
މުހައްމަދުބެ ހަށިގަނޑު ފޮޅާލަމުން މުހައްމާއާ ދިމާލަށް ބުންޏެވެ. "މިއަދު ވިއްސާރަ ދެއްކި ގޮތުން މަސްވެރިކަމަށްވެސް މިއޮތީ ހުރަސް އެޅިފަދޯ".
މުހައްމާ ފޯނަށް ބަލަން ހުރެފައި، ނިތްކުރިއަށް ރޫގަނޑެއް އަރުވާލަމުން ބުންޏެވެ. "މުހައްމަދުބޭ އެވެ! މިހާރު އެބުނާ އިޒުރޭލުގެ އަސްލު އަސްލު ކޮބައިހެއްޔެވެ؟ އިޒުރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރާ ބިލު މަޖިލީހުން ފާސްކޮށް، ގާނޫނަކަށް ވެސް ވެއްޖެ ނޫންހެއްޔެވެ؟"
މުހައްމަދުބެ ފުން ނޭވާއެއްލަމުން، އޭނާގެ ތަޖުރިބާގެ ރާގުގައި ވާހަކަ ފެށިއެވެ. "މުހައްމާއެވެ! ތިޔައީ ހަމައެކަނި އެއް ޕާސްޕޯޓެއްގެ ވާހަކައެއް ނޫނެވެ. ބިލު ފާސްވެ ގާނޫނަކަށް ވިޔަސް، އިޒުރޭލު މީހުންނަކީ ދުނިޔޭގައި ނުފެންނަ ތާކިހާ އަޅައިގެން އުޅޭ ބައެކެވެ. އެމީހުންގެ އާބާދީގެ ބޮޑު ބަޔަކީ ހަމައެކަނި އިޒުރޭލުގެ ރައްޔިތުންނެއް ނޫނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެ ގައުމުގެ އާބާދީގެ 10 އިންސައްތައާއި 17 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުން ދެވަނަ ގައުމެއްގެ ރައްޔިތުކަން ނުވަތަ ޕާސްޕޯޓް ގެންގުޅެއެވެ. މިއީ ގާތްގަނޑަކަށް މިލިއަނަކަށްވުރެ ގިނަ މީހުންނެވެ."
މުހައްމާ ހައިރާންވެފައި އެހިއެވެ. "އެހެންވީމާ، އެ ގާނޫނު އޮތަސް އެމީހުންނަށް ރާއްޖެ އެތެރެވެވޭނެ ހެއްޔެވެ؟"
"އާނ! އެއީ ހަމަ ރޭވުމެއް،" މުހައްމަދުބެ ކިޔައިދިނެވެ. "އެމީހުންގެ އަތުގައި އެމެރިކާ، ޔޫރަޕްގެ ގައުމުތައް، ނުވަތަ ރަޝިޔާގެ ޕާސްޕޯޓް އޮވެއެވެ. އިޒުރޭލު ޕާސްޕޯޓް މަނާކުރިޔަސް، އެމީހުން އެހެން ގައުމެއްގެ ޕާސްޕޯޓް ދައްކާފައި، އެއްކަލަ ތާކިހާ އަޅައިގެން ރާއްޖެއަށް އެބަ އާދެއެވެ. އަދި އެންމެ ބޮޑަށް ސަމާލުވާންވީ ކަމަކީ، މި ތާކިހާ އަޅައިގެން ޔަހޫދީން ނޫނީވިއްޔާ އިޒުރޭލުގެ ބޮޑެތި މަހުޖަނުން ރަސްމާލެއިން ޕްރޮޕަޓީ ގަނެ އެތާގައި ދިގު މުއްދަތަކަށް އުޅުމުގެ ފުރުސަތު އޮތުމެވެ."
