ރައީސް ނަޝީދުގެ "ކުރުވާހަކަ - 80ގެ ކުރީކޮޅު" ނެރެފި
ފިޔެސް 31 އޮކްޓޯބަރ 2026 (ހޮނިހިރު)   23:59
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ލިޔުއްވި ފޮތް "ކުރުވާހަކަ - 80ގެ ކުރީކޮޅު" ނެރެފި އެވެ.

މި ފޮތް ނެރެފައިވަނީ މިރޭ ދޮންމަނިކު ރެސްޓޯރަންޓުގައި ބޭއްވި ހަފްލާއެއްގަ އެވެ. މި ފޮތް ނެރެދެއްވީ، ނަޝީދުގެ ބޮޑުދައިތަ ގ.ކެނެރީގެ، ޒުހައިރާ އުމަރު އެވެ. ޒުހައިރާއަކީ 80 ގެ އަހަރުތަކުގައި ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު ޕްރެޒެންޓަރެއްވެސް މެއެވެ.

ފޮތް ނެރުއްވައިދެއްވުމަށްފަހު ޒުހައިރާގެ އަޑުން އެފޮތުގެ ވާހަކައަކުން ބައެއް އިއްވަވައިލެއްވި އެވެ. ޒުހައިރާ ވިދާޅުވީ އެ ފޮތް ނެރެދިނުމަކީ އޭނާގެ "ހަޔާތުގައި ލިބުނު ވަރަށް ބޮޑު އުފަލެއް" ކަމަށެވެ.

ފޮތް ނެރުނު ހަފްލާގައި ނަޝީދު ވިދާޅުވީ އެ ވާހަކަތަކަކީ 90 ގެ ކުރީކޮޅު ޖަލުގެ ބަންދަށްފަހު، ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވި ވާހަކަތަކެއް ކަމަށެވެ.

"މި ފޮތް، މި ވާހަކަތައް އަޅުގަނޑު ލިޔެފައި މި ހުރީ 80 ގެ ވަރަށް ފަހުކޮޅު 90 ގެ ކުރީކޮޅު. މީގައި ޖަހާފައި އެބައޮތް 80 ގެ ކުރީކޮޅޭ. އެއީ ދެވަނަ ދެލިކޮޕީއިން ނުކުތް ބަދަލެއް. މި ވާހަކަތައް ލިޔުނީ 94 ގައި އަޅުގަނޑު ޖަލުން ގެއަށް ގެނެސް ގޭބަންދަށް ބަދަލުކުރިތާ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އޭރު ކުށްވެރިވީ އެދުވަސްވަރު ރަޖިސްޓްރީ ކޮށްގެން ނެރުނު ސަންގު މަޖައްލާގެ ސަބަބުންނެވެ. ނަޝީދަކީ މަހަކު އެއްފަހަރު ނެރުނު އެ މަޖައްލާ ލިޔުންތެރިއެއްގެ އިތުރުން އެސިސްޓެންޓް އެޑިޓަރެވެ.

ކުރުވާހަކަ ފޮތުގައި ހިމެނެނީ ފަސް ވާހަކަ އެވެ. އެއީ "ގައުމީ މަޝްރޫއު"، "މޫސަބަރު"، "ޗާލާ ޒަމާނާ"، "ރީތި ހަދިޔާ" އަދި "ހިތާއި ހިތުގެ ގުޅުން" އެވެ.

ނަޝީދުއަކީ މަގުބޫލު ނޫސްވެރިއެއްގެ އިތުރުން ކުޅަދާނަ ލިޔުންތެރިއެކެވެ. އެމަނިކުފާނު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިންނާއި ފަހުންވެސް ފޮތް ލިޔުއްވާފައި ވެއެވެ. ލިޔުއްވި ފޮތްތަކުގެ ތެރޭގައި "ދަގަނޑު ދަހަނާ"، "ވެރިއެއްގެ ނިމުން"، "އެއްބަސްވެވޭ އިންގިލާބު"، "ދެ ރަދުން" އަދި "ކިއްލާ މާލެ" ފަދަ ފޮތްތައް ހިމެނެ އެވެ.

ނަޝީދު މިރޭ ހާމަކުރެއްވި ގޮތުގައި 1989 އިން ފެށިގެން 2008 އާ ހަމައަށް އެމަނިކުފާނުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އިނގިރޭސި ބަހުން ފޮތެއް ލިޔެފައިވާނެ އެވެ. އެ ފޮތް މިހާރު އޮތީ ޕަބްލިޝަރަކަށް ފޮނުވާފައި ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް