
އދ. އުފެދެން މެދުވެރިވި ތާރީހީ ސަބަބުތައް
އދ. އުފެދުމުގެ އެންމެ ބޮޑު ސަބަބަކީ ދެވަނަ ބޮޑު ހަނގުރާމައެވެ. 1939 އިން 1945 އަށް ހިނގި މި ބިރުވެރި ހަނގުރާމައިގައި އެތައް މިލިޔަން އިންސާނުންނެއްގެ ފުރާނަ ގެއްލުނެވެ. މުޅި ދުނިޔޭގެ އިގުތިސޯދާއި އުމްރާނީ ވަސީލަތްތައް ސުންނާފަތިވިއެވެ. މިއީ، އޭރު އުފެދިފައި އޮތް 'ލީގު އޮފް ނޭޝަންސް' އިން ދުނިޔޭގެ ސުލްހަ ބެލެހެއްޓުމުގައި ނާކާމިޔާބުވުމުގެ ނަތީޖާއެވެ. އެހެންކަމުން، ދުނިޔޭގެ ލީޑަރުންނަށް ޔަގީންވީ ބާރުގަދަ އަދި ހުރިހާ ގައުމުތަކެއް ޝާމިލުވާ ބައިނަލްއަގުވާމީ އިދާރާއެއް ދުނިޔެއަށް ބޭނުންވާކަމެވެ.
މިގޮތުން 1945 ވަނަ އަހަރު އެމެރިކާގެ ސެން ފްރެންސިސްކޯގައި ދުނިޔޭގެ 50 ގައުމެއްގެ މަންދޫބުން ބައްދަލުކޮށް، އދ. ގެ ބިންގާ ނުވަތަ އދ. ގެ ޗާޓަރު އެކުލަވައިލިއެވެ. މި ޗާޓަރުގެ މައިގަނޑު މަގުސަދަކީ އަންނާން އޮތް ޖީލުތައް ހަނގުރާމައިގެ ސަބަބުން ލިބޭ އަނިޔާތަކުން ސަލާމަތްކުރުމާއި، އަސާސީ އިންސާނީ ހައްގުތައް ކަށަވަރުކުރުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމެވެ.
އދ. ދުވަސް ފާހަގަކުރަން ފެށުނުގޮތް
ދުނިޔޭގެ ބޮޑެތި ބާރުތަކުން އދ. ގެ ޗާޓަރު ތަސްދީގުކުރީ 1945 ވަނަ އަހަރުގެ އޮކްޓޫބަރު 24 ދުވަހެވެ. މިއާއެކު އދ. ރަސްމީ ސިފައެއްގައި ވުޖޫދަށް އައެވެ. އޭގެ ދެ އަހަރު ފަހުން، 1947 ގައި އދ. ގެ އާންމު މަޖިލީހުން ނެރުނު ގަރާރެއްގެ ދަށުން ކޮންމެ އަހަރެއްގެ އޮކްޓޫބަރު 24 އަކީ އދ. ދުވަސް ކަމުގައި ކަނޑައެޅިގެން ދިޔައެވެ.
އދ. ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ އދ. ގެ މަގުސަދުތަކާއި ކާމިޔާބީތައް ދުނިޔޭގެ ރައްޔިތުންނަށް ހަނދާންކޮށްދިނުމެވެ. 1971 ވަނަ އަހަރު އދ. އިން ވަނީ މި ދުވަހަކީ ބައިނަލްއަގުވާމީ ބަންދު ދުވަހެއް ނުވަތަ އިންޓަރނޭޝަނަލް ހޮލިޑޭ އެއްގެ ގޮތުގައި ފާހަގަކުރުމަށް މެންބަރު ގައުމުތަކަށް އިލްތިމާސްކޮށްފައެވެ. މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސް ފާހަގަކުރަނީ ސަގާފީ ހަރަކާތްތަކާއި، ސުލްހައިގެ ހޭލުންތެރިކަން އިތުރުކުރުމުގެ ފޯރްމަތަކާއި، އަދި ތައުލީމީ މުއައްސަސާތަކުގައި ބާއްވާ ހާއްސަ 'މޮޑެލް ޔުނައިޓެޑް ނޭޝަންސް' (MUN) ފަދަ މަހާސިންތާތަކުންނެވެ.
