ށ.ފުނަދޫގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ.-- ފޮޓޯ: އެމްއެންޑީއެފް
ފުނަދޫ އަލިފާނުގެ ހާދިސާ: 11 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ސީން ޕްރޮސެސްކޮށް ތަހުގީގުގައި އެހީތެރިވުމަށް ފުލުހުންގެ ހާއްސަ ޓީމެއް ފުނަދޫއަށް
ފިޔެސް 26 އޮކްޓޯބަރ 2026 (ހޯމަ)   06:33
ށ. ފުނަދޫގައި އިއްޔެ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ގެއްލުންވި ގެއެއްގައި ދިރިއުޅޭ 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނީ ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އެއް ގެއެއްގައި ދިރިއުޅޭ 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ފަސް ދުވަހުގެ މުއްދަތަށް އެ އޮތޯރިޓީން ހަމަޖައްސާދީފައިވާ ކަމަށެވެ.

ފުނަދޫ ބަނދަރު ސަރަހައްދުގައި މީހަކު ހިންގާ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވީ އިއްޔެ ހެނދުނު 8:30 ހާއިރެވެ. އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ މެންދުރު 12:00 ހާއިރެވެ.

އާންމުން ވެސް ދިރިއުޅޭ ސަރަހައްދުގައި ހުރި ފުނަދޫގެ ހަމައެކަނި ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރީ އެމްއެންޑީއެފާއި ފުލުހުންނާއި ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓު އަދި ޖޭ ޑަބްލިޔު މެރިއޮޓްގެ ފަޔާ އެންޑް ރެސްކިޔު ޓީމުތަކުގެ އިތުރުން އާންމުން ގުޅިގެން ކުރި މަސައްކަތުންނެވެ.

އެ ހާދިސާއާ ގުޅޭގޮތުން ފުލުހުން ރޭ ދިން މައުލޫމާތުގައި ބުނީ، ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ފެތުރި، އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށާއި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް އަލިފާން ފެތުރި އެތަންތަން ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ޖުމްލަ 18 މީހަކަށް އަނިޔާވެގެންނާއި ސިއްހީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އޭގެ ތެރޭގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔަރފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނެއެވެ. އަދި އަނެއް 16 މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުންނެވެ.

މި ހާދިސާ ހިނގި ސަރަހައްދު މިހާރު ވަނީ ކޯޑަންކޮށް ބަންދުކޮށްފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ސީން ޕްރޮސެސްކޮށް ތަހުގީގުގައި އެހީތެރިވުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ގެ ހާއްސަ ޓީމެއް ފުނަދޫއަށް މިއަދު ހެނދުނު ދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް