްދާށެވެ! (ނަމަވެސް) ބާރަކާ (ނުވަތަ ދަލީލަކާ) ލައިގެން މެނުވީ، ތިޔަބައިމީހުންނަކަށް ބޭރަކަށް ނުދެވޭނެއެވެ.
އިސްލާމީ އުއްމަތުގެ ރަން ޒަމާނުގައި މުސްލިމު ސައިންސްވެރިންނަކީ ދުނިޔޭގެ ޗާޓުތައް ކުރަހައި، ފަލަކީ އިލްމާއި ބޭސްވެރިކަން ކުރިއެރުވުމުގައި އެންމެ ކުރީގައި ތިއްބެވި ބޭކަލުންނެވެ. މިއަދުވެސް މުސްލިމުން ދުނިޔޭގެ އިލްމީ އަދި ފަންނީ ކުރިއެރުންތަކުން އެކަހެރިވެގަތުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އާޓިފިޝަލް އިންޓެލިޖެންސާއި، ފަޒާގެ ހޯދުންތަކާއި، ބޭސްވެރިކަމުގެ އައު އީޖާދުތަކުގައި މުސްލިމުން ހީވާގިކަމާއެކު ބައިވެރިވާންޖެހެއެވެ. އެއީ ދުނިޔެއަށް އިސްލާމްދީނުގެ ހަގީގީ ރާހަތާއި އިންސާފު ފޯރުކޮށްދެވޭނީ މި އުންމަތަކީ ހުރިހާ ގޮތަކުން ކުރިއަރާފައިވާ ބާރުގަދަ އުންމަތަކަށް ވެގެންކަމަށްވާތީއެވެ.
ބޭސްވެރިކަމާއި އީޖާދުތަކުގެ ސައިންސް
އިސްލާމްދީނަކީ އިންސާނާގެ ސިއްހަތާއި، ބަލިތަކުން ރައްކާތެރިވުމުގެ ސައިންސް އުފަބންވުމުގެ 1400 އަހަރު ކުރިން ވަނީ ސައިންސްގެ ހޯދުންތަކަށް އިސްލާމް ދީނުގައި ބާރު އަޅުއްވާފައެވެ. ބަލިތަކަށް ބޭސް ހޯދުމާއި، ރިސާޗް ކުރުމަށް ރަސޫލާ ﷺ ގެ ހަދީސްފުޅުތަކުން ވަނީ މިކަމަށް މަގުދައްކަވާފައެވެ. 'لِكُلِّ دَاءٍ دَوَاءٌ، فَإِذَا أُصِيبَ دَوَاءُ الدَّاءِ بَرَأَ بِإِذْنِ اللَّهِ عَزَّ وَجَلَّ.' މި ހަދީސްގެ މަފުހޫމަކީ، ކޮންމެ ބައްޔަކަށްވެސް ބޭހެއްވެއެވެ. ފަހެ، ބަލީގެ ބޭސް ހޯދިއްޖެނަމަ، މާތްﷲ ގެ އިޒުނަފުޅާއެކު އެ ބަލިން ފަސޭހަވެއެވެ.
މީގެ އިތުރުން ދުނިޔޭގެ ދަނޑުވެރިކަމާއި، ސައިންޓިފިކް އީޖާދުތަކުގެ ހުނަރުވެރިކަން ކުރިއެރުވުމަށްވެސް ރަސޫލާ ﷺ ޖާގަދެއްވާފައިވެއެވެ. މި ގޮތުން ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާފައިވެއެވެ. 'أَنْتُمْ أَعْلَمُ بِأَمْرِدنياكم.' މި ހަދީސްގެ މަފުހޫމަކީ، ތިޔަބައިމީހުންގެ ދުނިޔަވީ ކަންކަން މާ ބޮޑަށް ދަންނަނީ ހަމަ ތިޔަބައިމީހުންނެވެ.
އިލްމާއި ހިކުމަތް ހޯދުމަށްޓަކައި ދުނިޔޭގެ ބިމުގައި ފެތުރިގަނެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އިލްމާއި ހިކުމަތް ހޯދުމަކީ މުސްލިމުންގެ މައްޗަށް އޮތް ޒިންމާއެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. 'الْكَلِمَةُ الْحِكْمَةُ ضَالَّةُ الْمُؤْمِنِ فَحَيْثُ وَجَدَهَا فَهُوَ أَحَقُ.' މި ހަދީސްގެ މަފުހޫމަކީ، ހިކުމަތުގެ ބަހަކީ މުއުމިނާގެ ގެއްލިގެން އުޅޭ މުދަލެކެވެ. ފަހެ، އެ ފެނުނު ކޮންމެ ތަނަކުން އެ ހޯދުމަށް އޭނާ ހައްގުކަން ބޮޑެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން އުނގެނި، އެ އިލްމުތައް އިސްލާމީ މުޖުތަމައުތަކުގެ ފައިދާއަށް ބޭނުންކުރުމަކީ މިއަދު ދީނީ ގޮތުންވެސް ކުރަންޖެހިފައިވާ މުހިންމު ކަމެކެވެ. އިލްމު ހޯދުމަށް ކުރާ ދަތުރަކީ ސާފު ސީދާ މަގުން ސުވަރުގެއަށް ދެވޭނެ މަގެއްވެސް މެއެވެ. ރަސޫލާ ﷺ ހަދީސްކުރެއްވިއެވެ. 'مَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا سَهَّلَ اللَّهُ لَهُ بِهِ طَرِيقًا إِلَى الْجَنَّةِ.' މި ހަދީސްގެ މަފުހޫމަކީ، އިލްމު ހޯދުމުގެ މަގަކުން ހިނގައިގަތް މީހާއަށް، އެކަމުގެ ސަބަބުން ސުވަރުގެއަށް ދާނެ މަގު މާތްﷲ ފަސޭހަކޮށްދެއްވާނެއެވެ.
ނިންމުން
ބިމުގައި ފެތުރިގަތުމަކީ ހަމައެކަނި ހަށިގަނޑުން ކުރާ ޖިސްމާނީ ދަތުރެއް ނޫނެވެ. އެއީ ރޫހާނީ ގޮތުންނާއި، ފިކުރީ ގޮތުން އަދި އިލްމީ ގޮތުން އިންސާނާ މަތީ ދަރަޖައަކަށް އުފުލައިދޭ ކަމެކެވެ. ކައުނުގެ ރީތިކަމާއި، އިސްވެދިޔަ މީހުންގެ ކިބައިން އިބުރަތް ލިބިގަތުމެވެ. އަދި މިއަދުގެ ދުނިޔެ ހޯދަމުންދާ ކުރިއެރުންތަކުގެ މަގު ދައްކާ މީހުންނަށް މުސްލިމުން ވާންޖެހެއެވެ. އަހަރުމެން ކުރާ ކޮންމެ ދަތުރަކީ، އަދި ހޯދާ ކޮންމެ އިލްމީ ކުރިއެރުމަކީ، އެކަމުގެ ސަބަބުން އަހަރުމެން ހެއްދެވި ﷲ ސުބުހާނަހޫ ވަތައާލާއަށް ކުއްތަންކޮށްދޭ އަދި އުންމަތަށް ފައިދާކުރަނިވި ކަންކަމަށް ހަދަމާތޯ އެވެ؟