އދ. އިން ހާސިލުކޮށްފައިވާ ބޮޑެތި ކާމިޔާބީތައް
ވޭތުވެދިޔަ ދިގު ތާރީހުގައި އދ. އިން ވަނީ ދުނިޔޭގެ ސިޔާސީ، އިގުތިސޯދީ އަދި އިޖުތިމާއީ މައިދާނުގައި ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ތިންވަނަ ބޮޑު ހަނގުރާމައެއް، ސީދާ ނިއުކްލިއަރ ހަތިޔާރާއެކު ފެށުނަނުދީ ހިފެހެއްޓުމުގައި އދ. ގެ ޑިޕްލޮމެސީ އަދި މަޝްވަރާގެ މޭޒުތައް މުހިންމު ދައުރެއް އަދާކުރުމެވެ. 80 އަހަރުގެ މި ދިގު މުއްދަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދުނު ދާޚިލީ ހަނގުރާމަތަކާއި ސަރަހައްދީ މައްސަލަތައް ހައްލުކުރުމަށްޓަކައި 70 އަށްވުރެ ގިނަ ސުލްހަ ބަލަހައްޓާ މިޝަންތައް ކާމިޔާބުކަމާއެކު ހިންގާފައިވެއެވެ.
ހަމައެއާއެކު، އިންސާނިއްޔާތަށް އެހީތެރިވުމުގެ މައިދާނުގައި އދ. ގެ ދައުރު ވަރަށްވެސް ފުޅަލެވެ. ވޯލްޑް ފުޑް ޕްރޮގްރާމް (WFP) އާއި ޔުނިސެފް (UNICEF) ފަދަ އިދާރާތައް މެދުވެރިކޮށް، ބަނޑުހައިހޫނުކަމާއި، ގުދުރަތީ ކާރިސާތަކާއި، އަދި ހަނގުރާމަތަކުގެ ސަބަބުން ހާލުގައިޖެހޭ އެތައް މިލިޔަން އިންސާނުންނަށް ކާބޯތަކެއްޗާއި، ބޭހާއި، ސާފު ބޯފެން ފޯރުކޮށްދީ، ކުޑަކުދިންނަށް ތައުލީމާއި ރައްކާތެރިކަން ކަށަވަރުކޮށްދެއެވެ. ސިއްހީ ދާއިރާއަށް ބަލާއިރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (WHO) މެދުވެރިކޮށް، ދުނިޔެއިން ނުރައްކާތެރި ބަލިތައް، މިސާލަކަށް، ސްމޯލްޕޮކްސް އެއްކޮށް ނައްތާލައި، ޕޯލިއޯ ފަދަ ބަލިތަކުން ދުނިޔޭގެ ޖީލުތައް ސަލާމަތްކުރުމަށް ބޮޑެތި ވެކްސިނޭޝަން ޕްރޮގްރާމްތައް ވަނީ ހިންގާފައެވެ.
މީގެ އިތުރުން، އދ. އިން ވަނީ ދުނިޔޭގެ މުސްތަގުބަލު ބައްޓަންކުރުމުގައިވެސް ތާރީހީ ލަނޑުދަނޑިތަކެއް ހާސިލުކޮށްފައެވެ. އެގޮތުން 2030 ގެ ނިޔަލަށް ދުނިޔެއިން ފަގީރުކަން ނައްތާލުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް އެކުލަވައިލި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (SDGs) އާއި އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް މުޅި ދުނިޔެ އެއްގަލަކަށް އެރި 'ޕެރިސް އެގްރީމެންޓް' އަކީ އދ. ގެ ދުރުވިސްނޭ ސިޔާސަތުތަކުގެ ދަށުން ހާސިލުކުރެވުނު އެންމެ ބޮޑެތި ކާމިޔާބީތަކެވެ.
އދ. އަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތައް
ކާމިޔާބީތަކާއެކުވެސް، އދ. އަކީ ފާޑުކިއުންތަކާއި ބޮޑެތި ނާކާމިޔާބީތަކުން ސަލާމަތްވެފައިވާ ތަނެއް ނޫނެވެ. ބައިނަލްއަގުވާމީ ބޮޑެތި ކާރިސާތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓުވުމުގައި އދ. އަށް ވަނީ އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅިފައެވެ. މީގެ އެންމެ ހިތާމަވެރި އެއް މިސާލަކީ 1994 ވަނަ އަހަރު ރުވާންޑާގައި ހިނގި ލޭއޮހޮރުވުން ނުވަތަ ޖެނައިސައިޑް ހުއްޓުވުމުގައި އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކަށް އެޅުނު އެއްވެސް ފިޔަވަޅެއް ނުވަތަ ކުރެވުނު ކަމެއް ނެތުމެވެ.
