އަހުމަދު އާދަމްގެ އޮޓޯބަޔޯގްރަފީ: މި ފޮތް ދިވެހި ބަހުގެ އިތުރުން އިނގިރޭސި ބަހުންވެސް ނެރެފައިވޭ.--
ހިކަރީ އަހުމަދު އާދަމްގެ އޮޓޯބަޔޯގްރަފީ ނެރެފި
15 ނޮވެމްބަރ 2026 (އާދީއްތަ)   23:08
ދިވެހިރާއްޖޭގެ ފުރަތަމަ މެރިން އިންޖިނިއަރު، އަދި ރާއްޖޭގެ ތަރައްގީ އަށް މިދިޔަ ގަރުނުގައި އަގުހުރި، ތާރީހީ ޚިދުމަތްތަކެއް ކުރައްވާފައިވާ ހ.ހިކަރީ އަހުމަދު އާދަމް ގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ އޮޓޯބަޔޯގްރަފީ ނެރެފި އެވެ.

މި ފޮތަށް ދީފައިވާ ނަމަކީ "މެނޭޖަރު" އެވެ. އެއީ 1960ގެ އަހަރުތަކުގައި އޭރުގެ އިލެކްޓްރިކް ޑިޕާޓްމަންޓުގެ މެނޭޖަރުކަން އަހުމަދު އާދަމް ކުރެއްވިއިރުއްސުރެ ފެށިގެން ގިނަ ބަޔަކު އޭނާއާ މުހާތަބުކުރާ ނަމެވެ.

އަހުމަދު އާދަމްގެ ގޭގައި އިއްޔެ ބޭއްވި ކުޑަ ހަފުލާއެއްގައި މި ފޮތް ނެރެދެއްވީ ރައީސް މައުމޫންގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަން ކުރެއްވި އަބްދުﷲ ކަމާލުއްދީނެވެ.

އަހުމަދު އާދަމަކީ މުހައްމަދު އަމީން ދީދީގެ ދައުރުގައި ރާއްޖޭގެ ރަށްރަށުން ކުދިން މާލެ ގެންނަވައި ކިޔަވައިދެއްވަން ހިންގެވި މަޝްރޫއުގެ ދަށުން ދ. މާއެނބޫދޫ އިން ގެންނެވި ކުއްޖާ އެވެ.

މަޖީދިއްޔާ އިން ކިޔަވާވިދާޅުވުމަށް ފަހު ދެން ވަޑައިގެންނެވީ ސްރީ ލަންކާށެވެ. އެނބުރި ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ސަރުކާރުގެ އާގުބޯޓު "މޯލްޑިވްސް ސްޓާ" ގެ ޖޫނިއާ އިންޖިނޭރަކަށެވެ. އޭގެ ފަހުން އެ ރޮނގުން އިނގިރޭސި ވިލާތުން މަތީ ތައުލީމު ހާސިލްކުރެއްވި އެވެ.

އަހުމަދު އާދަމް އަކީ ރާއްޖޭގައި ޝަރުތު ހަމަވި ފުރަތަމަ ދިވެހި މެރިން އިންޖިނިއަރެވެ. އޭނާ ވަނީ މާލޭ އިންޖީނުގޭގެ މެނޭޖަރުކަން ކުރައްވައި، މާލޭގެ މަގުމަތީ ކަރަންޓު ނަރުތައް ޒަމާނީ ކުރުމުގެ މަސައްކަތުގައި އިސް މޭސްތިރިއެއްގެ ދައުރު އަދާކުރައްވާފަ އެވެ. މީގެ އިތުރުން، ވީޓީސީގެ ބާނީއަކީ ވެސް އަދި ޓީވީ މޯލްޑިވްސްގެ އެންޓަނާ ބެހެއްޓުމުގެ މަސައްކަތުގެ ސަރުދާރަކީ ވެސް އޭނާ އެވެ.

ރާއްޖޭގެ މަސްވެރިކަމާއި ދަތުރުފަތުރުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގައި އަހުމަދު އާދަމްގެ ހިއްސާ ނުހަނު ބޮޑެވެ. އެގޮތުން ދިވެހި މަސްދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަޝްރޫއު ރޭއްވެވުމާއި، ހިންގެވުމުގައި އޭނާ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެވެ.

ފަތުރުވެރިކަމާއި ކަނޑުފަޅުގެ މަސައްކަތްތަކަށް ބަލާއިރު، ރާއްޖޭގައި ރިޒޯޓު އިމާރާތް ކުރުމުގެ އާރުކާޓީއެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި އަހުމަދު އާދަމް އަކީ ބަނޑޮސް ރިސޯޓުގެ ފުރަތަމަ މެނޭޖަރެވެ.

