
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ފައްޔާޒް އިސްމާއީލްގެ ކެމްޕެއިން ޓީމާއެކު އައްޑޫސިޓީއަށް ވަޑައިގެން ހުންނަވާ އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު އާއެކުގައި ޒާޔާ ނަންގަވާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުން ޒާޔާ މިއަދު ވިދާޅުވެފައި ވަނީ، މޭޔަރ ނިޒާރު އާއެކުގައި، އެ ސިޓީގެ ތަރައްގީ އާއި އަންހެނުންގެ ބާރުވެރިކަމާ އެއްކޮން މުޅި އައްޑޫ ބަދަލުކޮށްލަން ތައްޔާރަށް ހުންނެވި ކަމަށެވެ.
އެމްޑީޕީގެ ކުރިޔަށް އޮތް ގައުމީ މަޖިލިސް އިންތިހާބުގައި އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާ ކެމްޕެއިން ކުރައްވަމުން ގެންދަވާ ޒާޔާ، އައްޑޫ ސިޓީގައި ހުންނަވާ ފިޔެސް އާ ވާހަކަދައްކަވަމުން ޒާޔާ ވިދާޅުވީ އައްޑޫ ސިޓީގެ ވަރަށް ގިނަ ރައްޔިތުންނާ ވަކިން ހާއްސަކޮށް އެ ސިޓީގެ ވަރަށް ގިނަ ކަނބަލުންނާ ޒާޔާ އާ ބައްދަލުވެއްޖެ ކަމަށާ، އެހެންކަމުން މުޅި އައްޑޫ ސިޓީ ބޭނުންވާ ގޮތް ވަރަށްބޮޑަށް ހާމަވެއްޖެ ކަމަށެވެ.
އެގޮތުން، އެ ސިޓީގެ ރައްޔިތުން އަދި ހާއްސަކޮށް ކަނބަލުން ތިބީ މި ރާއްޖޭގައި މިހާރު ހިނގަމުން މިދާ ޚުދްމުޚްތާރު ވެރިކަން ބަދަލުކޮށް، މި ރާއްޖޭގެ ވެރިކަން ހިންގުމަށް ހަރުދަނާ ބޮޑު ބަދަލަކަށް ބޭނުންވެފައިކަމަށް ޔަގީންވެ ހާމަވެއްޖެ ކަމަށް ޒާޔާ ވިދާޅުވިއެވެ.
އެމްޑީޕީގެ ކުރިއަށް އޮތް ގައުމީ މަޖިލިސް އިންތިހާބުގައި، އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ މަގާމަށް ޒާޔާ ކުރިމަތިލައްވާ އެކަން އިއުލާން ކުރެއްވީ އަންގާރަ ދުވަހު ޒާޔާގެ ރަސްމީ ފޭސްބުކް އަދި އެކްސް އެކައުންޓް މެދުވެރިކޮށް އާންމުކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި، އެމްޑީޕީ އަންހެނުން ރޫހުގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމެވި މައިގަނޑު ސަބަބަކީ ސިޔާސީ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުން ކަށަވަރުކުރުން ކަމަށް ވިދާޅުވެ، ޒާޔާ ވިދާޅުވީ އެމްޑީޕީގެ އަންހެން މެންބަރުން ޒާޔާއަށް ކުރައްވާ އިތުބާރާއި ބަހައްޓަވާ ގާތްކަމަށް ފަށްފަށުން ޝުކުރު އަދާކުރައްވާ ކަމަށެވެ.
އެމްޑީޕީގެ ކޮންމެ އަންހެން މެންބަރެއްގެ އަޑަކީ އަގުވަޒަންކުރެވޭ އަދި އެކަނބަލުންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރެވިފައިވާ ބަޔަކަށް ހެދުމަކީ ޒާޔާގެ މުހިންމު އަމާޒެއް ކަން ފާހަގަކުރައްވަމުން، ޒާޔާގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވީ، ކުރިއަށް އޮތް މި އިންތިހާބު ކާމިޔާބުކުރެއްވުމަށްޓަކައި، އެމްޑީޕީގެ އެންމެހައި އަންހެން މެންބަރުން ޒާޔާ އާއެކު ހިތާއި ހިތް ގުޅާލައި، ތާއީދާއި އެހީތެރިކަން ދެއްވުމަށް ލޯތްބާއެކު އެދިވަޑައިގަންނަވާ ކަމަށެވެ.