ހަމައެއާއެކު، ފަހުގެ ތާރީހަށް ބަލާއިރު ޔަމަނުގެ އިންސާނީ ކާރިސާއާއި، ޔޫކްރެއިން ހަނގުރާމަ އަދި ހާއްސަކޮށް ފަލަސްތީނުގެ ގައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓުވުމަށް އދ. ވަނީ މުޅިން ނުކުޅެދިފައެވެ. ބާރުގަދަ ގައުމުތަކުން ބައިނަލްއަގުވާމީ ޤާނޫނުތަކާ ހިލާފުވާއިރު، އެ ގައުމުތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅެއް އެޅުމުގެ ގާބިލުކަމެއް އދ. ގެ ކިބައިގައި ނެތެވެ. މިކަމުގެ ސަބަބުން، މިއަދުގެ ބައިނަލްއަގުވާމީ މުޖުތަމައުގައި އދ. ގެ އިތުބާރާއި ނުފޫޒާމެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ.
ސަލާމަތީ މަޖިލީހުގެ ވީޓޯ ބާރު: އިންސާފަށް އޮތް ހުރަހެއް
އދ. ގެ ހިންގުން އެންމެ ބޮޑަށް ހުއްޓުމަކަށް އަންނަނީ ސަލާމަތީ މަޖިލީހުގެ ދާއިމީ 5 މެންބަރުން؛ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ރަޝިޔާ، އަދި ޗައިނާ އަށް ލިބިދީފައިވާ ވީޓޯކުރުމުގެ ބާރުގެ ސަބަބުންނެވެ. އާންމު މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ނިންމާ ނިންމުންތައްވެސް، ދާއިމީ މެންބަރުންގެ ތެރެއިން އެންމެ ގައުމަކުން ދެކޮޅު ހަދައިފިނަމަ ބާތިލުވެގެންދެއެވެ.
މި ބާރުގެ ސަބަބުން، ދާއިމީ މެންބަރެއްގެ ސިޔާސީ ނުވަތަ އިގުތިސޯދީ މަސްލަހަތު ހިމެނޭ ކަންކަމުގައި އިންޞސާފުވެރި ފިޔަވަޅެއް އެޅުމަށް އދ. ވަނީ ނުކުޅެދިފައެވެ. ބައިނަލްއަގުވާމީ ގިނަ މުހައްލިލުން ދެކޭގޮތުގައި، ދުނިޔޭގައި ސުލްހަ ގާއިމުކުރުމަށްޓަކައި މި ވީޓޯ ބާރު އުވާލަންޖެހެއެވެ. ނުވަތަ ވީޓޯ ބޭނުންކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައި، ބާރުތައް ހަމަހަމަކުރަންޖެހެއެވެ.
ސެކްރެޓަރީ ޖެނަރަލްގެ މަގާމާއި އަންހެނުންގެ ހިއްސާ
އދ. އިން މުޅި ދުނިޔޭގައި މިންތީގެ ހަމަހަމަކަމާއި އަންހެނުން ބާރުވެރިކުރުވުމަށް ވަކާލާތުކުރާއިރު، އދ. ގެ 80 އަހަރުގެ ދިގު ތާރީހުގައި އދ. ގެ އެންމެ މަތީމަގާމަށް ނުވަތަ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މިހާތަނަށް އަންހެނަކު ހޮވިފައެއް ނުވެއެވެ. މިހާތަނަށް މި މަގާމު ފުރުއްވި ހުރިހާ ބޭފުޅުންނަކީ ފިރިހެނުންނެވެ.
މިއީ އދ. ގެ ނިޒާމުގައި އޮތް ބޮޑު ފުށުއެރުމެކެވެ. ދުނިޔޭގެ އާބާދީގެ ދެބައިކުޅައެއްބަޔަކީ އަންހެނުންނެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ މަތީ ވެރިންގެ ގޮތުގައި އަންހެނުން ކާމިޔާބުކަމާއެކު ދަނީ ހިދުމަތްކުރަމުންނެވެ. އެހެންކަމުން، އދ. ގެ އެންމެ މަތީ ލީޑަރޝިޕުން އަންހެނަކަށް ފުރުސަތު ނުލިބި އޮތުމަކީ މި ޖަމްއިއްޔާގެ އިސްލާހީ ބަދަލުތަކުގެ ތެރެއިން އެންމެ އަވަހަށް ފެނިގެންދާންޖެހޭ އެއް މަންޒަރެވެ.