މުހައްމާ ވިސްނާލާފައި ބުންޏެވެ. "އެހެންވިއްޔާ، ސަރުކާރުން ކިތަންމެ ވަރަކަށް ކަށަވަރުކޮށްދީ، ވިސްނައިދޭން އުޅުނަސް ދެވަނަ ގައުމެއްގެ ރައްޔިތުކަން އޮންނަ އިޒުރޭލު މަހުޖަނުން ހުޅަނގުގެ އިންވެސްޓަރުންގެ ތާކިހާ އަޅައިގެން ތަންތަން ގަންނާނެތާ؟"
"ބާރަށް ބުނެފީމެއްނު!" މުހައްމަދުބެ ބޯޖަހާލަމުން ބުންޏެވެ. "މިއަދުގެ ސިޔާސީ ހަގީގަތަކީ އެއީއެވެ. އެމީހުން ވިޔަފާރީގެ މުއާމަލާތްތައް ހިންގާނީ އިނގިރޭސި، އެމެރިކާ ނުވަތަ ޔޫރަޕްގެ ޕާސްޕޯޓުގައެވެ. ނަތީޖާއަކީ ކޮބައިހެއްޔެވެ؟ އެމީހުން މި ގައުމުގައި އުޅޭނީ ނުފެންނަ ތާކިހާ އަޅައިގެންނެވެ. ބޭރުފުށުން ފެންނާނީ ހުޅަނގުގެ ފަތުރުވެރިއެއް ނުވަތަ އިންވެސްޓަރެއްގެ ގޮތުގައެވެ. އެކަމަކު ފޮރުވިފައި އޮންނަނީ އެނާގެ ގައުމު އިޒުރޭލުގެ މަސްލަހަތެވެ. ހަމައެކަނި ޕާސްޕޯޓު މަނާކުރުމުގެ ގާނޫނަކުން ރާއްޖޭގެ ބިމާއި އިގްތިސާދުގެ މައްޗަށް އޮތް އިޒުރޭލުގެ ނުރައްކަލެއް އެކަމަކުން ނުހުއްޓުވޭނެއެވެ. މިފަދަ ބިޔަ މަޝްރޫއުތަކުން ޕްރޮޕަޓީ ގަންނަ މީހުންގެ އަސްލު އައިޑެންޓިޓީ ބަލާނެ ހަރުދަނާ ނިޒާމެއް ނެތް ނަމަ، ރާއްޖޭގެ ސިޔާދަތަށް މީގެ ސަބަބުން ބޮޑެތި ލޮޅުންތަކެއް އަރާފާނެއެވެ."
ވާހަކަ މިހިސާބަށް ދިޔަތަނާ، ވާރޭ ތުނިކޮށްލައި، އިރުގެ އަލިކަން މަޑުމަޑުން ފާޅުވާން ފަށައިފިއެވެ.
މުހައްމަދުބެ އޭނާގެ ކޮނޑުގައި އޮތް ތުވާލި ރަނގަޅުކޮށްލަމުން ހިނިތުންވުމަކާއެކު ބުންޏެވެ. "ދެން މަދާންވީ މާރުކޭޓަށް މަސްކަނޑާށެވެ. ވާރޭ ވެސް ތުނިކޮށްލައިފިއެވެ. އެކަމަކު ހަނދާންކުރާށެވެ، ދުނިޔޭގެ ސިޔާސީ އޮއިވަރަކީ ކަނޑުގެ އޮއިވަރަށްވުރެވެސް ނުލަފާ އެއްޗެކެވެ. ވަރަށް ވިސްނައިގެން ނޫނީ މި ކަނޑުން ސަލާމަތެއް ނުވެވޭނެއެވެ."
މުހައްމާ ފޯނު ޖީބަށް ލަމުން، މުހައްމަދުބެއާއެކު މާރުކޭޓާ ދިމާއަށް ހިނގައިގަތީ، އެ ނުފެންނަ ތާކިހާ ގެ ފުރަގަހުގައިވާ ސިޔާސީ ހަގީގަތްތަކާއި ރާއްޖޭގެ ބިމުގެ މިލްކުވެރިކަމުގެ މައްޗަށް އިޒުރޭލުމީހުން އަތްގަދަކުރާނެ ގޮތާމެދު ފުންކޮށް ވިސްނަމުންނެވެ.




