
އާސިފް ހަސަނަކީ އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް (NHS) ގެ ތާރީހު ދުށް އެންމެ ކާމިޔާބު ކުޑަކުދީންގެ ކާޑިއޯތޮރަސިކް ސާޖަނެކެވެ. ނިއުކާސަލްގައި ހުންނަ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ހަސްފަތާލުކަމަށްވާ ފްރީމަން ހޮސްޕިޓަލު ގެ ކުޑަކުދީންގެ ހާޓް ސާޖަރީ ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާއެވެ. މިގޮތުގައި، ތިން ޑެކޭޑަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާ އޭނާ ވަނީ މުޅި އިންސާނިއްޔަތަށް ލާމަސީލު ނަމޫނާ ދައްކަވާފައެވެ. އާސިފް ހަސަން ރަސްމީކޮށް ހިދުމަތުން ރިޓަޔަރ ކުރެއްވީ 2026 ވަނަ އަހަރުގެ ކުރީކޮޅުއެވެ. މިގޮތުން، 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އޭނާގެ ބުރަ، އަދި އަގުނުކުރެވޭފަދަ ހިދުމަތުގެ އަގު ވަނީ ގައުމީ ފެންވަރެއްގައި ވަޒަންކޮށްފައެވެ. އަދި އިނގިރޭސިވިލާތުގެ އެންމެ ޝަރަފުވެރި އެއް އެވޯޑް، 'ޕްރައިޑް އޮފް ބްރިޓަން' ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފައެވެ.
ގޮންޖެހުންތަކާއެކު ފެށުނު ދަތުރު: ޕާކިސްތާނުން އިނގިރޭސިވިލާތަށް
އާސިފް ހަސަން އުފަންވެވަޑައިގަތީ 1956 ވަނަ އަހަރު ޕާކިސްތާނުގެ ކަރާޗީއަށެވެ. އޭނާގެ ޅަދުވަސްވަރުގެ ހަޔާތް ވޭތުކުރެއްވީ ޕާކިސްތާނުގެ ވެށީގައެވެ. ބޭސްވެރިކަމަށް ހުރި ޝައުގެއްގެ ބޮޑުކަމުން، ކަރާޗީގެ މަޝްހޫރު ޑޯ މެޑިކަލް ކޮލެޖް އިން މެޑިކަލް ޑިގްރީ ހާސިލުކުރެއްވިއެވެ؛ ނަމަވެސް، ކުޑަކުދީންގެ ހިތުގެ ނާޒުކު ބަލިތަކަށް ފަރުވާދިނުމުގެ މާލިމީއަކަށް ވުމުގެ މަތިވެރި އަޒުމުގައި، 1981 ވަނަ އަހަރު އޭނާ އިނގިރޭސިވިލާތަށް ހިޖުރަކުރެއްވިއެވެ.
ދެކުނު އޭޝިއާގެ ގައުމަކުން އިނގިރޭސިވިލާތުގެ ހަރުދަނާ މެޑިކަލް ނިޒާމުގެ ތެރެއިން ކުރިއަށް ދިއުމަކީ ފަސޭހަ ކަމެއް ނުނެވެ. ނަމަވެސް، އާސިފް ހަސަންގެ ހުރި ހިންމަތާއި މިންނެތް މަސައްކަތުން ކުޑަކުދީންގެ ކާޑިއޯތޮރަސިކް ސާޖަރީގެ ހުރިހާ މަރުހަލާއެއް ފުރިހަމަކުރެއްވިއެވެ. އަދި އުފެދުމުގައި ހިތުގެ އައިބުތައް ހުންނަ ކުދީންގެ ނުވަތަ ކޮންޖެނިޓަލް ހާޓް ޑިފެކްޓްސްގެ ހާއްސަ ސާޖަނަކަށް ވެވަޑައިގަތެވެ.
