ދަތުރުވެރިންގެ މާރުކޭޓު ފަދަ ގިނަބަޔަކު އެއްވާ ތަންތަނުން ގިނައިން އިވެމުން ދަނީ ސިޔާސީ ޝުއޫރުތައް.--
މިޑްޓާމް އިލެކްޝަނާއި، ހުދުމުހުތާރު ވެރިކަމުގެ ރަތްކާޑު
ދާލުމީމު 5 ނޮވެމްބަރ 2026 (ބުރާސްފަތި)   14:09
ހެނދުނުގެ ރަން ދޯދިތައް ކުޅުދުއްފުށީގެ އިރުމަތީފަރާތު އަތިރިމައްޗަށް އެޅެމުންދިޔައިރު، ހަފުތާ މާރުކޭޓު ސަރަހައްދު އޮތީ ދިރުމުން ފުރިފައެވެ. ކައިރި ރަށްރަށުން އައިސްފައިވާ އޮޑިދޯނިފަހަރު ތޮށިގަނޑާ ކައިރިކޮށް، ރަށްރަށުންގެނައި ތަރުކާރީއާއި، މޭވާގެ ބާވަތްތަކާއި، ދިވެހި އުފެއްދުންތައް ބާލަމުންދަޏީއެވެ. ވައިގެ ތެރޭގައި ހިފާލާފައިވަނީ ތާޒާ ރުއްރުކުގެ ކުރުބަލާއި، ކަށިކޭލާއި، ކުއްޅަވަކާއި، ވަޅޯމަހާއި، ތަރުކާރީގެ މީރުވަހެވެ.

މާރުކޭޓުގެ އެއްކޮޅެއްގައި ހުރި ބޮޑު ހިރުދު ގަސްދޮށުގައި، ހަސަންބެ އިނީ އޭނާގެ ދޯނިން ބޭލި ކާށި ބަސްތާތަކެއްގެ މަތީގައި އިށީދެގެންނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ދުނިޔޭގެ އޮއިވަރު ދަންނަ، ތަޖުރިބާކާރު ކަމެވެ. ދުރުން ހިނގާފައި އައި އާދަނު ފެނުމާއެކު، ހަސަންބެ ބާރަކަށް ގޮވާލިއެވެ.

"އާދަނާވެއެވެ! އާދެބަލަ މިކޮޅަށް. ކޮބާ ދުނިޔޭގެ ހަބަރު؟ އެމެރިކާ އިންތިހާބު މިވީ ކިހިނެތް؟ އީރާނު މޮޅުވީ ހެއްދޯ! ނަތަންޔާހޫއާ ޓްރަމްޕާ މި ދެ އިބިލީސް ބަލިވީ ނޫންތަ؟" ހަސަންބެގެ އަޑުގައި ހުރީ ކޮންމެހެންވެސް ޖަވާބެއް ބޭނުންވެފައިވާ ފަދަ ޝައުގުވެރިކަމެކެވެ.

އާދަނާއަކީ އޮންލައިން ނޫސްތަކާއި ދުނިޔޭގެ ސިޔާސީ މަސްރަހު އެންމެ ގާތުން ބަލާ އެކެކެވެ. އޭނާ ކައިރިވެލަމުން ހިނިތުންވެލިއެވެ. "ހަސަންބެއާ ސިޔާސީ ކަންކަމާ ނުގުޅޭ ދުވަހެއް ނާދޭ ދޯ؟ އެމެރިކާ އިންތިހާބަކީ ދުނިޔޭގެ އެންމެ  ބޮޑު ޗެސްބޯޑު. ޓްރަމްޕް ގެ ނާކާމިޔާބަކީ މުޅި މެދުއިރުމައްޗާއި ދުނިޔޭގެ ބާރުތަކުގެ ތިލަފަތް ބަދަލުވާނެ ކަމެއް. އެކަމަކު ހަސަންބެ ހީކުރާ ގޮތަށް ސީދާ އީރާނު މޮޅުވުމެއް ނުވަތަ ނަތަންޔާހޫ ބަދަލުވުމެއް އެއީ އެހާ ފަސޭހަ ކަމެއް ނޫން. އެމީހުންގެ ކުޅިވަރަކީ އަހަރެމެންނަށް ފެންނަ ފޮތުގެ ބޭރުގަނޑު."

