
ޅެމުގެ ދެވަނަ ބައިތަށް ނަޒަރު ހިންގާލަމުން ނަހޫ ބުންޏެވެ. "އެކަމަކު ޅެންވެރިޔާ އެ ބުނާ 'މޫރިތި ވިލާ ރަތް ލާހާ ހިނދެއްގާ، ފުރިހަމަ ހަނދުން އަލި ފޮނުވޭ ތަނެއްގާ، މަލަރީތި ނިޔަނެތި ރަށްތަކު ތެރޭގާ، ހުވަފެން ތަކުން ހިތް ފަރިކޮށްލަދޭ ބިން' މި މަންޒަރަކީ އަދިވެސް އަހަރެމެންގެ ތަބީއަތް. މި ރަށްތަކުގެ ނިޔަނެތިކަން ހިތްތަކަށް ހުވަފެނީ އުފާވެރިކަން އެބަދޭ." ރިފޫ ޖަވާބުދިނެވެ. "ސިފަކުރުން ވަރަށް ރީތި، ނަމަވެސް އެ ނިޔަނެތި ރަށްތަކުގެ ހުވަފެންތައް މިއަދު ވަނީ ކިލަނބުވެފައި. މިއަދު ރަށްރަށުގެ އެކަނިވެރިކަމާއި، ވަޒީފާގެ ފުރުސަތުތައް ނެތުމާއި، މާލެއަށް ތޮއްޖެހެން ޖެހުމުގެ ސަބަބުން އާއިލާތައް މިވަނީ ރޫޅިފައި. ހުވަފެންތަކުން ހިތް ފަރިކޮށްލަދޭ ބިމެއްގެ ބަދަލުގައި، މިއަދު ފެންނަނީ ނަފްސާނީ ބަލިމަޑުކަމާއި މާޔޫސްކަން."
ޅެމުގައި ބުނާ ރިހި ދޮންވެއްޔާއި އަލި މޫދުގެ ވާހަކައިން ނަހޫ ދިފާއުގައި ވާހަކަދެއްކިއެވެ. "ޅެމުގައި އެބުނަނީ 'ރިހި ދޮންވެލީގާ ވީ ސާފުކަމަކުން، އަލި މޫދަކުން ގެނުވި ސާފު ކަމަކުން، އުޅުމާ ހިތާ ސާފުކަން މަގޭ ބިން، ފަރިކަމަށްވީ ތޯހިރު ދިވެހި ބިން' ބުނެވިދާނެ. ދިވެހިންނަކީ އަދިވެސް ހިތްހެޔޮ، ސާފު ބައެއް ނޫންތަ؟" ރިފޫ ފާޅުކުރީ ހިތާމަވެރި ހަގީގަތެކެވެ. "ތިމާވެށީގެ ގޮތުން މޫދާއި ދޮންވެލި ސާފުވިޔަސް، މިއަދު އަހަރެމެންގެ 'އުޅުމާއި ހިތުގެ ސާފުކަން' ކޮބައިތަ؟ ކޮރަޕްޝަނާއި، ހަސަދަވެރިކަމާއި، ސިޔާސީ ދެބަސްވުންތަކުގެ ސަބަބުން މުޖުތަމައުގެ ފޭރާން މިވަނީ ވީދިފައި. ތޯހިރުކަމުގެ ބަދަލުގައި އިޖުތިމާއީ މީޑިއާއިން ފެންނަނީ އެކަކު އަނެކަކަށް ހަޖޫޖެހުމާއި އަބުރަށް އެރުން."
ނަހޫ ދެން އޮތް ބައިތަށް ބަލާލިއެވެ. "ގުޅިގެންނެ އުޅުނީ ތަބީއަތެއްގާ، ސުލްހައިގެ ރާޅާ އޮޔާއި ވައިގާ، ވީތީ މިބިމުގާ ދިވެއްސަކަށް ދެން، އަބަދަށްޓަކާ ފަހުރުވެރިވެވޭ ބިން. ރައީސް މުއިއްޒު ވެސް ވެރިކަމުގެ ހުވާކުރެއްވި ރަސްމީ އިނަގުރޭޝަން ތަގުރީރުގައި 'މިހިރަ ދިދައާއޭ' ވިދާޅުވެ، ދިވެހި ދިދައަށް އިޝާރާތްކުރައްވައި ގައުމިއްޔަތުގެ ވަރުގަދަ ވައުދުތަކެއް ވެވަޑައިގަތް. އެ ދިދައިގެ ހިޔަލުގައި ދިވެހިވަންތަކަމާއި ސުލްހަ މަސަލަސްކަން ދަމަހައްޓަވާނެ ކަމަށް ވިދާޅުވި."