އޭނާ ވަނީ އިނގިރޭސިންގެ ޒަމާނުގައި މާލެއާއި ހުޅުލެއާ ދެމެދު ކަނޑުއަޑީގައި އަޅާފައި އޮތް ކޭބަލަކަށް މައްސަލަ ދިމާވުމުން، ސްކޫބާ ޑައިވިންގެ ފަސޭހަކަން ނެތް އެ ދުވަސްވަރު އެންމެ އިހުގެ ޑައިވިން ހެލްމެޓެއް އަޅުއްވައިގެން ފްރީ ޑައިވެއް ވެސް ކުރައްވައިފަ އެވެ.

މީގެ އިތުރުން، ޅ. ދިއްފުށިމާދޫ ފަރަށް އެރި "ސިޓީ އޮފް ވިކްޓޯރިއާ" އާގުބޯޓު ފުންކުރުމަށް ކުރި ބުރަ މަސައްކަތް ވެސް ފާހަގަކުރެވެ އެވެ. ހުޅުލޭގައި ތާރުއަޅަން ތާރުފީފާތައް ބަރުކޮށްގެން އައި އެ ބޯޓު ފުންކުރަން މަހެއްހާ ދުވަހު ކުރި މަސައްކަތް އިނގިރޭސި ވިލާތުގެ ނޫސްތަކުން ވެސް ފާހަގަކުރި އެވެ.

އަހުމަދު އާދަމަކީ އެމްޓީސީސީގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރު ވެސް މެއެވެ. އޭނާ ވަނީ އެތަނުގައި ހުންނަވައިގެން، އިންޖީނު މަރާމަތުކުރަން އަތޮޅުތެރޭގައި ޔަންމާ ސެންޓަރުތައް ގާއިމްކުރައްވައިފަ އެވެ. އަދި ދޯނިފަހަރާއި ބޯޓުފަހަރު އެރުވުމާއި، ބޭލުމާއި، މަރާމާތުކުރުމުގެ މަސައްކަތަށް ކ. ގުޅީގައި ސްލިޕްވޭއެއް ހެއްދެވި އެވެ. މީގެ އިތުރުން ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު (ވީޓީސީ) ހުޅުވައި، އޭރު މަގުމައްޗަށް ގިނަވެފައި ތިބި ކުދިން ގެންގޮސް ތަމްރީނުދީ، ގާބިލު އިންޖިނޭރުންތަކެއް ބިނާކުރެއްވިއެވެ.

ރާއްޖޭގެ ތާރީޚު ދުށް އެންމެ ކާމިޔާބު އަދި އެންމެ މަޝްހޫރު އެއް އިންޖިނިއަރުގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަންނަ އަހުމަދު އާދަމް އަކީ، ގައުމުގެ ޒަމާނީ އުމްރާނީ ތަރައްގީގައި އަގުނުކުރެވޭ ފަދަ ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

އަހުމަދު އާދަމްގެ ހިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން 2019 ވަނަ އަހަރު ވަނީ އޭނާ އަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު (ނ.ޢ.ޢ.ވ) އަރުވައިފަ އެވެ. މީގެ އިތުރުން އާއްމު ހިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމާއި، މިނިވަން 25 ގެ އިނާމު ވެސް ދިނެވެ.

އަހުމަދު އާދަމްގެ މި ބަޔޮގްރަފީ ފޮތަކީ ގައުމީ ހިދުމަތުގައި އޭނާ ކުރެއްވި މިފަދަ އަގުހުރި މަސައްކަތްޕުޅުތަކުގެ ތަފްސީލު އަންނަން އޮތް ޖީލުތަކަށް ގެނެސްދޭނެ މުހިންމު ތާރީޚީ ފޮތެކެވެ.

މި ފޮތް ތައްޔާރުކުރެއްވި ޓީމުގައި އަހުމަދު އާދަމްގެ އިތުރުން ހިމެނިވަޑައިގަންނަވަނީ އެންޑީ އަބްދުލްއަޒީޒު އާއި ބިންމާ އިބްރާހިމް ވަހީދު އާއި މުހައްމަދު ޝިޔާޒް އަދި ސަލްމާ ފިކުރީ އެވެ.

މި ފޮތް ދިވެހި ބަހުންނާއި، އިނގިރޭސި ބަހުން ދެ އެޑިޝަނެއްގެ ގޮތުގައި ނެރެފައިވާއިރު، މި ފޮތް ދޫކުރަނީ ހިލޭ އެވެ. ފޮތް ލިބެން ހުންނާނީ ދިލްބަހާރު ގޯޅީގައި ހުންނަ އޮންހޭންޑް ފިހާރައިންނެވެ.

ކޮމެންޓް