ރައީސް ޑރ.މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އެކްސްޕޯ 2026 އިފްތިތާހުކޮށްދެއްވަނީ.--
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ހުޅުވައިފި
މައުރަޒު ކުރިއަށްދާނީ ނޮވެމްބަރު 2 ގެ ނިޔަލަށް، ހުޅުމާލޭ ސެންޓްރަލް ޕާކްގައި
25 އޮކްޓޯބަރ 2026 (އާދީއްތަ)   23:34
ދިވެހީންގެ އީޖާދީ ފަންނުވެރިކަމާއި އުފެއްދުންތެރިކަން ހިމެނޭހެން، ގިނަ އުފެއްދުންތަކެއް އެއް ތަނަކުން ފެންނާނެ، "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ނުވަތަ "މޯލްޑިވްސް އެކްސްޕޯ 2026" ހުޅުވައިފި އެވެ.

މިކަމަށް ޚާއްޞަކޮށްގެން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މައުރަޒު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގަތެވެ.

މައުރަޒު ހުޅުއްވައިދެއްވުމަށްފަހު ރައީސް ދެކަނބަލުން ވަނީ މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، ބައިވެރިންނާ ބައްދަލުކުރައްވާފައެވެ. ރައީސްގެ ދެކަނބަލުންގެ އަރިހުގައި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި އެހެނިހެން ވަޒީރުންވެސް ބައިވެރިވެވަޑައިގަތެވެ.

މިދިޔަ އަހަރު މި މައުރަޒުގައި 240 ފަރާތަކުން ބައިވެރިވި ނަމަވެސް، މިއަހަރު އެ އަދަދު 430 އަށް ވަނީ އިތުރުވެފައެވެ. މައުރަޒުގައި ބައިވެރިކުރި އުފެއްދުންތަކުގެ އަދަދު 4،400 އަށްވުރެ މައްޗަށް އަރާއިރު، މައުރަޒު ބަހާލެވިފައިވާ ޑިސްޓްރިކްޓްތަކުގެ އަދަދުވެސް މިދިޔަ އަހަރާ އަޅާބަލާއިރު، 5 އިން 7 އަށް ވަނީ އިތުރުކޮށްފައެވެ. 

މިއަހަރު މައުރަޒުގައި އަލަށް ގާއިމުކޮށްފައިވާ ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުޅުވިފައިވާ ފަހި ފުރުސަތެކެވެ. މިއަހަރު އަލަށް ގާއިމުކުރެވުނު އިންޓަނޭޝަނަލް ޑިސްޓްރިކްޓުގައި މިވަގުތު ދިވެހިރާއްޖެއިން މިނިވަން ވިޔަފާރީގެ އަދި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް ގާއިމުކޮށްފައިވާ އަދި ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ގައުމުތަކުގެ ޓެކްނިކަލް އުފެއްދުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މުޅި ސެންޓްރަލް ޕާކު އެއްކޮށް މައުރަޒަށް ޚާއްޞަކޮށްގެން މިއަހަރު ބާއްވާ "މޯލްޑިވްސް އެކްސްޕޯ 2026" ކުރިއަށްގެންދާނީ މިރެއިން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. މައުރަޒު ކޮންމެ ދުވަހަކުވެސް ހަވީރު 16:00 ރޭގަނޑު 23:00 އާއި ހަމަށް އާންމުންނަށް ހުޅުވިފައި ހުންނާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމުކުރާ މިއަހަރުގެ މައުރަޒު ކުރިއަށްދަނީ "ފިއުޗަރ މޯލްޑިވްސް – އިނޮވޭޝަން، ކްރިއޭޓިވިޓީ އެންޑް ގްލޯބަލް ކަނެކްޝަންސް" މި ޝިޢާރުގެ ދަށުންނެވެ.

ކޮމެންޓް