
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އެވެ. މައްސަލަ ހުށަހަޅުއްވަމުން މަޓޭ ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ހަރަދު ކުޑަކުރަން ރައްޔިތުންނަށް ދަތިވާ ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައި ވެރިންގެ މުސާރަ ބޮޑުކުރުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވިއެވެ.
މިކަމާގުޅޭގޮތުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ރިޔާސަތުގައި އިންނަވާ ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލައަކީ އެ މަޖިލީހުގައި ކުރިއަށް އޮތް ތަނުގައި ބަހުސްކުރަން ނުޖެހޭ ކަމަކަށް ވާންޖެހޭ ކަމަށެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީން ނިންމާފައިވަނީ މަޖިލީހުގެ ރައީސަށް އިތުރު އެލަވެންސަކާއެކު މަހަކު 95،000 ރުފިޔާ އަދި ވަޒީރުންނަށް ޑްރައިވާސް އެލަވެންސް ބޮޑުކޮށް 75،000 ރުފިޔާ ދިނުމަށެވެ.
އަދި ވަޒީރުންނަށް ޑްރައިވާސް އެލަވެންސްގެ ގޮތުގައި ލިބޭ އަދަދު 17،000ރ. އަށް ބޮޑުކުރުމަށް ވެސް އެ ކޮމެޓީން ނިންމިއެވެ. އެ ބައްދަލާއެކު ސަރުކާރު މިނިސްޓަރުންގެ މުސާރަ އާއި އިނާޔަތްތަކާއެކު 75،000ރ. ލިބޭނެ އެވެ.
މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނަމަވެސް، އެ ނިންމުން ފާސްކުރަން ޖެހޭނީ މަޖިލީހުގެ ތަޅުމުންނެވެ. އެހެންކަމުން، އެ ކަމާ ބެހޭގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރާނެ އެވެ.




