
ޒާޔާ މިހެން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ދަށުގައި އޮތް 14 ބިމެއް މިސަރުކާރަށް ނެގުމަށް ނިންމުމާ ގުޅިގެން، ރޭ ބޭއްވި އެ ކައުންސިލްގެ ކުއްލި ޖަލްސާގައި، މެލޭޝިޔާގައި ކުރިއަށްދާ "ކޮޓާ ކިނަބާލޫ އިންޓަރނޭޝަނަލް މޭޔާސް ޑައިލޮގް 2026" ގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެ ގައުމަށް ވަޑައިގެން ހުންނަވާ އޮންލައިންކޮށް ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ގާލިބް އެ މައްސަލަ ރޭގެ ކުއްލި ޖަލްސާގައި ހުށަހެޅުއްވުމުން އެކަމާގުޅޭގޮތުން ވާހަކަދައްކަވަމުން ޒާޔާ ވިދާޅުވީ، ރައީސް ޑޮކްޓަރ މުއިއްޒު އެންގެވިޔަސް އަދި ޑޮކްޓަރ މުއްތޮލިބު އެންގެވިޔަސް ޣައިރު ޤާނޫނީ އަމުރަކަށް ތަބާވާން ތާއީދު ނުކުރެވޭނެ ކަމަށާ، އަދި އެ ކައުންސިލް މެންބަރުންނަށް ވެސް ތާއީދު ކުރެވިގެން ނުވާނެ ކަމަށެވެ.
"މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސާދަ ބިން ސަރުކާރުން ނިގުޅައިގަތީ ޤާނޫނީ އިމުން ބޭރުން، ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ޤާނޫނީ ބާރު ލިބިފައިވާ މިނިވަން ވަކި ޝަހުސެއްކަމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައި، އެހެންވީމާ މި ކައުންސިލުން ކުރާ އިންވެސްޓްމެންޓުތަކުގެ މައުލޫމާތު ސަރުކާރަށް ދޭން އަޅުގަނޑުމެންނަށް ނުފެންނަ ނަމަ ނުދިނުމުގެ ބާރު އަޅުގަނޑުމެންނަށް އޮންނާނެ، މި ބިންތައް ހަވާލުކުރާކަށް ވެސް އަދި އެ ބިންތައް ކުއްޔަށް ދޫކޮށްފައިވާ ގޮތުގެ މައުލޫމާތުތައް ޑޮކްޓަރ މުއްތޮލިބުގެ މިނިސްޓްރީއާ ހަވާލުކުރުމަކަށް ވެސް އަޅުގަނޑު ތާއީދެއް ނުކުރާނަން." - ޒާޔާ
ޒާޔާ ވިދާޅުވީ، ޑޮކްޓަރ މުއިއްޒުއަށް ދަންނަވާލަން ބޭނުންވަނީ، އެ ސާދަ ބިން ބޭނުންފުޅުވެލައްވާ ނަމަ، ސިފައިންނާ ފުލުހުން ހަތިޔާރާއެކު ނެރެ ގަދަބާރުން އެތަންތަން އަތުލައްވަންޏާ އަތުލެއްވުމަށް ކަމަށާ، އެ ކައުންސިލް އޮތީ ޤާނޫނާ ޚިލާފަށް ކަމެއްކުރުމަށް ރައީސް މުއިއްޒުއަށް އެއްބާރުލުން ދޭގޮތަށް ނޫންކަމަށެވެ.
ޒާޔާގެ ވާކައިގައި، ގަލޮޅު ސިނަމާލެ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުން ހިތްފަސޭހަކޮށްލުމަށް އެ ކައުންސިލުން ޕާކެއް ތަރައްގީކުރަމުން ދަނިކޮށް، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޒުވާނުންގެ ވޯޓު ހޯދުމުގެ ބޭނުމުގައި ޒުވާނުންނަށް ފުޓްސަލް ދަނޑެއް އެޅުމުގެ ނަމުގައި އެ ޕާކް ވެސް ސަރުކާރަށް ނަގާފައިވާ ކަން ފާހަގަކުރައްވާ ވިދާޅުވީ، އެކަމުން ވެސް އެނގެނީ ޑޮކްޓަރ މުއިއްޒުއަކީ ރައްޔިތުންނަށް ހެވެއް ނޭދޭނެ ބޭފުޅެއް ކަމެވެ.