ތިއޭޓަރުގެ ރެކޯޑްތައް: އެތައް ހާސް ފުރާނައިގެ ހިމާޔަތް
އާސިފް ހަސަން ފްރީމަން ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ސާޖަނެއްގެ މަގާމާ ހަވާލުވެވަޑައިގަތީ 1995 ވަނަ އަހަރު އެވެ. އޭނާ ވެވަޑައިގަތީ އެ ހޮސްޕިޓަލުގެ އެންމެ ވަރުގަދަ ތޫނުފިލި ހަތިޔާރަށެވެ. އޭނާގެ މުޅި ކެރިއަރުގައި 4,000 އަށްވުރެ ގިނަ އޯޕަން-ހާޓް ސާޖަރީ ވަނީ ކާމިޔާބުކަމާއެކު ނިންމަވާފައެވެ. މީގެ ތެރެއިން 3,000 އަށްވުރެ ގިނަ ކޭސް އާސިފް ހަސަން ލީޑް ކުރެއްވިއެވެ؛ މީގެތެރެއިން 400 އެއްހާ އޮޕަރޭޝަނަކީ ހަމައެކަނި ކުޑަކުދީންގެ ހިތް ބަދަލުކުރުމުގެ އޮޕަރޭޝަނެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތުންވެސް އެއް ސާޖަނަކު މިހާ ގިނަ އަދަދަކަށް ކުޑަކުދީންގެ ހިތް ބަދަލުކުރި މަދު ރެކޯޑްތަކުގެ ތެރެއިން ރެކޯޑެކެވެ.
އުދަރެސް ބަދަލުކޮށްލި ތާރީހީ އީޖާދުތައް
އާސިފް ހަސަން ބޭސްވެރިކަމުގެ ދުނިޔެއަށް ދޫކުރެއްވި އެންމެ އަގުބޮޑު ހަދިޔާއަކީ، އޭނާ އަމިއްލައަށް އީޖާދުކުރައްވާ އަދި ތައާރަފްކުރެއްވި ހަކީމީ ބޭސްވެރިކަމުގެ ސައިންޓިފިކް އުކުޅުތަކެވެ. މިއީ މިއަދުވެސް އެތައް ހާސް ކުދީންނެއްގެ ފުރާނަ ސަލާމަތްކުރުމުގައި ބޭނުންކުރާ މައިގަނޑު އަސާސްތަކެވެ. މިގޮތުން،
• ބޫޓްލޭސް ކްލޯޝާ ޓެކްނިކް:(Bootlace Closure Technique) ޒަމާނުއްސުރެ ކުޑަކުދީންގެ ހާޓް ސާޖަރީގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ، ހިތް ހަދިޔާކުރާ މީހާގެ ނުވަތަ ޑޯނާގެ ހިތް، ހިތް ބޭނުންވާ ކުޑަކުއްޖާގެ ހަށިގަނޑަށްވުރެ ބޮޑުވުމެވެ. މިގޮތަށް ދިމާވުމުން އޮޕަރޭޝަނަށްފަހު މޭކަށިގަނޑު އެއްކޮށް ލައްޕާލުމަކީ ހިތަށް ފިއްތުންތައް އައިސް ކުއްޖާ މަރުވާ ކަމެކެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އާސިފް ހަސަން އީޖާދުކުރެއްވި 'ބޫޓްލޭސް ކްލޯޝާ' އަކީ ކަރަންޓު ނުވަތަ ހާއްސަ ވާގަނޑެއް ބޭނުންކޮށްގެން، މޭކަށިގަނޑު އެއްކޮށް ނުލައްޕައި، މަޑުމަޑުން ދޫކޮށްލާފައި ބޭއްވުމެވެ. އަދި ހިތް ކުއްޖާގެ ހަށިގަނޑަށް ހޭނުމުން މޭ ލައްޕާލާ އުކުޅެކެވެ. މިއާއެކު، ބޮޑެތި ހިތްތައްވެސް ކުޑަކުދީންގެ ގަޔަށް ލެއްވުމުގެ މަސައްކަތަށް ބޮޑު އިންގިލާބެއް ގެނުވިއެވެ.
