އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު، އެމްޑީޕީގެ ފަސްވަނަ ކޮންގްރެސްގެ ރިޔާސަތުގައި.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ މެންބަރުންނަށް ނަޝީދު ގޮވާލައްވަނީ ޓަކާ ޓަކާ މިސްރާބަށް ނުދިޔުމަށް
ކުރު މުއްދަތެއްގެ ސިޔާސީ ފައިދާ ހޯދުމަށް ޕާޓީގެ މައިގަނޑު އަސާސް ދުރުކުރުމަކީ ހަމައެކަނި މަގުފުރެދުމެއް ނޫން. ސްޓްރެޓެޖިކް ގޮތުން އަމިއްލައަށް ބަލިވުން: ނަޝީދު
ހިޝާމް ހާރޫން 1 ނޮވެމްބަރ 2026 (އާދީއްތަ)   14:29
ފަހަކަށް އައިސް އެމްޑީޕީ އަމާޒު ހިފާފައިވާ މިސްރާބަކީ ނުހަނު ކަންބޮޑުވުން އުފެދޭ މިސްރާބެއް ކަމަށާއި ޕާޓީގެ މިސްރާބު ހުރީ އެ ޕާޓީ އުފެއްދި އަސާސްތަކާ ދުރަށް ކަމަށް ވިދާޅުވެ އެ ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އެމްޑީޕީ އުފެދިގެން އައީ އިންސާނީ ހައްގުތަކާއި ހުޅުވިފައިވާ ވިސްނުމާއި، ގިނަޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމާއި، އަދި ޑިމޮކްރަޓިކް ނިޒާމެއް
މެދުވެރި ކޮށް ތަނަވަސްކަމާއި އިންސާފު ވެރިކަމާއި ހަމަހަމަކަން ހޯދުމަށް ވަކާވާތު ކުރަމުން ކަމަށެވެ.

"އެމްޑީޕީ ސިފަވާ މިގޮތް ތަފާތު ވާންފަށައިފި އެވެ. ބިދޭސީން ދެކެ ބިރުގަންނަ އަދި ހައްދުފަހަނަ އެޅި ވަތަނީ ގައުމިއްޔަތެއް ކުރިއަރުވާ އެފަދަ ބޯދާ ފަލްސަފާއަކަށް ވަކާލާތު ކުރާ ބައެއްގެ ގޮތުގައި އެމްޑީޕީ ސިފަވާން ފަށައިފި އެވެ. މިއީ އެމްޑީޕީގެ ސިޔާސީ ތޮބިއްޔަތު ކަނޑައެޅި، އެންމެ ކުރީގެ ގިނަ މެންބަރުންނާއި ސަޕޯޓަރުން ޕާޓީގެ ފަލްސަފާ ތަސައްވަރު ކުރި ގޮތެއް ނޫނެވެ." ނަޝީދު އެކްސްގައި ދިވެހި ބަހުން އާންމު ކުރެއްވި ލިޔުމުގައި ވިދާޅުވެފައި ވެއެވެ.

އެ ލިޔުމުގައި ނަޝީދު ވިދާޅުވީ އިންތިޚާބުތަކުގެ ކާމިޔާބީ ބިނާވެފައިވަނީ ޕޮޕިއުލިސްޓް ރުޅިވެރިކަމާއި، ބިރުވެރިކަމާއި، ބައިބައިވުމުގެ ތެރެއިން އާންމުންގެ ޖަޒުބާތު ބަބުޅައިގެން ކަމަށް ޕާޓީގެ ތެރޭގައި ބަޔަކު ގަބޫލުކުރާ ކަހަލަ ކަމަށެވެ. އެހެނަސް މި ސްޓްރެޓެޖީގެ ސަބަބުން ތާރީހީ ގޮތުން އެމްޑީޕީ ދަމަހައްޓަމުން އަންނަ ހަމައަށް ބުރޫއެރުމުގެ ނުރައްކާ އެބައޮތްކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

