
މި ޝަކުވާތަކުގެ އަސްލު ބިނާވެފައިވާ ސަބަބުތައް އެކި ގައުމުތަކުގައި ތަފާތެވެ. ސްޕެއިންގައި، އުމުރުން 87 އަހަރުގެ މަރީކާމެން އަބަސްކާލް އޭނާގެ ގެއިން ނެރެ އެއްލައިލުމަކީ މި މުޒާހަރާތަކުގެ ރާޅު ފެށުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ. ފްރާންސްގައި، މުޒާހަރާތައް ފެށުނީ ހަޅުތާލު ކުރަމުންދިޔަ މުދައްރިސުންނަށް ތާއީދުކޮށް ދަރިވަރުން ނިކުތުމުންނެވެ. އަދި އަލްބޭނިއާގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނަރގެ އެހީތެރިކަމާއެކު ހިންގަން އުޅުނު ލަގްޒަރީ މަޝްރޫއަކާ ގުޅިގެން ފެށުނު ދަރިވަރުންގެ މުޒާހަރާތައް ދޭތެރެދޭތެރެއިން ހިނގާތާ މިހާރު މަސްތަކެއް ވެއްޖެއެވެ.
މުޒާހަރާތައް ފެށެން ދިމާވި ސަބަބުތައް ތަފާތުވި ނަމަވެސް، މި ހުރިހާ ހަރަކާތްތަކަކުން ވެސް ފެންނަނީ ހުރިހާ ހިތްހަމަނުޖެހުންތަކެއް އެއްދިމާއަކަށް ޖަމާކޮށް، އެމީހުންގެ މައިންބަފައިންނަށް ލިބުނު ފަދަ ފުރުސަތުތައް އެމީހުންނަށް ނުލިބިދާނެ ކަމުގެ ބިރުވެރިކަން އިހުސާސް ކުރެވެމުންދާ ޒުވާން ޖީލެއްގެ މާޔޫސްކަން ބަންޑުންވެގެންދާ މަންޒަރެވެ.
އަދި އެ މީހުން ވަނީ އެއް ބައެއްގެ ގޮތުގައި އެއްބަޔަކު އަނެއް ބަޔަކަށް ހިތްވަރު ވެސް ދީފައެވެ. އިޓަލީއާއި ގްރީސްގެ މުޒާހަރާގެ ބައިވެރިން އެމީހުންގެ ޝިއާރުތަކުގައި ފްރާންސްގެ ޒުވާނުންނަށް އިޝާރާތް ކޮށްފައިވެއެވެ. ސްޕެއިންގެ ބޯހިޔާވަހިކަމުގެ މުޒާހަރާތައް ޕޯޗުގަލްއަށް ފެތުރިގެން ދިޔައެވެ. އަދި ޔޫރަޕްގެ އެކި ކަންކޮޅުތަކުގައިވާ ދަރިވަރުންގެ ޔޫނިއަންތަކުން ދަނީ އެއްބަޔަކު އަނެއް ބަޔަކާ މަޝްވަރާކޮށް ތަޖުރިބާތައް ހިއްސާކުރަމުން ކަމަށް، ފްރާންސްގެ މައި ދަރިވަރުންގެ ޔޫނިއަން ކަމަށްވާ 'ޔޫއެންއީއެފް' (UNEF) ބުނެފައި ވެއެވެ.
"ތަފާތުތަކަށްވުރެ ބޮޑަށް އަހަންނަށް ފެންނަނީ އެއްގޮތް ކަންކަން، އަހަރުމެން އެންމެންވެސް މި ވާހަކަ ދައްކަނީ ތައުލީމަށާއި، ޔުނިވާސިޓީތަކަށާއި، އާންމުކޮށް ޒުވާނުންނަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރަން ޖެހޭ ވާހަކަ. އަދި އަހަރުމެން މި ދައްކަނީ ދިރިއުޅުމުގެ ޚަރަދުތަކާއި، ބޯހިޔާވަހިކަމުގެ ވާހަކަވެސްމެ" ޔޫއެންއީއެފް ގެ ނައިބު ރައީސް އެލިސް ޑި ބްރިޓޯ މީޑިއާއަށް ބުނެފައި ވެއެވެ.
