
ސްވާޒީންގެ ބިން
އެސްވާތިނީގެ މާނައަކީ 'ސްވާޒީ މީހުންގެ ބިން' އެވެ. އެސްވާތިނީގެ މިނިވަންކަމަށް 50 އަހަރު ފުރުނީ 2018 ވަނަ އަހަރު އެވެ. މި މުނާސަބަތާ ދިމާކޮށް އެސްވާތިނީގެ ރަސްގެފާނު ވަނީ އެ ގައުމުގެ ނަން އެސްވާތިނީ އަށް ރަސްމީކޮށް ބަދަލުކުރައްވާފައެވެ. ގާތްގަނޑަކަށް 1.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މި ގައުމަކީ ފަރުބަދަތަކާއި، ވާދީތަކުން ފުރިގެންވާ ގުދުރަތީ ގޮތުން ނުހަނު ރީތި ގައުމެކެވެ. އިސްވަތިނީގެ އިދާރީ ވެރިރަށަކީ އެމްބަބާނޭ (Mbabane) އެވެ. އަދި ޝާހީ ވެރިރަށަކީ ލޮބަމްބާ އެވެ.
އެފްރިކާގައި އޮތް ހަމައެކަނި މުތުލަގު ރަސްކަން
ދުނިޔޭގެ ގިނަ ގައުމުތަކުން ޑިމޮކްރެސީ އިހުތިޔާރުކުރި ނަމަވެސް، އެސްވާތިނީ އަކީ މުޅި އެފްރިކާ ބައްރުގައިވެސް މިހާރު އޮތް ހަމައެކަނި މުތުލަގު ރަސްކަން (Absolute Monarchy) އޮންނަ ގައުމެވެ. މާނައަކީ ގައުމުގެ އެންމެ މަތީ ވެރިޔަކީ އަދި ހުރިހާ ބާރެއް ހިންގަވަނީ ރަސްގެފާނު އެމްސްވާތީ 3 ވަނަ އެވެ. އެސްވާތިނީގައި ގާނޫނު ހަދާ މަޖިލީހެއް އޮވެއެވެ. ނަމަވެސް ސިޔާސީ ޕާޓީތައް ހެދުމަކީ މަނާކަމެކެވެ. އަދި ފަހު ބަސް ވިދާޅުވާ މީހަކީ ރަސްގެފާނެވެ.
އުމްހުލަންގާ ނެށުން
އެސްވާތިނީއަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓޭ މައިގަނޑު އެއްސަބަބަކީ ރަސްގެފާނު އަނބިން ހޮއްވަވާ ތަފާތު ގޮތެވެ. ކޮންމެ އަހަރެއްގެ އޮގަސްޓް ނުވަތަ ސެޕްޓެމްބަރު މަހު އެސްވާތިނީގައި އުމްހުލަންގާ' ނުވަތަ 'ރީޑް ޑާންސް' ގެ ނަމުން މަޝްހޫރުވެފައި އޮންނަ 8 ދުވަހުގެ ބޮޑު ސަގާފީ ކާނިވަލެއް ބާއްވައެވެ.
މި ކާނިވަލުގައި އިސްވާތިނީގައި ކައިވެނިނުކޮށް ތިބޭ ޒުވާން އަންހެން ކުދިން ރަސްގެފާނުގެ ކުރިމަތީގައި މޭމަތި ހާމައަށް ނުވަތަ ޓޮޕްލެސް ސަގާފީ ހެދުމުގައި ނަށަން ޖެހެއެވެ. މި ނެށުމުގެ ތެރެއިން ރަސްގެފާނު ބޭނުންފުޅުވެލައްވާ ނަމަ، އާ އަނބިކަނބަލެއް ހޮއްވަވައެވެ. މިގޮތުން ރަސްގެފާނު އެމްސްވާތީ 3 ވަނަ މިހާތަނަށް ވަނީ 15 އަށްވުރެ ގިނަ އަނބިން ހޮއްވަވާފައެވެ.
އެސްވާތިނީ އަދި ދެކުނު އެފުރިކާގެ ޒުލޫ ސަގާފަތުގައިވެސް އަންހެން ކުދީންގެ މޭމަތި ހާމައަށް ބެހެއްޓުމަކީ، ބިކުރުވެރިކަމާއި، އިއްފަތްތެރިކަމާއި، ސާފުތާހިރުކަމާއި، އަންހެންވަންތަ ކަމުގެ ރަމްޒެކެވެ.
ލޮބޯލާ
އެސްވާތިނީ އާއްމު ރައްޔިތުންގެ މެދުގައިވެސް ކައިވެނީގެ އާދަކާދަތައް ވަރަށް ތަފާތެވެ. މިގޮތުން ފިރިހެނުންނަށް މާލީގޮތުން ބެލެހެއްޓޭނަމަ އެތައް އަނބިންނަކާ ކައިވެނި ކުރުމުގެ ހުއްދަ އެސްވާތިނީ ގައި އޮވެއެވެ.