އދ. އަށް ބޭނުންވާ ޒަމާނީ އިސްލާހުތައް
މިއަދުގެ ދުނިޔެއަކީ 1945 ވަނަ އަހަރު އދ. އުފެދުނުއިރު އޮތް ދުނިޔެއާ މުޅިން ތަފާތު ދުނިޔެކެވެ؛ ބާރުތައް ބެހިގެންގޮސްފައިވާ މަލްޓި-ޕޯލާ ދުނިޔެއެކެވެ. އެހެންކަމުން، އދ. ގެ އެންމެ މުހިންމު ގޮފި ކަމުގައިވާ ސަލާމަތީ މަޖިލިސް އިސްލާހު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. މިގޮތުން އެފްރިކާ، ލެޓިން އެމެރިކާ، އަދި އޭޝިއާ ސަރަހައްދުގެ ބޮޑެތި އިގުތިސޯދުތަކާއި އާބާދީތައް ތަމްސީލުކުރާ ގައުމުތަކަށް، މިސާލަކަށް؛ އިންޑިއާ، ބްރެޒިލް، އަދި ޖަޕާން ފަދަ ގައުމުތަކަށް ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑި ދޭންޖެހެއެވެ. އަދި މިއާއެކު ދުނިޔޭގެ މިއަދުގެ ހަގީގީ ބާރުތައް އދ. ގެ ތެރެއިން ދައްކައިދޭންޖެހެއެވެ.
މީގެ އިތުރުން، ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންނަށް ލިބިދީފައިވާ ވީޓޯ ބާރު ބޭނުން މުރާޖައާކޮށް، ހަނިކުރަންޖެހެއެވެ. ހާއްސަކޮށް އިންސާނިއްޔާތާ ދެކޮޅަށް ހިންގާ ބޮޑެތި ޖަރީމާތަކާއި، ނަސްލު ނައްތާލުމުގެ ނުރައްކާތެރި ހާލަތްތަކުގައި، ސިޔާސީ މަންފާއަށްޓަކައި އެއްވެސް ގައުމަކަށް ވީޓޯ ބާރު ބޭނުން ނުކުރެވޭނެ ފަދަ ބައިނަލްއަގުވާމީ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅަންޖެހެއެވެ؛ ބޮޑެތި ބާރުގަދަ ގައުމުތަކުން ދޭ މާލީ އެހީއަށް ބަރޯސާވުން ކުޑަކުރަންޖެހެވެ. އަދި އދ. ގެ ބަޖެޓާއި ހިންގުން މިނިވަންކުރުމަކީ، ބައިނަލްއަގުވާމީ މައްސަލަތަކުގައި ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާއެކު ފިޔަވަޅު އެޅުމަށް އދ. އަށް ލިބޭނެ އެންމެ ބޮޑު ބާރެވެ.
ނިންމުން
އދ. އަކީ ފުރިހަމަ ޖަމްއިއްޔާއަކަށް ނުވެދާނެއެވެ. ނަމަވެސް، އދ. ނެތްނަމަ ދުނިޔެއެއް މިއަށްވުރެ މާ ބިރުވެރި ތަނަކަށްވެފައި، ބައިބައިވުމާއި، ލޭ އޮހޮރުވުން ގިނަ ތަނަކަށް ވާނެއެވެ. އދ. ދުވަސް މިއަދު ފާހަގަކުރާއިރު، އަހަރުމެން އަޒުމް ކަނޑައަޅަންވީ އދ. ބަލިކަށިކޮށްލުމުގެ ބަދަލުގައި، އެ ޖަމްއިއްޔާ އިސްލާހުކޮށް، ވަރުގަދަކުރުމަށެވެ. ސަލާމަތީ މަޖިލީހުގެ ވީޓޯ ބާރުގެ ނިޒާމަށް ބަދަލުތަކެއް ގެނެއުމަށެވެ. ލީޑަރޝިޕުން އަންހެނުންނަށް ހަމަހަމަ ފުރުސަތު ފަހި ކުރުމަށެވެ. މިކަންކަމާއި ނުލައި، ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކާއި ބައިނަލްއަގުވާމީ ހަނގުރާމަތަކުން ސަލާމަތްވުމަށް އދ. އިން ކުރާ މަސައްކަތްތައް ފުރިހަމަވެގެން ނުދާނެއެވެ.




