
މި ތާއީދު ހާމަކުރައްވާފައިވަނީ ފައިސަލްގެ ކެންޕޭން ޓީމުގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ރޭ ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ މޭޔަރުގެ އިތުރުން އެ ކައުންސިލްގެ ހަތް ކައުންސިލަރުން ފައިސަލްއާއި އާދަމް އާޒިމްގެ ކެންޑިޑެންސީއަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވާ އެ ސިޓީގައި ކެމްޕޭން ހަރަކާތްތައް ވަރުގަދަކޮށް ކުރިއަށްދާއިރު، ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިސްވެރިންނާއި ކައުންސިލަރުންގެ ތާއީދު ލިބެމުންދިއުމަކީ މި ޕްރައިމަރީ ރޭހުގައި އެ ކެންޑިޑޭޓުންނަށް ލިބިގެންދާ ބޮޑު ކުރިއެރުމެއް ކަމަށް ސިޔާސީ ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވީ، އެމަނިކުފާނުގެ ފުރިހަމަ ތާއީދު އޮތީ ފައިސަލް ނަސީމަށް ކަމަށާ، ފައިސަލްއަކީ ކޮން ބޭފުޅެއްކަން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް އިތުރަށް އޮޅުންފިލުވައިދޭން ނުޖެހޭނެ ކަމަށެވެ.
އަދި އެއީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެހައި ސިފަތައް އެންމެ ފުރިހަމައަށް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް ވެސް މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، ރަނިންމޭޓް މާލެސިޓީގެ މޭޔަރ އާދަމް އާޒިމް ފުވައްމުލަކުގެ ކެމްޕޭން ޓީމުގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި އެ ދެބޭފުޅުން ފުވައްމުލަކުގެ ކެމްޕެއިން ޓީމާ ވާހަކަދައްކަވަމުން ވިދާޅުވެފައި ވަނީ، އެ ސިޓީގެ މޭޔަރުގެ އިތުރުން، އެންމެ ކައުންސިލަރެއް ފިޔަވާ ހުރިހާ ކައުންސިލަރުން އެކުގައި "ފައިސަލް އާޒިމް" ގެ ކެމްޕޭނާ ގުޅިވަޑައިގެން މަސައްކަތް ފެއްޓެވި ކަމަށްޓަކާ ވަރަށްބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށާ، އެންމެން އެކުގައި ގުޅިގެން މި ގައުމު ހަމަ މަގަށް އެޅުވުމަށް ފުވައްމުލައް ސިޓީން އަބަދުވެސް ދައްކަމުން އަންނަ ނަމޫނާއަކީ އަބަދުވެސް ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ އަށެވެ. އެގޮތުން މޭޔަރ އިސްމާއީލް ރަފީގު ގެ އިތުރުން، އެ ކައުންސިލްގައި އަމިއްލަގޮތުން ހޮވިވަޑައިގެން ހުންނެވި ކައުންސިލަރެއް ފިޔަވާ 7 ކައުންސިލަރުންނަކީ ވެސް އެމްޑީޕީގެ ކައުންސިލަރުން ކަން ފާހަގަކޮށްލެވެއެވެ.