ލޮބޯލާ (Lobola) އަކީ ކައިވެނިކުރުމުގެ ކުރިން ފިރިހެން މީހާގެ ފަރާތުން އަންހެން ކުއްޖާގެ އާއިލާއަށް ދޭންޖެހޭ ރަން (Bride price) އެވެ. މި އެސްވާތިނީގައި ރަން ކިޔަނީ ފައިސާއަކުން ނޫނެވެ. ނަމަވެސް ގެރިންނެވެ. އާއްމުކޮށް އަންހެން ކުއްޖެއްގެ ރަނަކަށް 10 ގެރި އާއި 15 ގެރި އާ ދެމެދުގެ އަދަދަކަށް ގެރި ދޭންޖެހެއެވެ. ޝާހީ އާއިލާގެ ކުއްޖަކާ ކައިވެނިކުރާ ނަމަ މި އަދަދު ސަތޭކަ ގެރިއަށްވުރެ މައްޗަށް ދެއެވެ.
ގަބީލާތަކުގެ އެއްބައިވަންތަކަމާއި ގޮންޖެހުންތައް
އެސްވާތިނީގެ މީހުންގެ އާއްމު ދިރިއުޅުން ބިނާވެފައިވަނީ ވަރަށް ބޮޑަށް އާއިލީ އަދި ގަބީލާގެ ގުޅުންތަކުގެ މައްޗަށެވެ. މި މީހުންނަކީ ވަރަށް ހިތްހެޔޮ، މެހެމާންދާރީ އަދާކުރުމުގައި ލާމަސީލު ބައެކެވެ. އެމީހުންގެ އާއްމު ކެއުމަކީ ގޮދަނާއި ޒުވާރިން ތައްޔާރުކުރާ 'އުޕުތު' އެވެ.
ނަމަވެސް، ދިރިއުޅުމުގެ ފެންވަރަށް ބަލާއިރު އެސްވާތިނީއަކީ ބޮޑެތި ގޮންޖެހުންތަކެއް ހުރި ގައުމެކެވެ. މިއީ އާބާދީގެ ނިސްބަތުން އެޗްއައިވީ އާއި އޭޑްސްގެ ނަންބަރުތައް އެންމެ މަތީ އެއް ގައުމެވެ. އަދި އެސްވާތިނީގެ އާބާދީގެ ބޮޑުބައެއް އަދިވެސް ދިރިއުޅެނީ ފަގީރުކަމުގެ ރޭޝިއޯއަށްވުރެ ދަށުގައެވެ.
ދަނޑުވެރިކަމާއި އިގުތިސޯދު
އެސްވާތިނީގެ އިގުތިސޯދު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ދަނޑުވެރިކަމުގެ މައްޗަށެވެ. ހާއްސަކޮށް ކޮކާކޯލާ ފަދަ ބުއިންތައް އުފެއްދުމަށް ބޭނުންކުރާ ހަކުރަކީ އެގަމުގެ އެންމެބޮޑު އާމްދަނީއެވެ. އަދި މީގެ އިތުރުން މޭވާގެ ބާވަތްތައް ހައްދައެވެ. އަދި ލަކުޑި އުފެއްދުމުގެ ވިޔަފާރިވެސް ފުޅާދާއިރާއެއްގައި ކުރެއެވެ.
އެސްވާތިނީގެ އިގުތިސޯދުގެ ލޭނަރަކީ ދެކުނު އެފްރިކާއެވެ. އެސްވާތިނީއަށް އެތެރެކުރާ މުދަލުގެ 85 އިންސައްތައަށްވުރެ ގިނަ މުދާ އަންނަނީ ދެކުނު އެފްރިކާއިންނެވެ. އެސްވާތިނީގެ ކަރަންސީ ލިލަންގޭނީ ގެ އަގުވެސް ހިފެހެއްޓިފައިވަނީ ދެކުނު އެފްރިކާގެ ފައިސާ ރޭންޑު އާ އެއްވަރެއްގައެވެ.
ނިންމުން
އެސްވާތިނީ އަކީ ޒަމާނީ ދުނިޔޭގައި ފެންނަން އޮތް ދިރިހުރި ތާރީހަކާއި، އަމިއްލަ ސަގާފަތެކެވެ. ސިޔާސީ އަދި އިގުތިސޯދީ ގޮތުން ގިނަ ފާޑުކިޔުންތަކެއް ރަސްކަމުގެ ނިޒާމަށް އަމާޒުވެއެވެ. ނަމަވެސް އެސްވާތިނީގެ ރައްޔިތުން އެމީހުންގެ ޝާހީ ސަގާފަތަށް ކުރާ އިހުތިރާމާއި ލޯތްބަކީ ބަދަލުވުމެއް ނެތް އެއްޗެކެވެ. ހަމަޔަގީނުންވެސް އެސްވާތިނީއަކީ ދުނިޔޭގެ އެހެން ކޮންމެ ގައުމުތަކާ މުޅިން ތަފާތު، އަޖާއިބުން ފުރިގެންވާ ސަގާފީ ޖަވާހިރެކެވެ.




