އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އައްޑޫ ސިޓީގައި - ފޮޓޯ: އެމްޑީޕީ
ވެރިކަންކުރަން ފުރުސަތު ލިބިއްޖެނަމަ ގެ ބަލަހައްޓާ އަންހެނުންގެ އަގުވަޒަން ކުރާނަން
ގޭގައި މަސައްކަތްކުރާ އަންހެނުންގެ އަގުވަޒަން ކުރުމުގެ ގޮތުން ފިރިމީހާ ނުވަތަ ދައުލަތުން ފައިސާ ދޭންޖެހޭ - ފައްޔާޒް
ހިޝާމް ހާރޫން 23 އޮކްޓޯބަރ 2026 (ހުކުރު)   23:19
ރާއްޖޭގެ ވެރިކަން ކުރަން ފުރުސަތު ފަހިވެއްޖެނަމަ، ވަޒީފާއަކަށް ނުގޮސް ގޭތެރެ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އަންހެނުންނަށް ޕެންޝަނެއް ދީގެން ނަމަވެސް، އެކަމުގެ އަގު ވަޒަންކުރައްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ނުކުންނަވާ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެ ޕާޓީގެ މެދުގައި ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ގޮތުން މިހާރު އައްޑޫސިޓީގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ފައްޔާޒް އިސްމާއީލް މިފަދައިން ވިދާޅުވީ، އެ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހުޅުދޫ އަދި މީދޫގެ އެމްޑީޕީ މެންބަރުންނާއެކު އެމަނިކުފާނުގެ ސިޔާސަތު އެކަށައެޅުމުގެ ގޮތުން، އެ ރަށުގެ ބައެއް ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ވޯކްޝޮޕެއްގައި ވާހަކަ ދައްކަވަމުންނެވެ.

ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ސިޔާސަތުތަކުގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅުއްވާ މިހާރު އެ ޕާޓީން ބަލައިގެންފައިވާ "ބޮޑު ބަދަލު" ސިޔާސަތާ ގުޅޭގޮތުން ފައްޔާޒް އަންނަނީ އާންމުންނަށް މައުލޫމާތުތައް ފޯރުކޮށްދީ ހިޔާލު ހޯއްދަވަމުންނެވެ. އެގޮތުން އެ ސިޔާސަތުތަކުގައި ވެސް ވަރަށް ބޮޑަށް އަންހެނުން ބާރުވެރިކުރުވުމުގެ ބައި ހިމަނާފައި ވާކަން ފާހަގަކޮށްލެވެއެވެ.

އައްޑޫ ހުޅުދޫ އަދި މީދޫގެ އެމްޑީޕީ މެންބަރުންނާއެކު އިއްޔެ ބޭއްވެވި ވޯކްޝޮޕްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާ، އެކަމުގެ އަގު ކޮންމެވެސް ގޮތަކުން ވަޒަންކުރަން އެބަޖެހޭ ކަމަށެވެ.

އެގޮތުން ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމުގެ ބުރަ މަސައްކަތުގައި، ގޭގައި މަސައްކަތްކުރާ އަންހެނުންގެ އަގުވަޒަން ކުރުމުގެ ގޮތުން ފިރިމީހާ ނުވަތަ ދައުލަތުން ފައިސާ ދޭންޖެހޭ ކަމަށާ، އެހެންކަމުން އެބޭފުޅާއަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތު ފަހިވެއްޖެނަމަ ވަޒީފާއަކަށް ނުގޮސް ގޭތެރެ ބެލެހެއްޓުމަށް ތިބޭ އަންހެނުންނަށް ޕެންޝަނެއް ދީގެން ނަމަވެސް، އެ ކަނބަލުންގެ މަސައްކަތުގެ އަގުވަޒަން ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެއީ އަސްލުގައި ފިރިމީހާ ނުވަތަ ދައުލަތުން އެމީހުންނަށް ލާރި ދޭންޖެހޭ ކަމެއް. އެ ކުދިން ބަލާ ބޮޑުކުރަނީ މުޖުތަމައުއަށް އެ ނެރެނީ މުޅި މުޖުތަމައުގައި އެ ކުދިންނަށް މިސާލަކަށް 18 އަހަރުވަންދެން މައިމީހާ އެބަލަނީ. ފިރިމީހާއެއް ނޫން ގޭގައި އެ ހުންނަނީ." - ފައްޔާޒް

ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ، އަންހެނުންގެ ހާލަތު ރަނގަޅުކުރުމަކީ މަޖުބޫރު ކަމެއް ކަމަށާ، މުޖުތަމައުގައި ފިރިހެނުންނާ އަޅާބަލާއިރު އަންހެނުންނަށް ލިބޭ ފުރުސަތުތައް ވެސް ނިސްބަތުން މަދު ކަމަށެވެ.

"ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ އަންހެނުން. އެހެންވީމަ މުޖުތަމައުއެއް ރަނގަޅަށް އޮތުމަކީ އަޅުގަނޑަށްވެސް ލިބޭ ފައިދާއެއް ފިރިހެނަކަށްވީތީވެސް. އެހެންވީމަ އަންހެނުންގެ ހާލަތު ރަނގަޅުކުރަން މަޖުބޫރުމިވަނީ." - ފައްޔާޒް

ފައްޔާޒް ވިދާޅުވީ އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އެމްޑީޕީން ހުށަހަޅައިގެން ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަ ގޮނޑިތަކެއް ކަނޑައެޅުމުން އޭގެ ފައިދާތައް ވެސް އެބަ ފެންނަމުންދާ ކަމަށެވެ.

ފައްޔާޒްގެ އިތުރުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް މިހާރު ނުކުންނަވާ ތިއްބެވީ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު އެވެ.

ކޮމެންޓް