ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން.--
ދައުލަތުގެ އިދާރާތަކުގައި ހުޅުޖަހަން ހިތްވަރުދިން ޒިހާން ހައްޔަރުކޮށްފި
ހަސަން އިބްރާހީމް 20 އޮކްޓޯބަރ 2026 (އަންގާރަ)   23:23
ދައުލަތުގެ އިދާރާތަކެއްގައި ހުޅުޖެހުމަށް ހިތްވަރުދީ ފޭސްބުކްގައި ލިޔުނު ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ހައްޔަރުކޮށްފި އެވެ.

ފުވައްމުލަކަށް ނިސްބަތްވާ ޒިހާން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ތިން އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ނުލިބެންވީ ސަބަބެއް ނެތް ކަމަށާއި، އެ ތަންތަނުގައި ރޯކޮށްލުމަކީ 'މަޖާ' ކަމަކަށް ވާނެ ކަމަށެވެ. ނަމަވެސް، އެ ސްޓޭޓަސް ޕޯސްޓްކުރިތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ ޑިލީޓްކޮށްފައެވެ.

އެ މައްސަލަ ފުލުހުން ބަލަން ފެށިއިރު މިއަދު އޭނާ ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ޒިހާން ހައްޔަރުކުރީފުވައްމުލަކުންނެވެ. ހުޅުޖެހުން ފަދަ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޖިނާއީ ބޮޑު ކުށެކެވެ.

އޭނާ ވަނީ މީގެކުރިން އެމްއެންޑީއެފްގައި ވެސް މަސައްކަތްކޮށްފައެވެ. އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ މަގާމުގައި ޒިހާން ހުއްޓައި އޭނާ މަގާމުން ވަކިކުރީ އެމްޑީޕީ ސަރުކާރުގައި 2023 ވަނަ އަހަރުގެ މެދުތެރޭގަ އެވެ. އޭނާއަކީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ މީހެކެވެ.

މި ސަރުކާރުގައި އޭނާ ހުރީ ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. އެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ހުރުމަށްފަހު 2024 ވަނަ އަހަރު އޭނާ މަގާމުން ވަކިކުރި އެވެ. މަގާމުން ވަކިކުރުމާ އެކު ޒިހާން އަންނަނީ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ޕޯސްޓްތައް ކުރަމުންނެވެ.

ކޮމެންޓް