
އެމްޕީއެލުން ބުނީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، މުދާ ހުރިގޮތަށް ކްލިއާކުރާ ކޮންޓެއިނަރުތައް މިހާރު ތިލަފުށީ ކާގޯ ޓާމިނަލަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި ކުރިއަށް ދިޔަ ތަނުގައި އެ ޓާމިނަލުން ކޮންޓެއިނަރުތައް ކަނޑައި ހުސްކުރުމުގެ ހިދުމަތްވެސް ފެށިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މި މަޝްރޫއުގެތެރެއިން، ތިލަފުށީގައި ތަރައްގީކުރާ އާ ބަނދަރަކީ ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މި އަހަރުގެ ފެބްރުއަރީ މަހު ވަނީ ސީއެޗްއީސީ (ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ) އާ ހަވާލުކޮށްފައެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން، 20 ހެކްޓަރުގެ ބިމެއްގައި ތަރައްގީކުރާ މި ބަނދަރުގެ މަސައްކަތް މުޅިން ނިމުމުން، އަހަރަކު ތިން ލައްކަ ކޮންޓެއިނަރު (ޓީއީޔޫ) ހެންޑްލް ކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. މިއީ މިދިޔަ އަހަރު މާލޭ ބަނދަރުން ހެންޑްލުކުރި 135،000 ޓީއީޔޫއާ އަޅައިބަލާއިރު ދެގުނައަށްވުރެ ބޮޑު އަދަދެކެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ވިޔަފާރި ބަނދަރު މުޅިން ތިލަފުށްޓަށް ބަދަލުކޮށް ނިންމުމަށެވެ. އެހެންކަމުން މިހާރު ދިމާވެފައިވާ މުދާއުފުލާ ބޯޓުތައް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
އެހެންކަމުން، މި ދަތިތަކަށް ވަގުތީ ލުޔެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ މުދާ ކްލިއާ ކުރުމުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، ޑެމަރޭޖް ފްރީ މުއްދަތުވެސް އިތުރުކޮށްދީފައެވެ.
އާ ބަނދަރުގެ މަސައްކަތް ނިމި ހިދުމަތް ފެށުމާއެކު، މުދާ ކްލިއާ ކުރުމަށް މިހާރު ނަގާ ހަތް ދުވަހުގެ މުއްދަތު 48 ގަޑިއިރަށް ކުޑަކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.