އެ ވަގުތު އެތަނަށް އައިސް މަޑުކޮށްލީ މާރުކޭޓުން ފަޅޯ ކޮޅެއް ގަންނަން އައިސް ހުރި ޒުވާން ޓީޗަރެކެވެ. މުއާޒެވެ. މުއާޒަކީ ސިޔާސީ ސައިންސްގެ ދާއިރާއިން ކިޔަވައިގެން ހުރި، ޒުވާން ވިސްނުމެއްގެ ވެރިއެކެވެ.

"ތިޔަ ދައްކަނީ ވަރަށް މުހިންމު ވާހަކައެއް،" މުއާޒު ބުންޏެވެ. "އެމެރިކާގެ ސިޔާސީ ނިޒާމުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން އެންމެ ބޮޑަށް ވިސްނަންޖެހޭ ފިލާވަޅަކީ އެމީހުންގެ ޑިމޮކްރަސީގައި ހުންނަ 'ޗެކްސް އެންޑް ބެލެންސަސް' ނުވަތަ ބާރުތައް ހިފެހެއްޓުމުގެ ނިޒާމު. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ 'މިޑްޓާމް އިލެކްޝަން' ނުވަތަ ދައުރުގެ މެދުތެރެއިން ބާއްވާ އިންތިޚާބު."

ބާޒާރުމަތީގައި ފިޔާ ބަސްތާއެއް ކަނޑަން ހުރި، ތަންކޮޅެއް ދުވަސްވީ ވިޔަފާރިވެރިއެއް ކަމަށްވާ ކާސިމްބެވެސް މި ވާހަކައިގެ ތެރެއަށް ވަނެވެ. "މިޑްޓާމޭ؟ ތިޔައީ ކޮން އެއްޗެއް؟ އަހަރެމެން ރާއްޖޭގައި މި ބާއްވާ ފަސް އަހަރުން އެއްފަހަރު ބާއްވާ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު މަދުވެގެންތަ ތިޔަ އުޅެނީ؟ މުޅި ގައުމު އަބަދު އޮންނަނީ ސިޔާސީ ކޯޅުމެއްގެ ތެރޭގައި. ދެން ކޮން އިތުރު އިންތިހާބެއް؟"

މާރުކޭޓުގެ ފޯރިގަދަ މާހައުލުގައި، ހަތަރު މީހުންގެ މެދުގައި ރާއްޖޭގެ ސިޔާސީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭގޮތުން ފުން ބަހުސެއް ފެށިގެން ހިނގައްޖެއެވެ.

މުއާޒު އޭނާގެ އަތުގައި އޮތް ފޮތް ކާށި ބަސްތާ މަތީގައި ބާއްވަމުން ކާސިމްބެއަށް ވިސްނައިދޭން ފެށިއެވެ. "ކާސިމްބެއެވެ! މިޑްޓާމް އިލެކްޝަނަކީ ގައުމު އިތުރަށް ހަލަބޮލިކުރާ އެއްޗެއް ނޫން. އެއީ ވެރިކަން ކުރާ ފަރާތްތައް ޒިންމާދާރުކުރުވަން ލިބޭ އެންމެ ބޮޑު ހަތިޔާރު. ރާއްޖޭގައި މިހާރު އޮންނަ ގޮތުން ވެރިއަކު ހޮވުމަށްފަހު، ފަސް އަހަރު ވަންދެން ރައްޔިތުންނަށް ސީދާ ގޮތެއްގައި ބަސް ބުނުމުގެ ފުރުސަތެއް ނޯވޭ. ރިޔާސީ އިންތިހާބު ނިމޭތާ މަދު މަސްކޮޅެއްގެ ތެރޭގައި މަޖިލިސް އިންތިހާބު ބާއްވާއިރު، ގިނަ ފަހަރަށް ރައްޔިތުން ތިބެނީ 'ހަނީމޫން ޕީރިއަޑް' ގައެވެ. އެހެންވީމާ ވެރިކަންކުރާ ޕާޓީއަށް މަޖިލީހުގެ ސުޕަ-މެޖޯރިޓީ ލިބެއެވެ."