އަދި ރައީސް މުއިއްޒު ހީފުޅުކުރައްވައިގެން އެ އުޅުއްވަނީ އެމަނިކުފާނު ވެރިކަމުގައި އެ ހުންނެވީ ދުނިޔެ އުމުރަށްކަމަށް ވިދާޅުވެ ޒާޔާ ވިދާޅުވީ، 2028 ގެ ކުރިން ރައީސް މުއިއްޒު ވެރިކަމުން ދުރުކުރަން އެބަޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން އެބަޖެހޭ ހަމަ ހަގީގަތުގައި ވެސް 2028 ގެ ކުރިން މި ޚުދުމުޚުތާރު މީހާ ބަލިކުރަން ނުކުންނަން. ނިންމާލަމުން ވެސް އަޅުގަނޑު ދަންނަވާނީ ޑޮކްޓަރ މުއިއްޒުއާ ޑޮކްޓަރ މުއްތޮލިބު ޖަހާހާ ބެރަކަށް އަޅުގަނޑުމެން މިތިބީ ނަށާގޮތަކަށް ނޫނޭ." - ޒާޔާ
ރޭ ބޭއްވި މާލެ ސިޓީ ކައުންސިލްގެ ކުއްލި ޖަލްސާގައި ވަނީ، މާލޭ ސިޓީ ކައުންސިލްގެ ދަށުގައި އޮތް 14 ބިމެއް މިސަރުކާރުން ނަގަން ނިންމުމާ ގުޅިގެން، އެ ކައުންސިލުން ކޯޓަށް ދިޔުމަށް ނިންމާފައެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ރޭގެ ޖަލްސާގައި ވިދާޅުވީ، ދައުލަތަށް ނަގާފައިވާ ބިންތަކަކީ ކައުންސިލަށް އާމްދަނީ ލިބޭ ބިންތަކެއް ކަމަށާ، އެހެންކަމުން ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ދިނުމުގައި ދަތިތަކެއް ކުރިމަތިވާނެކަމަށެވެ.
ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ސަރުކާރަށް ނެގުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މީކާއީލް މުހައްމަދު ރިޔާޒް ރޭގެ ޖަލްސާގައި ވިދާޅުވީ، ކައުންސިލްގެ ބިންތައް ނަގައިގެން ސަރުކާރުން ގެންނަން އުޅެނީ ތަރައްގީ ނޫން ކަމަށާ އެއީ ސްކޭމެއް ކަމަށެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުން ބިންތައް ނެގުމުގެ ބޭނުމަކީ ގަސްތުގައި ލާމަރުކަޒީ ނިޒާމު ފުނޑާލުން ކަމަށާ، އަދުގެ ސަރުކާރަށް ގާނޫނު ހަނދާންކޮށްދިނުމަށް މި މައްސަލަ ކޯޓަށް ވައްދަންޖެހޭ ކަމަށެވެ.
ރޭގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ، ފިނޭންސް މިނިސްޓްރީއިން ހުޅުމާލެއިން ބިމެއް 94.5 މިލިއަން ރުފިޔާއަށް ގަނެފައިވާ ކަމަށާ، އެހެން ނަމަވެސް މާލެއިން ބިމެއް ބޭނުންވުމުން އެއްވެސް އަގަކާނުލައި ދޭންވީތޯ ސުވާލު އުފެދޭ ކަމަށެވެ.
އެހެންކަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ގާލިބް ހުށަހަޅާފައިވާ، އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަށް ކޯޓަށް ދިއުމަށާ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔުއަށް ރޭގެ ކުއްލި ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.