'ދަ ޔޫރަޕިއަން ކޮރެސްޕޮންޑެންޓް' ޑެއިލީ ނިއުސްލެޓާގެ ކޯ-ފައުންޑަރ އަދި އެޑިޓަރ-އިން-ޗީފް ޖޫލިއަސް ފިންޓެލްމަން ދެކޭގޮތުގައި، މި މުޒާހަރާތަކުން "ދައްކުވައިދެނީ އެއްކަހަލަ މާޔޫސްކަމެކެވެ. އެއީ ޔޫރަޕްގެ ސިޔާސަތުތައް އަންނަން އޮތް ޖީލަށް ކަންކަން ފަހިކޮށްދިނުމުގައި ނާކާމިޔާބުވަމުންދާ ކަމުގެ އިހުސާސެވެ."
ތައުލީމާއި ބޯހިޔާވަހިކަމުގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން އަލަށް ވަޒީފާގެ ބާޒާރަށް ނުކުންނަ މީހުންނަށް އޮތް ފުރުސަތުތަކަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމާއި، ވަޒީފާގެ ބާޒާރުގެ ނުތަނަވަސްކަމާއި މޫސުމީ ކާރިސާއަކީ ޖެން ޒީ ގެ މި ރުޅިވެރިކަން ފަޅައިގެން ދިއުމަށް މަގުފަހިކުރި ކަންކަން ކަމަށް އޭނާ ފާހަގަކޮށްފައި ވެއެވެ.
މުޒާހަރާތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތައް ކަމަށްވާ ގްރީސް، އިޓަލީ، ފްރާންސް، ބެލްޖިއަމް، ސްޕެއިން އަދި ޕޯޗުގަލްގައި އިޤްތިޞާދީ ނުތަނަވަސްކަމާއި ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވުމަކީ، އާންމު ޚިދުމަތްތަކަށް ސަރުކާރުން ކުރާ ހޭދަ އިތުރުކުރުމަށް ހުރަސްއަޅާ ކަމެކެވެ. މިސާލަކަށް، ފްރާންސްގެ ބޮންޑް ޔީލްޑްސް ބުދަ ދުވަހު ވަނީ 2002 ވަނަ އަހަރަށް ފަހު އެންމެ މައްޗަށް ދިޔަ މިންވަރަށް އުފުލިފައެވެ. މިއީ ސަރުކާރުގެ ބަޖެޓަށް އިތުރު ޕްރެޝަރެއް ކުރިމަތިކުރުވި ކަމެކެވެ.
ފާއިތުވި ނުވަ އަހަރު ވެސް، ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހު ފްރާންސްގެ ސްކޫލް އަހަރު ފެށޭ ދުވަސްވަރު މިފަދަ ދަރިވަރުންގެ މުޒާހަރާތައް ބާއްވަމުން އައިސްފައިވާ ކަމަށާއި، އެއީ ތަޢުލީމު ހާސިލުކުރަން އެނބުރި އަންނަ ޒުވާނުންނަށް އެކަށީގެންވާ ވަރަށް ޓީޗަރުން ނުވަތަ ރަނގަޅު ވަސީލަތްތައް ނެތްކަން އިހުސާސް ކުރެވޭތީ ކަމަށް ޑި ބްރީޓޯ ފާހަގަކޮށްފައި ވެއެވެ.
ނަމަވެސް، މި އަހަރު މި މުޒާހަރާތައް ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. އެއީ ކްލާސްތަކުގެ ސައިޒު ކުޑަކުރުމަށާއި، ޓީޗަރުންނަށް ކުރާ ހޭދަ އިތުރުކުރުމަށާއި، މޫސުމީ ކާރިސާއަށް ކެތްކުރެވޭ ފަދަ އިންފްރާސްޓްރަކްޗަރަށް އިންވެސްޓްކުރުމަށާއި، އަދި ޒުވާނުންނާ ދެކޮޅަށް ފުލުހުން ހިންގާ އަނިޔާވެރިކަން ހުއްޓުވުމަށް ދަރިވަރުން ޑިމާންޑް ކުރަން ފެށުމުންނެވެ. "މީހުން ތިބީ ޖަވާބަކަށް އިންތިޒާރުކޮށް ވަރުބަލިވެފައި،" ޑި ބްރީޓޯ ބުނެފައި ވެއެވެ.