"ދެން އޭގެ ދެތިން އަހަރު ފަހުން ވެރިކަމުގެ ނާގާބިލުކަން ފެންނަން ފެށުމުން، ރައްޔިތުން ތިބެނީ ކުރާނެ ކަމެއް ނެތިފައި. ހަމަ އެކަނި ބަލަން ތިބެންޖެހެނީ. އެކަމަކު ދައުރުގެ މެދުތެރެއިން، ބަރާބަރު ދެ އަހަރާއި ބައިން މަޖިލީހުގެ ދެބައިކުޅަ އެއްބައި ގޮނޑިއަށް ނުވަތަ މުޅި މަޖިލީހުގެ އިންތިހާބެއް ބޭއްވިއްޖެނަމަ، ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ކުރާ ތާއީދު ވަޒަންކޮށްލެވޭނެ،" މުއާޒު ތަފްސީލުކޮށްދިނެވެ.

ހަސަންބެ ބޯޖަހާލިއެވެ. "އެއީ ތެދެއް. ވެރިކަމަށް އަންނަންދެން ދައްކަނީ ކަނޑުން މާމުއި އުފެދޭ ވާހަކަ. ވެރިކަން ލިބުނީމާ ރައްޔިތުން މަތިން ހަނދާން ނެތޭ. މުއާޒު ތިޔަ ބުނާ ގޮތުން، ދެ އަހަރާއި ބައިން ރައްޔިތުންގެ ކައިރިއަށް ވޯޓު ހޯދަން އަންނަން ޖެހޭނަމަ، އެމީހުން ބިރުންވެސް މަސައްކަތް އަޅެ ކުރާނެ ނޫންތަ؟"

"ބަރާބަރު ހަސަންބެ!" އާދަނު ތާއީދުކުރިއެވެ. "މިޑްޓާމް އިލެކްޝަނެއްގެ އެންމެ ބޮޑު ފައިދާއަކީ ސަރުކާރު ހުދުމުހުތާރުވިޔަނުދީ ހިފެހެއްޓުން. އެމެރިކާގައިވެސް ޓްރަމްޕް ނުވަތަ ބައިޑަންގެ ވެރިކަމުގައިވެސް، ދައުރުގެ މެދުތެރެއިން ބާއްވާ އިންތިހާބުން އިދިކޮޅު ޕާޓީއަށް ކޮންގްރެސްގެ މެޖޯރިޓީ ލިބުމުން، ރައީސް ބޭނުންހާ ގޮތަކަށް ގާނޫނުތައް ހަދައި، ފައިސާ ހަރަދުކުރުމުގެ ބާރު ކެނޑިގެންދޭ. މިއީ ޑިމޮކްރަސީގެ ރީތި ހަމައަކީ."

ކާސިމްބެ އޭނާގެ އަތުގައި އޮތް ކޮށާވަޅި ބާއްވަމުން ވިސްނުންތެރިކަމާއެކު އަހާލިއެވެ. "އެކަމަކު މުއާޒެވެ! ރާއްޖޭގެ ސިޔާސީ މީހުންނަކީ ވަރަށް މަކަރުވެރި ބައެއް. މިޑްޓާމެއް ބޭއްވިޔަސް އެމީހުން ފައިސާ އާއި ނުފޫޒު ބޭނުންކޮށްގެން ގޮނޑިތައް ނުނަގާނެބާ؟ އޭރުން ވާނީ އިތުރު އިސްރާފަކަށް ނޫންތަ؟"

މުއާޒު ޖަވާބުދިނެވެ. "ކާސިމްބޭ، ރައްޔިތުންގެ ހޭލުންތެރިކަން މިހާރު ކުރިއަށްވުރެ މާ ބޮޑު. ފައިސާ ދީގެން ވޯޓު ގަންނަ ޒަމާން މިދަނީ ނިމެމުން. ސަރުކާރުން އިގުތިސޯދު ހަލާކުކޮށް، ތަކެތީގެ އަގު އުފުލި، ކޮރަޕްޝަން އިންތިހާއަށް ދާއިރު، ރައްޔިތުން ތިބެނީ ކެތްމަދުވެފައެވެ. މިޑްޓާމް އިލެކްޝަނެއް އޮތްނަމަ، ސަރުކާރަށް ރެޑް ކާޑު ދައްކަން ފަސް އަހަރު ވަންދެން މަޑުކުރާކަށް ނުޖެހޭނެ."

