
މިހާރު މަޖިލީހުގެ ގަވާއިދު އޮންނަ މަޖިލީހަށް ހުށަހަޅާ ގަރާރަށް ބަހުސް ކުރުމުގެ ފުރުސަތު ލިބެއެވެ. އެ ގަރާރަކާ ގުޅޭގޮތުން މެންބަރުން ބޭނުންވާ ހިޔާލެއް ފާޅުކުރެވެއެވެ. ގަރާރު މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހުން އޮންނަނީ ބަހުސްގެ މަރުހަލާއަށް ފަހުއެވެ.
އެހެންނަމަވެސް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު، މަޖިލީހުގެ ގަވާއިދަށް ހުށަހެޅުއްވި އިސްލާހުގައި ބުނާގޮތުން ހުށަހަޅާ ގަރާރަށް ބަހުސް ކުރުމުގެ ކުރިން ވޯޓަށް އަހަންޖެހެއެވެ. ގަރާރާ ގުޅޭގޮތުން ބަހުސް ކުރާނީ ވޯޓުން ފާސްވެއްޖެނަމަ އެވެ. މިހެންވުމުން މިހާރު މަޖިލީހަށް އެމްޑީޕީގެ މެންބަރުން ހުށަހަޅާ ކުއްލި މައްސަލަތަކަށް އާންމުގޮތެއް ވާގޮތަށް ބަހުސް ކުރުމުގެ ފުރުސަތު ނުލިބި މައްސަލަ ބޭރުކޮށްލުން އާންމުވާނެ ކަމަށް ބެލެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާއަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މަޖިލީހަށް ހުށަހަޅާ ގަރާރު ބަލައިގަންނަން ވޯޓަށް އަހާނީ ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ކަމަށެވެ. އަދި، އެގޮތަށް ވޯޓަށް އަހާއިރު، ފާސްނުވެއްޖެ ނަމަ، ގަރާރު ބާތިލުވާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.
"ގަރާރު ބަލައިގަންނަން ފާސްވެއްޖެ ނަމަ، އިބްތިދާއީ ބަހުސްކުރުމަށްފަހު، އެ ގަރާރު ދެން ދަތުރުކުރާނީ އެ ގަރާރާގުޅޭ ކޮމިޓީއަށެވެ. ގަރާރު ބަލައިގަންނަން ފެންނަކަމަށް ފާސްނުވެއްޖެ ނަމަ، އެ ގަރާރު ބާތިލުވީ އެވެ، އެ ގަރާރާމެދު އިތުރު ބަހުސް ކުރުމެއް ނޯންނާނެ،" ހަންނާނު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެއެވެ.
މި ހުށަހެޅުމާމެދު މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ވިދާޅުވީ އެ އިސްލާހަކީ ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުން އިތުރަށް އުނދަގޫކުރުމަށް ގެންނަ އިސްލާހެއް ކަމަށާއި "ހަގީގީ މަގްސަދަކީ ރަސްމާލެ މަޝްރޫއުގެ ބަހުސް ހުއްޓުވުން،" ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓްގައި މީކާއީލް ވިދާޅުވެފައިވަނީ ބިލް ހުށަހެޅުއްވި މެންބަރު ހަންނާނަކީ ސަރުކާރުގެ "މިނިވަން" މެންބަރު ކަމަށެވެ.
ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރެއްގެ ނަމުގައި ހުންނެވި މެންބަރު ހަންނާނު ގެންދަވަނީ ސަރުކާރު ބޭނުންވާގޮތަށް އެކި އިސްލާހުތައް ހުށަހަޅުއްވަމުންނެވެ. އަދި ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހުން އެ އިސްލާހުތަކަށް ފުރިހަމައަށް ތާއީދުކޮށް ނުހަނު އަވަހަށް ފާސްކުރެއެވެ.