ތައުލީމަކީ ޔޫރަޕްގެ ބޯޑަރުތައް ހުރަސްކޮށް މުޅި ސަރަޙައްދަށް ވެސް އަސަރުކުރާ މައުޟޫއެކެވެ. ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގްރީސްގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ދަރިވަރުންނާއި ޓީޗަރުން ވަނީ މަގުމައްޗަށް ނުކުމެ ހިނގާލުން ބާއްވާފައެވެ. އޭގެ ތެރޭގައި އެތެންސްގެ ޕާލަމެންޓް ބޭރުގައި އެއްވެ، "ގްރީސް އިން ފެށިގެން ފްރާންސާ ހަމައަށް، އަހަރެމެން ބޭނުމީ ހިލޭ ދެވޭ ސަރުކާރުގެ ތައުލީމު" ކަމަށް ގޮވާލި ގްރޫޕެއް ވެސް ހިމެނެއެވެ. އޮކްޓޫބަރު 7 ގައި ރޯމްގެ ހައިސްކޫލެއް ދަރިވަރުން ފުރަތަމަ ހިސޯރުކުރި އިރު، އެމީހުންގެ އަމަލުތައް ދިފާއުކޮށް ނެރުނު ބަޔާނުގެ ފުރަތަމަ ފޮޅުވަތުގައި ލިޔެފައިވަނީ "ފްރާންސްގައި ވެސް ވީ ފަދައިން" މިހެންނެވެ.
އިޓަލީގެ ސަރުކާރުން ވަނީ ފްރާންސްގެ މުޒާހަރާތަކާ އެއްވެސް އެއްގޮތް ކަމެއް ހުރިކަން ދެއްކުމަށް ދެކޮޅު ހަދަން މަސައްކަތް ކޮށްފައެވެ. "އިޓަލީގެ ހާލަތު ފްރާންސާ ވަރަށް ތަފާތު،" އެޑިއުކޭޝަން މިނިސްޓަރު ޖުސެއްޕޭ ވަލްދިތާރާ މި މަހުގެ ކުރީކޮޅު ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވީ، ފްރާންސްގެ މުޒާހަރާތައް އުފެދެނީ އެހެން ގައުމުތަކުން ހިޖުރަކުރި ފަރާތްތައް ސްކޫލް ނިޒާމުގެ ތެރެއަށް ވެއްދުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށާއި، އެއީ އިޓަލީގައި އޮތް މައްސަލައެއް ނޫން ކަމަށް ބުނެ ހައްދުފަހަނައެޅި ކަނާތުފިޔައިގެ ފަރާތްތަކުން ދައްކާ ވާހަކަ ތަކުރާރު ކުރައްވަމުންނެވެ.
އެހެންނަމަވެސް، ބޯހިޔާވަހިކަމަކީ ވެސް ގައުމީ ބޯޑަރުތައް ހުރަސްކޮށް ފެތުރިފައިވާ އަނެއް މައްސަލައެވެ. އިޓަލީގެ މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި، ސެޕްޓެމްބަރު މަހު ސްޕެއިންގައި ވަރަށް ބޮޑަށް ފެށި، އެންމެ ފަހުން ކުއްލި އިންތިޚާބެއް އިޢުލާނުކުރަން ސަރުކާރަށް މަޖުބޫރު ކުރުވި ބޯހިޔާވަހިކަމުގެ މުޒާހަރާތައް އެމީހުން އައީ ވަރަށް ގާތުން ބަލަމުންނެވެ.
ރޯމްގެ މުޒާހަރާ ކޭމްޕެއްގައި ތިބި ދަރިވަރުން ސީއެންއެން އަށް ބުނެފައިވާ ގޮތުގައި، އަތްފޯރާ ފަށުގައި ހުންނަ ބޯހިޔާވަހިކަމާއި ރަނގަޅު ތައުލީމަކީ ވަކި ނުކުރެވޭނެ ދެ ކަންތަކެވެ. އެތަނުން އެއް ދަރިވަރެއް ކަމަށްވާ އެލީސާ ޕަސްޓޯރޭ ބުނި ގޮތުގައި، އޭނާއާއި އޭނާގެ ކޮއްކޮ ޔުނިވަރސިޓީގައި ކިޔަވަމުންދާ އިޓަލީގެ ވެރިރަށުގައި، އެމީހުން ދެމީހުން ހިއްސާކުރާ ކޮޓަރީގެ ކުލި ދެއްކެނީ "ކިރިޔާ" އެވެ. ކޮއްކޮ ޔުނިވަރސިޓީ ފެށުމުގެ ކުރިން، އޭނާގެ ޑިގްރީގެ ފުރަތަމަ ބައިގައި ފައިސާ ސަލާމަތް ކުރުމަށްޓަކައި ރޯމްގެ ބޭރުން 120 ކިލޯމީޓަރު (75 މޭލު) ގެ ރާސްތާއެއް ކޮންމެ ދުވަހަކު ދަތުރުކުރަން އޭނާއަށް ޖެހުނެވެ.