"ރާއްޖޭގެ ތާރީހަށް ބަލާއިރު، ވެރިކަމަށް އަންނަ ކޮންމެ ބަޔަކުވެސް މަސައްކަތް ކުރަނީ ދައުލަތުގެ މުއައްސަސާތައް މިނިވަންކަމާއެކު ހިނގިޔަނުދީ، އެމީހުންގެ މުށުތެރެއަށްލާން. ފަނޑިޔާރުގެތަކާއި، އޭސީސީއާއި، އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވަނީ މަޖިލީހުގެ ސުޕަ-މެޖޯރިޓީ ބޭނުންކޮށްގެން. ނަމަވެސް، މިޑްޓާމެއްގައި ރައްޔިތުން ނިކުމެ މަޖިލީހުގެ އަގުލަބިއްޔަތު ބަދަލުކޮށްލުމުން، ވެރިޔާގެ ހުދުމުހުތާރު ވިސްނުމަށް ހުއްޓުމެއް އަންނާނެ. އޭނާއަށް މަޖުބޫރުވާނެ އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާކޮށްގެން ގައުމު ހިންގަން،" މުއާޒުގެ ވާހަކަ ވަރަށް ބާރުގަދައެވެ.

ހަސަންބެ ފޯރިއާއެކު ބުންޏެވެ. "ތިޔައީ ހަމަ ސާބަސްދޭންޖެހޭ ފަދަ ވާހަކައެއް. މިހާރު މިވަނީ ކިހިނެއް؟ ވެރިކަން ލިބުނީމާ މަޖިލިސް މެންބަރުން ސަރުކާރުގެ ރަބަރު ސްޓޭމްޕު ތަކަކަށް ބަދަލުވަނީ. ވެރިމީހާ ބޭނުންވާ ކޮންމެ ބިލެއް ފާސްކުރަނީ. ރައްޔިތުންގެ ޖީބަށް ބުރަވިޔަސް ވަރިހަމަ. މިޑްޓާމެއް އޮންނަނަމަ މެންބަރުންވެސް ބިރުގަންނާނެ. ސަރުކާރުގެ ދިފާއުގައި ރައްޔިތުންނާ ދެކޮޅަށް ވޯޓުދީފިއްޔާ، ދެ އަހަރު ފަހުން ގޮނޑި ގެއްލޭނެކަން އެނގޭނެތީ."

ހަސަންބެއާއި ކާސިމްބެގެ ޝައުގުވެރިކަން އިތުރުވެފައި ހުރިތަން ފެނުމުން، މުއާޒު އޭނާގެ ދަބަހުން ގަލަމެއް ނަގައި، ކާށި ބަސްތާގެ މަތީގައި އޮތް ކަރުދާސްކޮޅެއްގައި ކުރެހުމެއް ކުރަހާލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ކާސިމްބޭ! ހަސަންބޭ! އަހަރުމެން އެމެރިކާގެ ނިޒާމު ކޮޕީކުރާއިރު، ރާއްޖޭގެ ކުޑަ އާބާދީއާއި އިގުތިސޯދަށް އެންމެ ފައިދާހުރި ގޮތަކަށް މިއަށް ބަދަލުތަކެއް ގެންނަންޖެހޭ. އެމެރިކާގައި ދައުރުގެ މެދުތެރެއިން ސެނެޓާއި ހައުސްގެ ގޮނޑިތަކަށް ވޯޓުލާއިރު، އަހަރުމެނަށް ރާއްޖޭގައި މިއަށްވުރެ މާ ފަސޭހަ އަދި ހަރަދު ކުޑަ ގޮތަކަށް މިއީ ކުރެވިދާނެ ކަމެއް. ރާއްޖެއަށް އެންމެ ފައިދާ ބޮޑީ ރޮޓޭޝަނަލް މިޑްޓާމް ނުވަތަ ބައިބަޔަށް ބަހާލައިގެން ބާއްވާ މަޖިލިސް އިންތިހާބެއް،" މުއާޒު ބުންޏެވެ.

އާދަނު ޝައުގުވެރިކަމާއެކު އަހާލިއެވެ. "އެއީ ކޮން ކަހަލަ ގޮތެއް މުއާޒު؟ އިތުރަށް ސާފުކޮށްދީބަލަ."

