ޑރ.އަހުމަދު ޖަމްޝީދު މުހައްމަދު.--
ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑައިރެކްޓަރަކަށް ރާއްޖެއިން ޑރ.ޖަމްޝީދު ނޮމިނޭޓްކޮށްފި
މަރްޔަމް މުޙައްމަދު 18 ނޮވެމްބަރ 2026 (ބުދަ)   15:06
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް ރާއްޖޭގެ ފަރާތުން ކުރީގެ ހެލްތު މިނިސްޓަރު ޑރ.އަހުމަދު ޖަމްޝީދު މުހައްމަދުގެ ނަން ހުށަހަޅައިފި އެވެ.

އެ މަގާމަށް ނަން ހުށަހެޅުމުގެ މުއްދަތު މި މަހުގެ 13 ވަނަ ދުވަހު ހަމަވިއިރު، ރާއްޖޭގެ އިތުރުން ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުން ވެސް ވަނީ ކެންޑިޑޭޓުން ހުށަހަޅައިފަ އެވެ.

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 10 ގައުމު ހިމެނޭ ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރުކަމަށް ދެން ކުރިމަތިލައްވާފައިވާ ބޭފުޅުންނަކީ ބޫޓާންގެ ކުރީގެ ބޮޑުވަޒީރު އަދި ކުރީގެ ހެލްތު މިނިސްޓަރު ސަންގޭ ނެޑުޕް އާއި ނޭޕާލްގެ ބޮޑުވަޒީރުގެ އޮފީހުގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. ސަންގީތާ މިޝްރާސްރީ އާއި ސްރީ ލަންކާގެ ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޑރ. އަނިލް ޖަސިންހޭ އެވެ.

ޑރ. ޖަމްޝީދަކީ ސިއްހީ ދާއިރާ އާއި ބައިނަލްއަގުވާމީ ސިއްހީ ޑިޕްލޮމެސީގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ މަސައްކަތް ކުރައްވާފައިވާ ތަޖުުރިބާކާރު ބޭފުޅެކެވެ.

އޭނާ މިހާރު ހުންނެވީ ބަންގްލަދޭޝްއަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ މަގާމުގަ އެވެ. އެ މަގާމާ އޭނާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 2024 ގައެވެ.

ޑަބްލިއުއެޗްއޯގައި ހޭދަކުރެއްވި 12 އަހަރުގެ ތެރޭގައި ޑރ. ޖަމްޝީދު ވަނީ ނޯތު ކޮރެއާގައި ހުންނަވާ މަންދޫބުގެ މަގާމާއި ބަންގްލަދޭޝްގައި ހުންނަވާ މަންދޫބުގެ ނައިބުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. ޑަބްލިއުއެޗްއޯ ސީރޯގެ ރީޖަނަލް އެޑްވައިޒަރެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.

ޑަބްލިއުއެޗްއޯގެ މަގާމަކަށް ވަޑައިގެންނެވުމުގެ ކުރިން 2012 އިން 2013 އަށް ޑރ. ޖަމްޝީދު ވަނީ ރާއްޖޭގެ ހެލްތު މިނިސްޓަރުކަން ކުރައްވައިފަ އެވެ. އޭގެ ކުރިން، ސެންޓަ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލްގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ އާންމު ސިއްހަތުގެ ނިޒާމު ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި އެވެ.

މި މަގާމަށް ބޭފުޅަކު ހޮވުމުގެ މަރުޙަލާތައް ކުރިއަށްދާނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ. އެގޮތުން، ޖެނުއަރީ މަހު ބާއްވާ ރީޖަނަލް ކޮމިޓީގެ ބައްދަލުވުމުގައި ބޭފުޅަކު ނޮމިނޭޓްކުރުމަށްފަހު، ރަސްމީކޮށް މި މަޤާމަށް ބޭފުޅަކު ޢައްޔަންކުރާނީ 25 ޖެނުއަރީން 2 ފެބްރުއަރީއަށް ސްވިޒަލަންޑުގެ ޖެނީވާގައި ބާއްވާ ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ 160 ވަނަ ބައްދަލުވުމުގައެވެ.

ޑަބްލިއުއެޗްއޯގެ ސައުތު އީސްޓް އޭޝިއާ ރީޖަން (ސިއާރޯ) އަކީ ދުނިޔޭގެ އާބާދީގެ ބޮޑު ބައެއް ހިމެނޭ އަދި ސިއްހީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ މުހިންމު ސަރަހައްދެކެވެ. މި ސަރަޙައްދުގެ އިސްވެރިޔާ ނުވަތަ ރީޖަނަލް ޑިރެކްޓަރަކީ މެންބަރު ގައުމުތަކުގެ ސިއްޙީ ސިޔާސަތުތައް އެކަށައެޅުމުގައާއި ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ ފަރާތެވެ.

ކޮމެންޓް