
ސަރުކާރުގެ ފަރާތުން، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހެޅުއްވި ބިލް މިއަދު އަނބުރާ ގެންދިޔައިރު، އިއްޔެ އާއި މިއަދުގެ ޖަލްސާއަށް ވެސް އެ ބިލް އެޖެންޑާ ކުރުމަށްފަހު އެޖެންޑާއިން ނެގިއެވެ. އެކަން އެގޮތަށް ކުރީ އަދި ބިލް އަނބުރާ ގެންދިޔައީ ކޮން ސަބަބަކާ ހުރެކަން ސާފުނުވި ނަމަވެސް، އެ ބިލް މިހާރު ވަނީ ސަރުކާރުން އަނބުރާ ގެންގޮސްފައިކަން ވަނީ ކަށަވަރުވެފައެވެ.
މިއީ ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް އިން ހިންގަން އުޅޭ ބިޔަ މަޝްރޫއަށް ފަހިކުރުމަށް ގެންގަން އުޅޭ ބަދަލުތަކެއް ކަމަށް ބުނެ އެ ބިލަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
ނަމަވެސް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވާގޮތުން، ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހަކީ، ރާއްޖޭން 42 އަހަރު ކުރިން ބައިވެރިވެފައިވާ ޖެނޮސައިޑް ކޮންވެންޝަނުން ލާޒިމްކުރާ ބަދަލުތަކެއް ކަމަށެވެ. ނަމަވެސް މިހާ ދުވަސް ވެގެން ދިޔައިރު ވެސް މި އިސްލާހުތައް ގެނެސްފައި ނުވާ ކަމަށާއި މިއީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ރާއްޖޭން ތަދައްހުލްވެ ވަކާލާތުކުރާ މައްސަލަތަކުގައި ރާއްޖޭގެ ގާނޫނީ ހުށަހެޅުންތައް ބަލިކަށިވާ ސަބަބެއް ކަމަށް ވެސް ވިދާޅުވި އެވެ.
މި ބިލުގައި ބުނެފައިވާގޮތުން، ބިލު ހުށަހެޅި މަގުސަދުތަކުގެ ތެރޭގައި، ރާއްޖޭން ބައިވެރިވެފައިވާ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން ގަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމާއި، އެ ކުށުގެ އަދަބު ބަޔާންކުރުން ހިމެނެއެވެ.
މީގެ އިތުރުން، ދައުލަތަށް ހިޔާނާތްތެރިވުމާއި އިގުތިސާދީ ރައްކާތެރިކަމަށް ގެއްލުންހުރި އަމަލުތައް ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަކީ ވެސް މި ބިލުގެ މަގުސަދެކެވެ.
އަދި، އިސްލާމްދީނާ އިދިކޮޅު އަމަލުތަކުގެ ކުށަށް ކަނޑައަޅާފައިވާ އަދަބު ބޮޑުކުރުމަށްޓަކައި ގާނޫނުލްއުގޫބާތަށް އިސްލާހުތައް ގެނައުމަށް ވެސް ބިލުގައި ބުނެފައިވެއެވެ.
ގަތުލުއާންމު ހިންގުން ޖިނާއީ ކުށަކަށް:
ބިލުގައި ހުށަހަޅާފައިވާ ގޮތުން، ގާނޫނުލްއުގޫބާތުގެ 140 ވަނަ ބާބުގެ ފަހަތަށް "ގަތުލުއާންމު" ގެ ނަމުގައި އާ މާއްދާއެއް އިތުރުކުރެވޭނެ އެވެ. މި މާއްދާގެ ދަށުން، ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތެއް އެކުގައި ނުވަތަ އޭގެ ބޮޑު ބައެއް ނެތިކޮށްލުމުގެ ނިޔަތުގައި ކުރާ ފަސް ކަމެއް ކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅޭނެ އެވެ. އެއީ:
މީގެ އިތުރުން، ދައުލަތުގެ އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ ފަރުވާލެއް ނެތި ކުރާ ހަތަރު ކަމެއް ކުރުމަކީ ވެސް ޖިނާއީ ކުށެއްގެ ގޮތުގައި ބިލުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި، މުހިންމު އުމްރާނީ ވަސީލަތަކަށް ނުވަތަ އެ ފަދަ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރު ސިސްޓަމަށް ގެއްލުންދިނުމަކީ ކުށެއް ކަމުގައި ކަނޑައެޅުން ހިމެނެ އެވެ.
މި ފަދަ ބިލެއް ސަރުކާރުން ހުށަހެޅީ، ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.
މި މަޝްރޫއުގެ ތެރެއިން އިޒްރޭލުގެ މީހުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެ، ވަޒަންވެރިވެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ދަނީ ހާމަކުރަމުންނެވެ. އެހެންނަމަވެސް ސަރުކާރުން ބުނަމުންދަނީ އެކަން އެގޮތަށް ނުވާނެ ކަމަށެވެ.