"މިސާލަކަށް ބަލަމާ،" މުއާޒު ކަރުދާހުގައި ލިޔެލިއެވެ. "ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މިހާރު 90 އަށްވުރެ ގިނަ ގޮނޑި އެބަހުރި. މުޅި މަޖިލިސް އެއްފަހަރާ އިންތިހާބު ކުރުމުގެ ބަދަލުގައި، ގައުމުގެ ހުރިހާ ދާއިރާތަކެއް ދެބަޔަށް ބަހާލެވިދާނެ. ރިޔާސީ އިންތިހާބު ބާއްވާތާ ބަރާބަރު ދެ އަހަރާއި ބައި ވުމުން ނުވަތަ ދައުރުގެ މެދުތެރެއިން، މަޖިލީހުގެ ދެބައިކުޅަ އެއްބައި، ގާތްގަނޑަކަށް 47 ގޮނޑި އަށް މެންބަރުން ހޮވަން މިޑްޓާމް އިލެކްޝަނެއް ބާއްވާނީ. ދެން ބާކީ ހުރި ގޮނޑިތަކުގެ އިންތިހާބު އަންނާނީ ޖެހިގެން އަންނަ ރިޔާސީ އިންތިހާބާ ދިމާކޮށް."

މުއާޒު އިނގިލި ދިއްކޮށްލަމުން މީގެ ފައިދާތައް ގުނާލިއެވެ؛ "އިގުތިސޯދީ ގޮތުން ބަލާއިރު މީގެ އެންމެ ބޮޑު އެއް ފައިދާއަކީ ދައުލަތުގެ ބަޖެޓަށް ކުރާ ބާރު ކުޑަވުން،" ކަރުދާސްކޮޅަށް އިތުރު ރޮނގުތަކެއް ދަމާލަމުން މުއާޒު ބުންޏެވެ، "މުޅި ގައުމުގައި އެއްފަހަރާ ބޮޑު އިންތިހާބެއް ބޭއްވުމުގެ ބަދަލުގައި، ދައުލަތުގެ ބަޖެޓުންނާއި އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ހަރަދުތައް ދެބަޔަށް ބަހާލެވޭނެ. މީގެ ސަބަބުން ގައުމުގެ އިގުތިސޯދަށް އެއްފަހަރާ އަންނަ ލޮޅުން ކުޑަވެ، މާލީ ނިޒާމަށް ބުރަވުމެއް ނެތި އިންތިހާބުގެ ކަންކަން މެނޭޖުކުރުމުގެ ފުރުސަތު ދައުލަތަށް ލިބިގެންދާނެ."

މުއާޒު އޭނާގެ ވާހަކަ ދެން އަނބުރާލީ ރައްޔިތުންގެ ބާރުވެރިކަމާ ދިމާއަށެވެ. "މިއީ ހަމައެކަނި ފައިސާގެ ވާހަކައެއް ނޫން. މީގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން މެދުކެނޑުމެއް ނެތި ދެމެހެއްޓޭނެ. ކޮންމެ ދެ އަހަރާއި ބައިން ގައުމުގެ ދެބައިކުޅަ އެއްބައި ރައްޔިތުންނަށް ސަރުކާރުގެ ސިޔާސަތުތަކަށް ރެފަރެންޑަމެއް ނުވަތަ ހިޔާލު ހޯދުމުގެ ވޯޓެއް ދިނުމުގެ ހައްގު ލިބިގެންދާނެ. ސަރުކާރުގެ ހިނގުން ގޯސްކޮށް ދާނަމަ، އިދިކޮޅު ޕާޓީއަށް އެ ގޮނޑިތައް ކާމިޔާބުކޮށް މަޖިލީހުގެ މެޖޯރިޓީ ހޯދުމުގެ ފުރުސަތު ލިބި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ހަގީގީ ބާރު ރައްޔިތުންގެ އަތްމައްޗަށް އެނބުރި އަންނާނެ."

"އަދި މީގެ އިތުރުން، މަޖިލީހުގައި ހަރުދަނާ މެންބަރުން އުފެދުމަށްވެސް މިއީ މަގުފަހިވާނެ ކަމެއް،" ހަސަންބެއާއި ކާސިމްބެގެ މޫނަށް ބަލާލަމުން މުއާޒު ބުންޏެވެ. "މެންބަރުންގެ ދައުރަކީ 5 އަހަރު ކަމަށް ވިޔަސް، ކޮންމެ މެންބަރަކަށްވެސް އެމީހެއްގެ ދާއިރާގެ ވޯޓު ކުރިމަތިވާނެ ވަގުތު ސާފުކޮށް އެނގޭނެ. ރައްޔިތުންގެ ކުރިމައްޗަށް އިންސާފު ހޯދަން ދާންޖެހޭ ދުވަސް އަވަސް އަވަހަށް އަންނާތީ، އަމިއްލަ މަންފާއަށްޓަކައި ޕާޓީ ބަދަލުކުރުމާއި، ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ނާޖާއިޒު ކަންކަމުން މެންބަރުން ދުރުހެލިވާނެ. ސަބަބަކީ ރައްޔިތުންގެ ނުރުހުން އަމާޒުވެއްޖެނަމަ، ދެން ގޮނޑި ދިފާއު ނުކުރެވޭނެކަން އެމީހުންނަށް ރަނގަޅަށް ވިސްނޭނެތީ."

