
ނަޝީދު އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕާކިސްތާނާއެކު މިލިޓަރީ ގުޅުން ފުޅާކުރުމަކީ އެކަމާ އިންޑިއާ އިން ކަންބޮޑުވެ، ރާއްޖެއަށް ނުރައްކާވާނެ ކަމެއް ކަމަށެވެ. އެގޮތުން ވާދަވެރި ގައުމުތަކުގެ ދެބަސްވުންތަކުގެ ތެރެއަށް ރާއްޖެއިން ވަދެގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާއި އަމަލުކުރައްވާ ގޮތުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގެއްލެމުންދާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން މިދަނީ ގެއްލެމުން. ވާދަވެރި ގައުމުތަކުގެ ދެބަސްވުންތަކުގެ ތެރެއަށް ރާއްޖެ ވަދެގެން ނުވާނެ. ޕާކިސްތާނާއެކު މިލިޓަރީ ގުޅުންތައް ފުޅާކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވާނެ ކަމެއް. ރާއްޖެއަށް ނުރައްކާވާނެ ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުގެ ތެރެއިން އެ ގައުމާއެކު މިލިޓަރީ އެމްއޯޔޫތައް ހިމެނޭގޮތަށް ޖުމްލަ 20 އެމްއޯޔޫއެއްގައި ސޮއިކުރި އެވެ. އެ އެމްއޯޔޫތައް އެގްރީމަންޓްތަކަށް ބަދަލުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އިއްޔެ ބާރު އެޅުއްވިއެވެ.
މުއިއްޒު ވިދާޅުވީ ޝެހެބާޒްއާއެކު ބޭއްވުނު މަޝްވަރާތަކަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށްދިޔަ، ނަތީޖާ ނެރެވޭނެ ފަދަ މަޝްވަރާތަކެއް ކަމަށެވެ. އެގޮތުން އެ މަޝްވަރާތައް ނިމިގެންދިޔައިރު، ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް ދެ ގައުމުގެ މެދުގައި އޮތް ސާފު އަޒުމާއި އެއްގޮތް ވިސްނުންތައް ހާމަވެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.




