
އައްޑު އަތޮޅު ހުޅުދޫގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ޕީއެންސީގެ މި ސަރުކާރުން ހުޅުދޫގެ ތަރައްގީއަށް އެއްވެސް ކުރިއެރުމެއް ހޯދައިދެވިފައި ނުވާ ކަމަށާއި، ރަށުގައި އެއްވެސް މަޝްރޫއެއް ނުހިންގި، ދެމެހެއްޓެނިވި ގޮތެއްގައި ތަނަވަސްކަން ގެނެސްދޭނެ ސިނާއަތެއް ނުވަތަ ވިޔަފާރިއެއް ތައާރަފު ކުރެވިފައި ނުވާ ކަމަށެވެ.
"ތިބޭފުޅުން ވިސްނަވާ، ކޮބާތޯ ރައީސް ޑރ. މުހައްމަދު މުޢިއްޒު މި ޕީއެންސީ ސަރުކާރުން ހުޅުދޫއަށް، މިދިޔަ ތިން އަހަރެއްގެ ތެރޭގައި ލިބުނު އެއްވެސް ކުރިއެރުމެއް. ހިންގުނު އެއްވެސް ޕްރޮޖެކްޓެއް، ދެން އުފެއްދުނު އެއްވެސް ވަޒީފާގެ ފުރުސަތެއް؟ ހަގީގަތުގައި، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން، ހުޅުދޫ ރައްޔިތުންނަށްވެސް އަދި ރާއްޖޭގެ ރައްޔިތުންނަށްވެސް މިދަނީ ވަރަށް ބޮޑަށް ގެއްލުންވަމުން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ބާޒާރުގައި ޑޮލަރުގެ ރޭޓު މިހާރު 23 ރުފިޔާއަށް ވުރެ މަތީގައި ހުރުމުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާ ކަމަށެވެ. އަދި ހުޅުދޫގެ ބައެއް ފިހާރަތަކުން މުދަލުގެ އަގު 20 އާއި 30 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ބޮޑުވެފައިވާކަން މިއަދު އެ ރަށުން ފާހަގަކުރެވުނު ކަމަށާއި ރާއްޖޭގެ ޔޫސަބަލް ރިޒާވް ދުވަހެއް ދުވަހަކަށް ދަށަށް ގޮސް، މިވަގުތު ރިޒާވްގައި ދެ ހަފްތާގެ އިމްޕޯޓަށް ފުދޭނެ ޑޮލަރުވެސް ނެތް ކަމަށެވެ.
"ޕީއެންސީއަށް ވޯޓު ދެއްވުމުގެ މާނައެއް ނެތް، ބޭނުމެއް ނެތް. އެބޭފުޅުންގެ ސިޔާސަތެއް, އަމާޒެއް ނެތް. ގެންނަ ކޮންމެ ބަދަލެއް އަނެއްކާ އަނެއް ދުވަހު އަނބުރާ ބަދަލުކުރޭ. ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ގެންނެވި ބަދަލަކަށް ފުރަތަމަ ވިދާޅުވި, 500 ޑޮލަރު ކޮންމެ ޓޫރިސްޓެއް މާރުކުރަން ޖެހޭ ކަމަށް. ދެން އޭގެ ހަފްތާއެއް ފަހުން ވިދާޅުވީ 20 ޕަސެންޓޭ، ދެން އޭގެ ދުވަސްކޮޅެއް ފަހުން ވިދާޅުވީ 40 ޕަސެންޓޭ. މީގެން އެއްވެސް ކަމެއް ނުވި،" ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން، ރައީސް މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅާ މެދު ނުރުހުން ފާޅުކުރައްވަމުން ނަޝީދު ވިދާޅުވީ، އެ ދަތުރުފުޅުގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާނުގެ ދެބަސްވުންތަކުގެ ތެރެއަށް ރާއްޖެ ވައްދާފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. ހާއްސަކޮށް އިންޑިއާގެ ސަލާމަތަށް ގެއްލުންވާ ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ، އޭގެ ހިތި އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި ހުރިހާ ސަބަބުތަކަކަށްޓަކައި، ރައީސް މުއިއްޒު މަގާމުން އިސްތިއުފާ ދެއްވަމުން ގޮވާލައްވަމުން، ކުރިއަށް އޮތް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދެއްވުމަށް ހުޅުދޫގެ ހުރިހާ ރައްޔިތުންގެ ކިބައިން ނަޝީދު އެދިވަޑައިގަތެވެ.
ރައީސް މުއިއްޒަށް ސާފު މެސެޖެއް ދިނުމަށްޓަކައި ޕީއެންސީއާއި ޕީއެންއެފް އަދި އަދާލަތު ޕާޓީގެ މެންބަރުން ހިމެނޭހެން ހުރިހާ ފަރާތްތަކުންވެސް އެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ފާތުމަތު މުނީރަށް ވޯޓު ދެއްވައިގެން ސަރުކާރު ބަލިކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.