"މި ގޮތަށް ހެދުމުން ވާނެ އެންމެ ބޮޑު ފައިދާއަކީ، ވެރިކަމަށް އަންނަ ރައީސަކަށް 'ޗެކް އެންޑް ބެލެންސް' ނުވަތަ ބާރުތައް ހިފެހެއްޓުމުގެ ހަގީގީ ނިޒާމެއް ކުރިމަތިވުން،" މުއާޒު ބުންޏެވެ. "ސަރުކާރުން ފުރަތަމަ ދެ އަހަރު ކުރި މަސައްކަތް ރަނގަޅިއްޔާ، މިޑްޓާމުގައި ރައްޔިތުން ސަރުކާރު ޕާޓީއަށް ވޯޓުދީ މަޖިލީހުގެ ބާރު ދަމަހައްޓާނެ. ގޯހިއްޔާ، މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ދީ، ސަރުކާރުގެ ހުދުމުހުތާރު ވިސްނުންތަކުގައި ބެރިކޭޑު ޖެހޭނެ. މިއީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އަޅުވަން އޮތް އެންމެ ރެޑިކަލް، އަސާސީ ބަދަލު، އެކަމަކު އެންމެ ފައިދާހުރި ބަދަލު."

އާދަނާ އަނެއްކާވެސް ވާހަކައިގެ ތެރެއަށް ވަނެވެ. "އިގުތިސޯދީ ގޮތުން ބަލާއިރުވެސް މީގެ ފައިދާ ބޮޑު. ސަރުކާރުތަކުން ފަސް އަހަރުގެ ދައުރެއް ލިބުމުން، ފުރަތަމަ ތިން އަހަރު ހޭދަކުރަނީ ބޭކާރު ސިޔާސީ މަޝްރޫއުތަކުގައެވެ. ދެން ފަހު ދެ އަހަރު އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ބަޖެޓުން ބޭރުން ބޮޑެތި ހަރަދުތައް ކުރެއެވެ. މިއީ ގައުމުގެ ދަރަނި ބޮޑުވާ މައިގަނޑު ސަބަބު. ނަމަވެސް، ކޮންމެ ދެއަހަރު ބައިން އިންތިހާބެއް ކުރިމަތީގައި އޮންނަނަމަ، ސަރުކާރުން އަބަދުވެސް ޖެހޭނީ ހަރުދަނާ، ނަތީޖާ ނެރެވޭ އިގުތިސޯދީ ސިޔާސަތުތަކެއް ހިންގަން."

"އަދި މީގެ އިތުރުން، ސިޔާސީ ޕާޓީތައްވެސް އަބަދުވެސް ތިބެންޖެހޭނީ ހޭލާ. މިހާރު ރާއްޖޭގައި އިދިކޮޅު ޕާޓީތައް އޮންނަނީ ނިދާފަ. އިންތިހާބު ކައިރިވީމާ ނިކުންނަނީ. މިޑްޓާމެއް އޮންނަނަމަ، ޕާޓީތަކުން އަބަދުވެސް ރައްޔިތުންގެ މައްސަލަތަކަށް ވަކާލާތުކޮށް، ދިރާސާތައްކޮށް، ސަރުކާރުގެ ކޮރަޕްޝަންތައް ހާމަކުރަން ޖެހޭނެ،" އާދަނު ބުންޏެވެ.