"މަތިވެރި އިސްލާމީ އުސޫލްތަކުގައި ސާބިތުވެ ތިބެ، ގިނަ ގޮތްތައް ހިމެނޭ މުޖްތަމާޢުއެއްގެ ދިވެހި ވަންތަކަން ބިނާކުރުމުގެ ވިސްނުމާއި، އަދި ހުޅުވިފައިވާ ސިކުނޑީގެ އަހުލުވެރިންގެ ޤައުމަކަށް ދިވެހިރާއްޖެ ބަދަލު ކުރުމުގެ ވިސްނުމަށް އެބަ ދެރަ ލިބެއެވެ. ކުރު މުއްދަތެއްގެ ސިޔާސީ ފައިދާ ހޯދުމަށްޓަކައި އެމްޑީޕީ ގެ މައިގަނޑު އަސާސް ދުރުކުރުމަކީ ހަމައެކަނި މަގުފުރެދުމެއް ނޫނެވެ. ސްޓްރެޓެޖިކް ގޮތުން އަމިއްލައަށް ބަލިވުމެވެ."

ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ނަގާ، ތަނަވަސްކަން ހޯދާދޭނެ ޕުރޮޖެކްޓް ތަކާއި ޒައިނިޒަމް އާއިގުޅުވާ، އަސާސެއް ނެތް ވާހަކަތައް ކުރިއެރުވުމަކީ ޕާޓީއަށް ރައްޔިތުން ކުރާ އިތުބާރު ވަރުގަދަވާނެ ކަމެއް ނޫނެވެ.

"މިފަދަ ބަސްމަގުތަކަކީ ހަމައެކަނި އަސާސެއް ނެތް ވާހަކަތަކެއް ނޫނެވެ؛ އެއީ އާންމު ބަހުސް ހީނަރުކޮށް، ގައުމީ އަދި ސިޔާސީ ކަންކަމުގެ ސީރިއަސްކަން ކުޑަކޮށްދޭ ކަމެކެވެ."

ނަޝީދުގެ ލިޔުން ނިންމަވައިލައްވަމުން ވިދާޅުވެފައިވަނީ އެމްޑީޕީ މިވަގުތު މިވަނީ ހަތަރުވަން ގޯޅިއެއްގެ ކަންމަތީގައި ކަމަށާއި، "ޓަކާ، ޓަކާ މަގު ކަމަށް އެމްޑީޕީ މީގެ ކުރިން ބުނަމުން އައި މަގަށް އެމް.ޑީ.ޕީ އެންބުރިއްޖެނަމަ، ޕާޓީގެ ތޮބިއްޔަތާއި އަދި ގޮތާއިފޮތް ގެއްލި ދިއުމުގެ ނުރައްކާ އެބައޮތް ކަމަށެވެ.

"އަމިއްލަ ނަފްސު ފަނާކުރަނިވި މަގެއްގައި ޕާޓީ ނުވާނެ ކަމަށް އަޅުގަޑު ނުހަނު އުންމީދު ކުރަމެވެ."

ނަޝީދު މިފަދައިން މިވާހަކަ ލިޔުއްވާފައި މިވަނީ ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި ރަސްމާލޭގެ ބިމުން 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު އެމްޑީޕީ ތެރޭގައި ދެބަސްވުންތަކެއް އުފެދިފައި ވަނިކޮށެވެ.

އެކާމާ ގުޅޭގޮތުން އެމްޑީޕީގެ ސްޓޭންޑު ކަނޑައެޅުމަށް މިރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ތާވަލުކޮށްފައިވާއިރު، މި ލިޔުން އާންމުކުރެއްވުމުގެ ކުޑައިރުކޮޅެއް ކުރިން ހަމަ މިފަދަ ވާހަކަތަކެއް އިނގިރޭސި ބަހުންވެސް ނަޝީދު ވަނީ އެކްސްގައި ލިޔުއްވާފަ އެވެ.

ކޮމެންޓް