
މިއަދު ހެނދުނު 8:00 ހާއިރު ރޯވި އަލިފާންގަނޑުގެ 90 ޕަސެންޓް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވާއިރު، އެ ހާދިސާގެ ސަބަބުން ޕެޓްރޯލް ޝެޑާ ޖެހިގެން ހުރި ފަސް ގުދަނަކާއި ހަތަރު ގެއެއް ހުރިއިރު، އޭގެ ތެރެއިން ތިން ގުދަނުގަ އާއި އެއް ގެއެއްގައި އަލިފާން ރޯވިއެވެ.
ޕެޓްރޯލް ޝެޑުގެ އިތުރުން އަލިފާން ރޯވި ތިން ގުދަން ވަރަށް ބޮޑަށް ހަލާކުވެފައެވެ. ކައިރީ ހުރި ގެއެއްގެ ފުރާޅުގައި ރޯވި އަލިފާން ނިއްވާލިއިރު އެގެއާއި އެ ސަރަހައްދުގައިހުރި ގިނަ ގެތަކަކަށް ވަނީ އަލިފާނުގެ އަސަރުކޮށް އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން އެކި ވަރުގެ އަނިޔާތަށް ލިބިގެން 16 ވަރަކަށް މީހުންނަށް އެ ރަށު ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހަތަރު އަންހެންނާއި 12 ފިރިހެނުން ހިމެނެއެވެ.
ހޮސްޕިޓަލުން މައުލޫމާތު ދީފައިވާގޮތުގައި ފިހިގެން ހަ މީހަކާއި ދުމުގެ އަސަރުކޮށްގެން ވެސް ހަ މީހަކު އަދި ހޭނެތިގެން ހަތަރު މީހަކު ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ. އަދި އަލިފާން ނިއްވަން އުޅުނު އެއާޕޯޓުގެ ދެ ފަޔަ ފައިޓަރުންނަށް ވެސް ދުމުގެ އަސަރުކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
"ފިހުނު މީހުންނަކީ ދުރުގައި ތިބި މީހުން. ޓޭންކު ގޮވި ގަޑީގައި 200 ވަރަކަށް ފޫޓަށް އެއްޗެހިތައް ބުރައިގެން ދިޔަ ކަމަށް ވަނީ. އޭރު އަސަރު ކުރި މީހުން އެއީ،" ހޮސްޕިޓަލުން މީޑިއާއަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް ޒަހަމެއް ނުލިބޭކަންވެސް އޭނާ ފާހަގަ ކުރިއެވެ.
ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ރަށުގެ ރައްޔިތުން ދަނީ ކުރަމުންނެވެ. އޭގެއިތުރުން އެ ރަށު އެއާޕޯޓުގައި އޮޕަރޭޓްކުރާ ފަޔާ ލޮރީވެސް އަލިފާން ނިއްވުމަށް ދަނީ ބޭނުން ކުރަމުންނެވެ.
ގާތްގަނޑަކަށް 3،500 އެއްހާ މީހުން ދިރިއުޅޭ ފުނަދޫ ފަތްމިނި ޕެޓްރޯލް ޝެޑް ހުންނަނީ ބަނދަރު ސަރަހައްދުގަ އެވެ. މީހުން ދިރިއުޅޭ ގެތަކާއި ގުދަންތައް ހުންނަނީ ޝެޑާ ގާތްގަނޑަކަށް 60 ފޫޓް ދުރުގަ އެވެ.
ފުނަދޫގައި އޮޕަރޭޓްކުރާ ހަމައެކަނި ޕެޓްރޯލް ޝެޑް އަނދައި ހުލިވުމުން ފުނަދޫ ވަނީ ޕެޓްރޯލަށް ޖެހިފަ އެވެ. އެ ރަށުގައި ގިނަ އަދަދެއްގެ އެއްގަމުގައި ދުއްވާ ވެހިކަލާއި ތިން މަސް ދޯނީގެ އިތުރުން އެހެނިހެން 50 ވަރަކަށް ކަނޑު އުޅަނދު އޮޕަރޭޓްކުރެއެވެ. ޕެޓްރޯލް ލިބޭނެ ގޮތްތައް ސަރުކާރާ މަޝްވަރާކޮށްގެން ބަލަމުންދާ ކަމަށް ކައުންސިލްގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދީފައި ވެއެވެ.




