ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް.--- ފޮޓޯ: މަޖިލިސް
އީގަލް ހިލްސް އެއްބަސްވުމުގެ ތަފުސީލު ހާމަކުރަން ގޮވާލައި ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި
ހިޝާމް ހާރޫން 26 އޮކްޓޯބަރ 2026 (ހޯމަ)   14:55
ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިނުމަށް ނިންމައި އެ ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތަފުސީލުތައް ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

އީގަލް ހިލްސްއާއެކު ސަރުކާރުން ވެފައިވާ ކޮމާޝަލް ޓާމްސް އެގްރީމެންޓުގެ ހުރިހާ ތަފުސީލުތަކެއް ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ގަރާރު މަޖިލީހުން ބޭރުކޮށްލީ 45 މެންބަރުންގެ ވޯޓުންނެވެ. ގަރާރު މަޖިލީހަށް ބަލައިގަތުމަށް ވޯޓް ދެއްވީ 10 މެންބަރުންނެވެ.

އެ ގަރާރަށް ބަހުސްކުރައްވަމުން ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ވަނީ ރަސްމާލެ މަޝްރޫއު ދިފާއުކުރައްވައި ވާހަކަދައްކަވައިފަ އެވެ. ނަމަވެސް، އީގަލް ހިލްސްއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ހާމަކުރަން ނުވަތަ ނުކުރަންޖެހޭ ސަބަބެއް އެ ބޭފުޅުން ފާހަގައެއް ނުކުރައްވައެވެ.

އެ ގަރާރަށް ބަހުސްކުރެއްވި އެމްޑީޕީގެ މެންބަރުން ވަނީ އީގަލް ހިލްސްއާއެކު ސޮއިކުރި އެއްބަސްވުން ހާމަކުރަންޖެހޭ ކަމަށާއި އެ އެއްބަސްވުން ސިއްރުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ.

އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމުގެ ހުރިހާ ތަފުސީލުތައް ހާމަކުރަން ގޮވާލައި އެމްޑީޕީން މަޖިލީހަށް ގަރާރެއް ހުށަހެޅުމުން މަޖިލީހުގައި ތިއްބަވާ ޕީއެންސީގެ މެންބަރުން ވަނީ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން ވެސް ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލީހަށް އެކި ކަންކަމާ ގުޅޭގޮތުން ހުށަހަޅާ ގަރާރުތަކަށް ބަހުސް ކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހެޅުއްވީ ޕީއެންސީއާއެކު މަސައްކަތް ކުރައްވާ އަމިއްލަ މެންބަރު، އަބްދުލްހަންނާނު އަބޫބަކުރު އެވެ.

އެމްޑީޕީގެ މެންބަރުން ސިފަކުރައްވާފައި ވަނީ، އެކަމުން ހާމަވަނީ ސަރުކާރާއި ޕީއެންސީގެ މައްޗަށް އީގަލް ހިލްސް ކުންފުނީގެ ނުފޫޒު އޮތް މިންވަރު ކަމަށެވެ.

"މިހާރު ރައްޔިތުންގެ މަޖިލީހުގައި މި ކުރިއަށްދާ ކަންކަމުން ވެސް އަޅުގަނޑުމެންނަށް ވަޒަންކޮށްލަން އެނގޭ އެމީހުން މިތަނުގައި ވަޒަންވެރިވެ މިތަނުގެ ޕްރޮޕަޓީތައް ވިއްކައި 99 އަހަރަށް އާބާދުވުމަށްފަހު، ދެން މި ރައްޔިތުންގެ މަޖިލީހަށް، ދެން މި ދިވެހި ދައުލަތަށް މި ދިވެހި ގައުމަށް ފޯރުވާނެ ނުފޫޒު މި ގެނައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް މި ގެންނަ ބަދަލުން އެކަނި ވެސް އަޅުގަނޑުމެންނަށް ސާފުވޭ،" މީކާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޭރުގެ އެއްވެސް ބަޔަކަށް އެންމެ ވެލިފުކެއް ވެސް ނުދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ބިމަކުން ބޭރުގެ ކުންފުންޏަކަށް ތާއަބަދަށް 500 ހެކްޓަރުގެ ބިން ދޭން ސަރުކާރުން މަސައްކަތް ކުރަނީ ކޮންމެ ވެސް ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ލިބިފައިވާތީ ކަމަށެވެ.

ކޮމެންޓް