އެހެން ގްރޫޕްތަކުން ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. އީރާން ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުން ހިތްހަމަނުޖެހިގެން އިޓަލީގެ ޓްރަކް ޑްރައިވަރުން މަގުތައް ބަންދުކުރުމުގެ ސަބަބުން ބަފަލޯ މޮޒަރެއްލާ އާއި ބައެއް ވައްތަރުގެ ޕާސްތާ އުފެއްދުން ވަނީ ހުއްޓިފައެވެ. އަދި ބޯހިޔާވަހިކަން ފަދަ މައްސަލަތަކަކީ ވަކި އުމުރުފުރައަކަށް ހާއްސަ މައްސަލަތަކަކަށް ނުވާތީ، ދޮށީ އުމުރުގެ މީހުން ވެސް ދަނީ މި މުޒާހަރާތަކުގައި ބައިވެރިވަމުންނެވެ.
ޕޯޗުގަލްގައި، މި ހަފްތާގެ ކޮންމެ ރެޔަކު ވެސް ލިސްބަންގެ އެންމެ ކާރޫބާރޫ ބޮޑު އެއް މައިދާން ކަމަށްވާ ރޮސިއޯ މައިދާނަށް އެތައް ހާސް ބަޔަކު ވަނީ އެއްވެފައެވެ. ބައެއް މީހުން ޓެންޓު ވެސް ޖަހާފައިވާއިރު، އަންގާރަ ދުވަހުގެ ފަތިހު 55 މީހުން ހައްޔަރުކުރުމާ ގުޅިގެން މުޒާހަރާތައް އިތުރަށް ވަނީ ވަރުގަދަވެފައެވެ. "ދިރިއުޅޭނެ ގެދޮރު" ގެ މާނަ ދޭހަވާ "ކަސާސް ޕަރާ މޮރާރ" ފަދަ ޝިޢާރުތައް ލިޔެފައިވާ ދިދަތައް ވިހުރުވަމުންދާ މުޒާހަރާގެ ބައިވެރިން ވަނީ ކުލި ބޮޑުކުރެވޭނެ އެންމެ މަތީ މިންވަރެއް ކަނޑައެޅުމަށާއި، ކުއްޔަށް އުޅޭ މީހުން ނެރެލުން ފަސޭހަކޮށްދޭ އާ ގާނޫނު އުވާލުމަށް ޑިމާންޑް ކޮށްފައެވެ.
އެހެން ސަރަހައްދުތަކަށް ބަލާއިރު، އަލްބޭނިއާ އަދި ސާބިއާގައި ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށްދާ މުޒާހަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ކޮރަޕްޝަނާ ދެކޮޅަށެވެ. އަދި މި މުޒާހަރާތައް މިހާރު ވަނީ އެ ދެ ގައުމުގެ ސަރުކާރު ވައްޓާލުމަށް ގޮވާލާ ހަރަކާތްތަކަކަށް ބަދަލުވެފައެވެ.
މިދިޔަ ހަފުތާގައި އަލްބޭނިއާގެ މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވުމާ ގުޅިގެން، މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލި ގޮވާލުންތަކަށް ބޮޑުވަޒީރު އެދީ ރާމާ ވަނީ ދެކޮޅު ހައްދަވާފައެވެ. އޭގެ ބަދަލުގައި އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރަނީ އަލްބޭނިއާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި ބައިވެރިވުމަށް އޭނާ ކުރައްވާ މަސައްކަތްތަކަށް ހުރަސްއެޅުމަށެވެ. އަދި މި ހަމަނުޖެހުންތަކުގެ ޒިންމާ އޭނާގެ ސިޔާސީ ވާދަވެރިންގެ ބޮލުގައި އެޅުއްވިއެވެ.
"އަހަރެމެން ބޭނުންވަނީ ބަދަލެއް، އަހަރެމެން މިތިބީ އެހެންވެ،" އަލްބޭނިއާގެ މުޒާހަރާގެ ބައިވެރިއަކު ރޮއިޓާސް އަށް ބުނެފައި ވެއެވެ. "އަހަރެމެން ބޭނުންވަނީ އިންޤިލާބެއް، އަހަރެމެން ބޭނުންވަނީ އައު ސަރުކާރެއް، އެއްވެސް މަޝްވަރާއެއް ކުރާކަށް އަހަރެމެން ބޭނުމެއް ނޫން، އަހަރެމެންނަށް ވީ އެންމެ އަވަހަކަށް އައު ސަރުކާރެއް ބޭނުންވޭ."
