އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްޣަނީ މުޙައްމަދު.-- ފޮޓޯ: ސްޕްރީމް ކޯޓް
އުއްތަމަ ފަނޑިޔާރުގެ މުސާރަވެސް ބޮޑުކުރަން ނިންމައިފި
ހިޝާމް ހާރޫން 27 އޮކްޓޯބަރ 2026 (އަންގާރަ)   15:38
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައަށް ވުރެ އުއްތަމަ ފަނޑިޔާރުގެ މުސާރަ ކުޑަވާތީ އުއްތަމަ ފަނޑިޔާރުގެ މުސާރަ ވެސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ކޮމިޓީއަށް މިއަދު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އަދި އޭނާ އެ ހުށަހެޅުން ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް މިހާރު ލިބޭ މުސާރަ މަޖިލީހުގެ ރައީސްގެ މުސާރައަށް ވުރެ ކުޑަވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މީގެކުރިން ލިބެމުން ދިޔައީ 73،125ރ. އެވެ. ނަމަވެސް އެއީ މަޖިލީހުގެ ނައިބު ރައީސާއި މެންބަރުންނަށް، ކޮމިޓީ އެލަވަންސާއެކު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް ވުރެ ކުޑަ އަދަދަކަށް ވާތީ މަޖިލީހުގެ ރައީސްގެ ޖުމްލަ މުސާރަ އާއި އިނާޔަތްތައް 95،000ރ. އަށް ބޮޑުކުރަން ކޮމެޓީން ވަނީ މިދިޔަ ހަފުތާގައި ނިންމާފައެވެ.

އުއްތަމަ ފަނޑިޔާރަށް މިހާރު ލިބިވަޑައިގަންނަވަނީ 91،000ރ. ކަމަށް ވުމާއެކު، މެންބަރު މަމްދޫހު ހުށަހެޅުއްވީ އުއްތަމަ ފަނޑިޔާރަށް ހާއްސަ އެލަވެންސެއްގެ ގޮތުގައި އިތުރު 4،125ރ. ހަމަޖެއްސުމަށެވެ.

އެއާއެކު، އުއްތަމަ ފަނޑިޔާރަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަޖިލިސް ރައީސާ އެއްވަރަށް މަހަކު 95،125ރ. ލިބިވަޑައިގަންނަވާނެ އެވެ. އެ ބަދަލު ގެންނަން ކޮމިޓީން ފާސްކުރީ މިއަދު ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

މުސާރައިގެ ފަރަގު ނައްތާލަން ކަމަށް ބުނެ މާލިއްޔަތު ކޮމިޓީން ކުރިން ވަނީ މިނިސްޓަރުންގެ ކާރު އެލެވެންސް ވެސް ބޮޑުކޮށްފަ އެވެ. ކުރިން މިނިސްޓަރުންނަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބެނީ 58،500ރ. އެވެ. އަދި އެއަށް އިތުރުކުރަން ހުށަހެޅީ 17،000ރ. އެވެ. އެއީ ޕެޓްރޯލް އެލަވަންސަށް 2،000ރ. އާއި ޑްރައިވަރުންގެ މުސާރައަށް 12،000ރ. އަދި ޑްރައިވަރުންގެ ލިވިން އެލަވަންސަށް އިތުރު 3،000ރ. އިތުރު ކުރުމަށެވެ. އެހެންވެ، އެ ބަދަލާއެކު މިނިސްޓަރުންގެ މުސާރަ 75،000ރ. އަށް ބޮޑުވާނެއެވެ.

މާލިއްޔަތު ކޮމިޓީން މި ނިންމުން ނިންމުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ އެ ނިންމުން ކުށްވެރިކޮށް އެކަން އެގޮތަށް މި ދަނޑިވަޅުގައި ނުކުރުމަށް ގޮވައިލާ ބަޔާނެއް ނެރެފައެވެ.

އެމްޑީޕީ ޕީޖީ ގުރޫޕްގެ ބަޔާނުގައި ބުނެފައިވަނީ ވަޒީރުންނާއި މަޖިލިސް ރައީސްގެ އިނާޔަތް އިތުރުކުރުމަށްވުރެ މުހިންމު ކަންކަން ރައްޔިތުންނަށް މިވަގުތަށް އޮތުމުން އެކަންކަމަށް އިސްކަން ދިނުމަށެވެ. މީގެ އިތުރުން ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށާއި، ރައްޔިތުންނަށް ލިބެމުންދާ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރާއި މަޖިލީހުންވެސް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ގޮވާލާފައި ވެއެވެ.

ކޮމެންޓް