• ބާލިން ހާޓް ޔޫކޭއަށް ތައާރަފްކުރުން: މިކަން ތައާރަފުކުމުގެ ކުރީން ހިތް ފޭލިވުމުގެ އެންމެ ފަހު މަރުހަލާގައި ތިބޭ ކުދީން، ހިތް ބަދަލުކުރާނެ ހިތެއް ލިބެންދެން ދިރިތިބުން އޮތީ މުސްތަހީލު ކަމަކަށް ވެފައެވެ. އާސިފް ހަސަން ވަނީ ހަށިގަނޑުން ބޭރުގައި ލޭ ދައުރުކޮށްދޭ މެކޭނިކަލް ހާޓް ޕަންޕު، 'ބާލިން ހާޓް' ޔޫކޭއަށް ތައާރަފު ކުރައްވާފައެވެ. އަދި 'ބްރިޖް ޓު ޓްރާންސްޕްލާންޓް' ޕްރޮގްރާމް ފަށްޓަވާފައެވެ. މިއީ ހިތެއް ލިބެންދެން މަސްތަކެއް ނުވަތަ އަހަރުތަކެއް ވަންދެން ކުދީން ދިރިތިބުމަށް ލިބުނު މުއުޖިޒާތެއްފަދަ ކަމަކަށްވިއެވެ.
ބިރެއްނެތް އަޒުމާއި، ގާނޫނު ބަދަލުކުރުމަށް މަޖުބޫރުވި ކޭސް
ސިއްހީ މުޖުތަމައުގައި އާސިފް ހަސަން މަޝްހޫރުވެފައިވަނީ ' ދުވަހަކުވެސް އޮޕަރޭޝަނަކަށް ނޫނެކޭ ނުބުނާ' ނުވަތަ ނެވަރ ސެއިން ނޯ ސާޖަނެއްގެ ގޮތުގައެވެ. އެހެންކަމުން، އިނގިރޭސިވިލާތުގެ އެހެން ހޮސްޕިޓަލްތަކުން މިއީ ސަލާމަތްކުރެވޭނެ ކުއްޖެއް ނޫންކަމަށް ކަނޑައަޅައި، ދޫކޮށްލާ އެންމެ ނާޒުކު ކޭސްތަކާ އާސިފް ހަސަން ހަވާލުވަނީ ހިތްވަރާއެކުގައެވެ. ބައެއް ފަހަރު އޮޕަރޭޝަނަށްފަހު ކުއްޖާގެ ހާލަތު ޖަޖުކުރުމަށްޓަކައި ވިދިވިދިގެން 36 ގަޑިއިރު ނިދި ގުރުބާންކޮށް ހޮސްޕިޓަލުގައި ހޭދކުރައްވާފައިވެއެވެ.
އާސިފް ހަސަން ކުރެއްވި އޮޕަރޭޝަންތަކުގެ ތެރެއިން މެކްސް ޖޯންސަން (Max Johnson) ގެ ކޭހަކީ މުޅި އިނގިރޭސިވިލާތުގެ ތާރީހު ބަދަލުކޮށްލި ކޭހެކެވެ. މެކްސްގެ ފުރާނަ ސަލާމަތްކުރުމަށް އާސިފް ކުރެއްވި ހިތްވަރާއި، އެކަމުގެ ސަބަބުން އުފެދުނު މީޑިއާ ކެމްޕޭނުގެ ސަބަބުން އިނގިރޭސިވިލާތުގެ އޯގަން ޑޯނާ ގާނޫނު އިސްލާހުކުރަން މަޖުބޫރުވިއެވެ. މި ގޮތުން އެންމެންނަކީވެސް އަމިއްލައަށް ދެކޮޅު ނުހަދާހާ ހިނދަކު އޭނާގެ ގުނަވަން ހަދިޔާކުރުން ހުއްދަވެގެންވާ މީހެއްގެ ގޮތުގައި ގާނޫނުގައި ލާޒިމްކުރާ ގޮތަށް ގާނޫނަށް ބަދަލުގެނައެވެ. މީގެ އިތުރުން، އުމުރުން އެންމެ 16 ހަފްތާގައި އުއްމީދު ކަނޑާލާފައިވަނިކޮށް އޮޕަރޭޝަން ކުރި ސެބް ހޮލިންގްސްވޯތު މިއަދު ދިރި، ދުނިޔޭގައި އުޅެމުންދަނީ އާސިފްގެ ޖާދޫވީ އަތްޕުޅުގެ ސަބަބުންނެވެ.