ހަމައެއާއެކު ސާބިއާގައި، ވޭތުވެދިޔަ ދެ އަހަރު ދުވަހު އެ ގައުމުގެ ސިޔާސީ މަސްރަހު ބައްޓަންކުރި ދަރިވަރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މުޒާހަރާތައް މިހާރު ވެފައިވަނީ، އާދީއްތަ ދުވަހު ބާއްވާ ޕާލިމެންޓް އިންތިޚާބުގައި، ޒަމާންތަކެއް ވަންދެން ވެރިކަން ކުރައްވަމުން ގެންދަވާ ލީޑަރު އަލެކްސަންޑަރ ވޫޗިޗްއާ ދެކޮޅަށް އޮތް އެންމެ ވަރުގަދަ އިދިކޮޅު ބާރަށެވެ.
ހޮނިހިރު ދުވަހު ފްރާންސްގައި ވެސް މުޒާހަރާތަކުގެ އައު ރާޅެއް ވަނީ ފެތުރިގެން ގޮސްފައެވެ. މިގޮތުން ޕެރިސް، މާސޭ، ލިޔޯން، ލީލް، އޯލިއަންސް އަދި ބޯޑޯ ހިމެނޭ ގޮތަށް އެތައް ހާސް މުޒާހަރާގެ ބައިވެރިން ވަނީ މަގުތަކަށް ނުކުމެ ހިނގާލުން ބާއްވާފައެވެ. ފްރާންސްގެ މައި ދަރިވަރުންގެ ޔޫނިއަން، ޔޫއެންއީއެފް (UNEF) އިން އިންތިޒާމުކުރި މި ހިނގާލުމުގައި، އެ ޤައުމުގެ އެންމެ ބޮޑު އެއް ޓްރޭޑް ޔޫނިއަން ކަމަށްވާ ސީޖީޓީ (CGT) އާއި، ދަނޑުވެރިންނާއި، ތިމާވެށީގެ އެކްޓިވިސްޓުންގެ އިތުރުން 'ޔެލޯ ވެސްޓްސް' ގެ ބައިވެރިން ވެސް ބައިވެރިވިއެވެ. 'ޔެލޯ ވެސްޓްސް' އަކީ 2018 ވަނަ އަހަރު ތެލުގެ އަގުބޮޑުވުމާ ގުޅިގެން ކުރި މުޒާހަރާތަކުގެ ތެރެއިން އެންމެ ފުރަތަމަ އުފެދުނު ހަރަކާތެކެވެ. ކަމާބެހޭ ފަރާތްތަކުން މި ހަފުތާގެ ބޮޑުބައި ހޭދަކޮށްފައިވަނީ ވޭތުވެދިޔަ ހަފުތާ ބަންދުގައި ފެނިގެންދިޔަ ފަދަ އާންމު ހަމަނުޖެހުންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގައެވެ.
ފްރާންސާއި ސްޕެއިންގެ މައި ޓްރޭޑް ޔޫނިއަންތަކުން ވަނީ ނޮވެމްބަރު 5 އަދި 11 ވަނަ ދުވަހު، އާންމު ހަޅުތާލެއް ކުރުމަށް ގޮވާލާފައެވެ. ޖަރުމަނުގައި، "ޖެން ޒީ ރެގެލްޓް" (ޖެން ޒީ އަށް މިކަން ވާނެ) ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކުން ވަނީ އޮކްޓޫބަރު 31 ވަނަ ދުވަހު މުޅި ގައުމުގައި މުޒާހަރާ ކުރުމަށް ގޮވާލާފައެވެ. އަދި އިނގިރޭސިވިލާތާއި އިޓަލީގެ ދަރިވަރުންގެ ޔޫނިއަންތަކުން ރާވަމުންދަނީ ތައުލީމުގެ ޚަރަދުތައް ބޮޑުވަމުންދާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ނޮވެމްބަރު 20 ގައި ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށެވެ.
ނޯޓް: މިއީ ސީއެންއެން އިން ގެނެސްދީފައިވާ ރިޕޯޓެއްގެ ނުރަސްމީ ތަރުޖަމާ އެކެވެ.