ރިފޫ، އޭނާގެ ހިތުގެ ކަންބޮޑުވުންތައް ފަތިވަރެއްހެން އަމުނާލިއެވެ. "އެއީ ތެދެއް ނަހޫ! އެ ދުވަހު ރައީސް މުއިއްޒު ގަތާލެއްވި 'މިހިރަ ދިދައިގެ' ސިހުރުވީ ބަސްތަކަކީ، ކޮންމެ ދިވެއްސެއްގެ ހިތް ކުޅެލައި، ގައުމީ ވިންދު އަވަސްކޮށްލި ޖަޒުބާތީ މިއުޒިކެއް. ނަމަވެސް މިއަދު އެ ބަސްތައް މިވަނީ ރައްޔިތުންގެ ކަރުނުން ތެމިފައިވާ ސިޔާސީ ބިލާހަކަށް. ސިޔާސީ ގޮތުން ބަލާއިރު، ގައުމިއްޔަތުގެ މާނަ އަކީ ވޯޓު ފޮއްޓާ ހަމައިން ނިމޭ އުކުޅަކަށް ވެފަ، ހިންގުމުގެ މުޅި ނިޒާމު އޮތީ ބަލިކަށިވެފައި. އިގުތިސޯދީ ގޮތުން ގައުމު އޮތީ ބަނގުރޫޓުވމާ ގާތުގަ، ބޭރުގެ ދަރަންޏާއި ދިރިއުޅުމުގެ ބުރަދަން އަތްނުފޯރާ ފަށަށް އަރައިފި، މިފެންނަނީ ރަްޔިތުން ބިކަވެފައިވާ ހިތްދަތި މަންޒަރު. އިޖުތިމާއީ ފޭރާން އޮތީ މުޅީން ވީދިފަ، ގައުމީ ރޫހުގެ ބަދަލުގައި މުޖުތަމައުގައި އޮތީ ބައިބައިވުމާއި ހަމަނުޖެހުން. އަދަބީ ގޮތުން ބަލާއިރު، އެ ދުވަހު އިއްވެވި ރީތި ލަފުޒުތަކަކީ މިއަދު އޭގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް، ތެދުވެރިކަމެއް، އަމާނާތެއް ނެތް ހުސް އަޑުތަކެއް."
ޅެމުގެ ފަހު ބައިތަށް ބަލައިލަމުން ނަހޫ ނިންމާލިއެވެ. "ބޭނުންކުރީ ނަލަ ރާއްޖޭގެ ވައިފެން، ބޭނުން ގިޒާއެއް ތިމާވެށިން ދިން، ނިއުމަތްތަކަށް އެއްގަމާއި ކަނޑުދިން، ޝުކުރުން ހިތާމޭ ފުރާލަދޭ ބިން. ޅެންވެރިޔާ މި ބުނަނީ މި ބިމުގެ ވައިފެނާއި، އެއްގަމާއި ކަނޑުން ދޭ ނިއުމަތްތަކަށް ޝުކުރުވެރިވާށޭ. މިއީ އަހަރެމެންނަށް އޮތް މެސެޖެއް." ރިފޫ ބޯޖަހާލިއެވެ. "ބަރާބަރު! މިއަދު އަހަރެމެން ޖެހެނީ މި ބިމުން ލިބޭ ނިއުމަތްތަކަށް ޝުކުރުވެރިވާން. އިސްރާފުކުރުން ހުއްޓާލައި، ތިމާވެށި ހިމާޔަތްކޮށް، އިޖުތިމާއީ މައްސަލަތަކުން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރަން. އޭރުން ޅެންވެރިޔާ އެ ބުނާ ފަދައިން، ޝުކުރުން ހިތްތައް ފުރާލަދޭ، ފަހުރުވެރި ތޯހިރު ދިވެހި ބިމަކަށް މި ބިން އަލުން ވެގެންދާނެ." ނަހޫއާއި ރިފޫ ތެދުވެގެން ހިނގައިގަތީ، އެ ފުން ޅެމުގެ ޝަރަހައިން މިއަދުގެ ދިވެހި ޒުވާނުންގެ ހިތްތަކުގައި ގައުމީ ދިރުން އާލާކުރުމުގެ މުހިންމުކަން އިހުސާސްކުރަމުންނެވެ.