އިންސާނީ ހިދުމަތާއި އައު ޖީލެއް ބިނާކުރުން
އާސިފް ހަސަނަކީ ހަމައެކަނި ތިއޭޓަރުގެ ތެރޭގައި އޮޕަރޭޝަން ކުރެއްވި ބޭފުޅެއް ނޫނެވެ. އޭނާއަކީ ދުނިޔޭގެ ފެންވަރުގެ މުދައްރިސެކެވެ. މިއަދު ޔޫކޭއާއި ބައިނަލްއަގުވާމީ ދުނިޔޭގައި ހަރަކާތްތެރިވާ ކުޑަކުދީންގެ ހިތުގެ ގިނަ ސާޖަނުންނަކީ އޭނާގެ އަތްދަށުން ތަމްރީނުވެ، ހުނަރު ލިބިގަތް ބޭފުޅުންނެވެ.
އާސިފް ހަސަންގެ އިންސާނީ ހިދުމަތުގެ ސަފުހާތައް ފެތުރިފައިވަނީ ފަގީރު ގައުމުތަކަށެވެ. އަމިއްލަ އަހަރީ ޗުއްޓީ ލިބުމާއެކު އޭނާގެ ދަތުރުކުރުތަކުގެ މަންޒިލަކަށްވަނީ ޕާކިސްތާނު ފަދަ ސިއްހީ ނިޒާމު ބަލިކަށި ގައުމުތަކެވެ. އެފަދަ ގައުމުތަކުގައި މެޑިކަލް ކޭމްޕްތައް ހިލޭ ސާބަހަށް ކުރިއަށް ގެންދަވައެވެ. އަދި ފަގީރު އާއިލާތަކުގެ ކުދީންގެ ހިތުގެ ބޮޑެތި އޮޕަރޭޝަންތައް ކޮށްދެއްވައެވެ. މިއާއެކު އެ ގައުމުތަކުގެ ލޯކަލް ޑޮކްޓަރުންނަށް ހިތް ބަދަލުކުރުމުގެ ޒަމާނީ އުކުޅުތައް ދަސްކޮށްދެއްވިއެވެ.
'ސާޖަނުންގެ ކަލާނގެ': ޝަރަފާއި ވަދާއު
އާސިފް ހަސަންގެ ހިތްތިރިކަމާއި، އޯގާތެރިކަމާއި، އާދަޔާހިލާފު ހުނަރުގެ ސަބަބުން، ބަލިމީހުންގެ އާއިލާތަކުން އޭނާއަށް ދީފައިވާ ލަގަބަކީ 'ސާޖަނުންގެ ކަލާނގެ(God of the Surgeons) ' އެވެ. އެއީ އިންސާނަކަށް ކުރެވޭނެ އެންމެ މަތީ ފަންތީގެ މަސައްކަތް އޭނާ ދައްކުވައިދީފައިވާތީއެވެ.
އާސިފް ހަސަންގެ ކެރިއަރުގެ އެންމެ އަސަރުގަދަ ވަގުތުކޮޅު ފެނިގެންދިޔައީ 2026 ގެ ޕްރައިޑް އޮފް ބްރިޓަން އެވޯޑްސްގެ ސްޓޭޖްމަތިންނެވެ. އޭނާގެ އޮޕަރަެޗަނުގެ ސަބަބުން ފުރާނަ ސަލާމަތްވި އެކި އުމުރުފުރާގެ 19 ކުދީން ކުއްލިގޮތަކަށް ސްޓޭޖަށް އެރިއެވެ. އަދި އެކުދީން އާސިފް ހަސަނަށް 'ޝުކުރު' އަދާކުރި ހިނދަކީ މުޅި އިނގިރޭސިވިލާތް ކަރުނުން ރޮއްވާލި ހިނދުކޮޅެކެވެ. ޑޮކްޓަރ އާސިފް ހަސަނަކީކީ މުޅި އިސްލާމީ އުއްމަތަށާއި، ބޭސްވެރިކަމުގެ ދުނިޔެއަށް ދުވަހަކުވެސް ފަނޑުވުމެއް ނެތް އިލްމީ އަދި އިންސާނީ ރަމްޒެކެވެ.