ގާސިމްބެ ވިސްނާލުމަށްފަހު ބުންޏެވެ. "ތިޔަ ބުނި ގޮތުން ވިސްނާލާއިރު، ތިއީ ހަމަ ރަނގަޅު ހިޔާލެއް. އެކަމަކު ރާއްޖޭގެ ގާނޫނުއަސާސީ ބަދަލުނުކޮށް މިއީ ކުރެވޭނެ ކަމެއްތަ؟"

މުއާޒު ބޯޖަހާލިއެވެ. "އާނ، ގާސިމްބޭ. މިއީ ގާނޫނުއަސާސީއަށް ބޮޑު އިސްލާހެއް ގެނެސްގެން ނޫނީ ކުރެވޭނެ ކަމެއް ނޫން. އަހަރުމެންގެ ރިޔާސީ ނިޒާމު ފަރުމާކޮށްފައިވަނީ އެމެރިކާގެ ނިޒާމަށް ބަލައިގެން. އެކަމަކު އެމީހުންގެ ނިޒާމުން ލިބޭ އެންމެ ބޮޑު ރައްކާތެރިކަން، މިޑްޓާމް މި އޮންނަނީ އޮޅާލާފަ. އޭގެ ނަތީޖާއަކީ މިއަދު ރާއްޖެއިން މި ފެންނަ 'ޑިމޮކްރެޓިކް ޑިކްޓޭޓަރޝިޕް' ނުވަތަ އިންތިހުބުވެފައިވާ ހުދުމުހުތާރުކަން. ރައްޔިތުން ވޯޓުލާފައި ފަސް އަހަރު ވަންދެން އަޅުންގެ ގޮތުގައި ތިބެންޖެހުން."

މާރުކޭޓުގެ ގަޑިން ބާރަޖަހަން ކައިރިވަމުންދިޔައިރު، ވިޔަފާރީގެ ހަލަބޮލިކަން ކުޑަކޮށް މަޑުމައިތިރިވާން ފެށިއެވެ. ރަށްރަށުން އައި ދޯނިފަހަރުގެ މީހުން މާރުކޭޓުގައި ތަރުކާރީތައް އަތުރާލައި، ވިއްކުމުގައި އަވަދިވެއްޖެއެވެ.

ހަސަންބެ އޭނާގެ ކާށި ބަސްތާއިން ތެދުވަމުން، އާދަނާއާއި މުއާޒަށް ބަލާލިއެވެ. "މިއަދު ތިޔަ ދެކެވުނު ވާހަކައިން އަހަރެންގެ ލޯ ހުޅުވިއްޖެ. އެމެރިކާގެ އިންތިހާބުން އަހަރެމެން ދަސްކުރަންވީ ހަމައެކަނި ޓްރަމްޕާއި ނަތަންޔާހޫގެ ވާހަކައެއް ނޫން. އެމީހުންގެ ނިޒާމުގެ ހުރި ހަރުދަނާކަން. ރާއްޖޭގައި މިޑްޓާމް އިލެކްޝަނެއް ބޭއްވުމަކީ ހަމައެކަނި ސިޔާސީ ވާހަކައެއް ނޫން، އެއީ މި ގައުމުގެ ސަލާމަތްތެރިކަމާ ގުޅިފައިވާ ކަމެއް."

"އާދަނާވެއެވެ! މި ވާހަކަ ނޫހުގައި ލިޔަންވާނެ. ކުޅުދުއްފުށީ ހަފުތާ މާރުކޭޓުން ފެށުނު މި ބަހުސް، މުޅި ރާއްޖޭގެ ހަތަރުލައްކައެއްހާ ރައްޔިތުންގެ ސިކުނޑިއަށް ވާސިލްވާންޖެހޭ. ވެރިންގެ ހުދުމުހުތާރުކަން ނައްތާލައި، ރައްޔިތުންގެ ހަގީގީ ބާރު އަނބުރާ ހޯދަން މިޑްޓާމް އިލެކްޝަނަކީ މަޖުބޫރު ކަމެއް،" ހަސަންބެ އޭނާގެ ފަހު ބަސް ބުނެލިއެވެ.

މުއާޒާއި އާދަނާ ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ. ދުނިޔޭގެ ސިޔާސީ އޮއިވަރު ކިތަންމެ ބާރަށް ހިނގިޔަސް، ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމުގެ ބާރު އޮތީ ހަމަ ދިވެހި ރައްޔިތުންގެ އަތްމަތީގައެވެ. ކުޅުދުއްފުށީ ހަފުތާ މާރުކޭޓުގެ އެ ހެނދުނަކީ، ހަމައެކަނި ވިޔަފާރީގެ ހެނދުނެއް ނޫނެވެ؛ އެއީ ސިޔާސީ ހޭލުންތެރިކަމުގެ އައު ފެށުމެކެވެ.

ކޮމެންޓް